ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ ދެކޮޅަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު މުޒާހަރާކޮށްފި އެވެ.

ޖޭއެސްސީން ފަނޑިޔާރުންނަށް ނުފޫޒް ފޯރުވަމުންދާ ކަމަށް ބުނެ މާލެއާއި ރާއްޖޭގެ ބައެއް އެހެން ރަށްރަށުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި އެމްޑީޕީން ވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ، އެކަން ހުޓާލުމަށް ޖޭއެސްސީ އަށް ގޮވާލާފަ އެވެ.

ގިނަ އަދަދެއްގެ ބަޔަކާ އެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި މުޒާހަރާގައި ވަނީ ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު އެ ކޮމިޝަނުން ވަކިކުރުމަށް ގޮވާލާފަ އެވެ. އަދި އެ ކޮމިޝަންގައި ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވެސް އެ ކޮމިޝަނުން ވަކި ކުރުމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ.

މިއަދުގެ މުޒާހަރާގައި ޖޭއެސްސީގެ ރައީސް އާއި ގާސިމް ފަނޑިޔާރުންނަށް ބިރުދައްކާ ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ޖޭއެސްސީގައި ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރައްވާ މެންބަރު ގާސިމް އިބްރާހީމް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑޭސީ ބާތިލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ތުހުމަތު ކޮށްފަ އެވެ.

މިއަދުގެ މުޒާހަރާގައި އެމްޑީޕީން ވަނީ ދިވެހި ރާއްޖޭގެ ޝަރުޢީ ދާއިރާ އިސްލާހްކޮށް ރާއްޖޭގައި އަދުލުއިސްސާފު ގާއިމް ކުރުމަށް ވަނީ ގޮވާލާފަ އެވެ.

ޖޭއެސްސީއާ ދެކޮޅަށް އެމްޑީޕީން މުޒާހަރާކޮށްފައި މިވަނީ ހައިކޯޓުގެ އިސްފަނޑިޔާރު އާދަމް ޝަރީފް ޖޭއެސްސީ އަށް ހާޒިރު ކުރުމާ ގުޅިގެންނެވެ. އަދި މީގެ އިތުރުން ރައީސް ނަޝީދު ޖޭއެސްސީ އާ ދެކޮޅަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަވަސް ކޮށްދިނުމަށް އެދި ދެފަހަރެއްގެ މަތިން ހައިކޯޓަށް ސިޓީ ފޮނުވުން ވެސް އެއީ އެމްޑީޕީން ޖޭއެސްސީއާ ދެކޮޅަށް ނިކުތް ސަބަބެއް ކަމަށް އެ ޕާޓީގެ އިސްބޭފުޅުން ވިދާޅުވެ އެވެ.