25 May 2013, 22:32
އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ދިގުކޮށް ބޮޑު ކުރުމަށް ކޮންނަ ބޯޓެއް އައްޑު އަށް ގެންގޮސްފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިރޭ ސަން އޮންލައިނަށް ވިދާޅުވީ އެ ބޯޓު އައްޑޫ ސިޓީ އަށް ގެންދިޔައީ މީގެ ދެތިން ދުވަސް ކުރިން ކަމަށާއި ގަން އެއާޕޯޓް ދެކުނަށް ބޮޑު ކުރާ ސަރަހައްދަށް ބޯޓު ވެއްދުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގަމުގެ ފޭދުއާ ވީ ކޮޅަށް އެއާޕޯޓް 900 މީޓަރު ދިގު ކުރާނެ ކަމަށާއި އަދި އެ ސަރަހައްދު 350 މީޓަރު ފުޅާ މިނުގައި ހިއްކުމަށް ނިންމާފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ މިހާރު ކުރަމުން އަންނަ މަސައްކަތަކީ ގަމާއި ފޭދުއާ ދިމާލު ފުއްޓަރުން ކޮންނަ ބޯޓު އެ ސަރަހައްދަށް ވެއްދުމަށް ޓަކައި ނެރެއް ހެދުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ކުރައްވަނީ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެއްދެވުމަށް ފަހު ކަމަށާއި އަދި މިހާރު ވެސް ނެރެއް ގޮތަށް ފުންކޮށް އޮތް ސަރަހައްދެއް ފުން ކުރުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ ގަން ބޮޑު ކުރާ ސަރަހައްދު ހިއްކުމަށް ފަސް މަސް ދުވަސްވަރު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ދިގުކުރުމުގެ މަސައްކަތާއި ސީ ޕްލޭންގެ ޓާމިނަލް އަޅާނެ ބިން ހިއްކުމާއި ޓާމިނަލް އަޅާ ބިމުގެ އައްސޭރި ފަށުގައި ރިވެޓްމެންޓްމަންޓް ޖެހުމުގެ މަސައްކަތް 11.7 މިލިއަން ޑޮލަރަށް(180 މިލިއަން ރުފިޔާ) އަށް ދުބާއީގެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ.