25 May 2013, 21:16
ރޭގަނޑު އަރާމު ނިދީގައި ތިއްބާ ކުޑަކަމުދާން ޖެހިގެން ތެދުވަން ޖެހުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. އަދި އެގޮތަށް ގިނައިން ދިމާވަނީ މާބަނޑު މީހުންނާއި ދެބައި އުމުރަށް ވުރެ މައްޗަށް ގޮސްފައި ތިބޭ މީހުންނަށެވެ. އާންމު ގޮތެއްގައި އެއްފަހަރު ނުވަތަ އެއަށް ވުރެ ގިނަފަހަރު ކުޑަކަމުދާން ތެދުވާން ޖެހޭ ނަމަ އެ ހާލަތު ޑޮކްޓަރުން ސިފަކުރަނީ "ބައްޔެއް"ގެ ގޮތުގަ އެވެ. އަދި އެއަށް ޑޮކްޓަރީ ގޮތުން ކިޔަނީ "ނޮކްޓަރިއާ"އެވެ.
ޔޫރަޕިއަން އެސޯސިއޭޝަން އޮފް ޔޫރޮލޮޖީ (އީއޭޔޫ)ގެ 28 ވަނަ އަހަރީ ކޮންގްރެސްގައި ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރި ރިޕޯޓެއްގައި ބުނެފައި ވަނީ، ރޭގަނޑުގެ އަރާމު ނިދިން މަހުރޫމުވެގެން ކުޑަކަމުދާން ތެދުވާން ޖެހޭ ޖެހުމަކީ ހަމައެކަނި ނިންޖަށް އެޅޭ ހުރަހެއް ނޫންކަމަށާއި އޭގެ ސަބަބުން އެމީހާގެ ދުވާލުގެ މަސައްކަތަށް ހުރަސްއެޅި އަދި ހިތްހަމަޖައްސާލުމަށް ކުރާ މަސައްކަތުގެ "ދުވެލި" ވަރަށް ބޮޑަށް "ލަސް"ވާ ކަމަށެވެ.
އެ ރިޕޯޓު ތައްޔާރު ކުރި ފާރާތްތަކުން ބުނީ، ނޮކްޓަރިއާ ބަލީގެ އުނދަގޫ ހުންނަ 646 މީހުން (261 އަންހެނުންނާއި 385 ފިރިހެންނުން) ހިމަނައިގެން އެމީހުންނަށް ދިމާވާ ސިއްހީ އެކި އެކި އުނދަގޫތަކާއި އަދި ނިދީގައި އޮއްވާ ކުޑަކަމުދާން ތެދުވާން ޖެހޭ މިންވަރު އެނގޭ ގޮތަށް ސުވާލުތަކެއް ހިމަނައިގެން 14 ދުވަސްވަންދެން ކުރި ދިރާސާގެ ނަތީޖާ ދައްކާ ގޮތުގައި އެފަދަ އުނދަގޫތައް ހުންނަ މީހުންނަށް އާދައިގެ މީހުންނާ އަޅާބަލާއިރު 24 އިންސަތަ މަސައްކަތުގެ ދުވެލި ލަސްވާ ކަމަށެވެ.
އެ ރިޕޯޓުގެ މުސައްނިފު، ނެދަލޭންޑްސްގެ މާސްޓްރިޗް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ފިލް ވެން ކެރެބްރޫކް ވިދާޅުވީ އެ ދިރާސާގައި ހިމެނޭ ޑާޓާތައް ދައްކާގޮތުން ނޮކްޓަރިއާގެ ނުރަނގަޅު އަސަރު އެބަލި ހުންނަ މީހުން އާމްދަނީ ހޯދުމަށް ކުރާ ދުވާލުގެ މަސައްކަތަށާއި އަދި އެމީހުންގެ އެހެނި ކަންކަމުގައި ހޭދަކުރާ މަސައްކަތުގެ ދުވެއްޔަށް ވެސް ވަރަށް ބޮޑަށް ކުރާ ކަމަށެވެ. އަދި ރޭގަނޑުގެ ނިދި ފުރިހަމައަށް ލިބޭ މީހުން ދުވާލުގަޑިގައި ކުރާ މަސައްކަތުގެ ދުވެލި އަވަސް ވެފައި އުފެއްދުންތެރިކަން ވެސް އިތުރުވާ ކަމަށެވެ.