25 May 2013, 20:24
ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް ކަމެއް ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިލްތިމާސް ކުރައްވައިފި އެވެ.
ރައީސް ވަހީދު އެކަމަށް އިލްތިމާސް ކުރެއްވީ އެމްއެންޑީއެފްގެ ދެވަނަ އޮފިސާ ކެންޑިޑޭޓް ކޯހުގެ ދަސްވެނިމުން ފާހަގަ ކުރުމަށް ގިރިފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި އިސްތިގުލާލު ދެމެހެއްޓުމަކީ ހަމައެކަނި ސިފައިންނާ ފުލުހުންގެ ޒިންމާއެއް ނޫންކަމަށާއި އެއީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ޒިންމާއެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ގައުމީ ސަލާމަތަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުކުރުމަށް ރައީސް ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.
"ގައުމީ ސަލާމަތަށް މަސައްކަތް ކުރުމަކީ ހަމައެކަނި ސިފައިންގެ ޒިންމާއެއް ނޫން. އަދި ކިއެއްތަ ފުލުހުންގެވެސް ހަމައެކަނި ޒިންމާއެއް ނޫން. އެއީ ހަމަ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ޒިންމާއެއް. އެހެންކަމުން ދިވެހި ރާއްޖޭގެ ގައުމީ ސަލާމަތަށްވެސް އަދި ގައުމީ މަސްލަހަތަށްވެސް ބުރޫ އަރާފަދަ އެއްވެސް ކަމެއް ނުކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިންވެސް އަޅުގަނޑު އެދޭ އެދުމެއް. މިފަދަ ކަންކަމަށް ސަލާމަތީ ބާރުން ސަމާލުކަން ދީ ފާރަވެރިވާން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރިމަތިވާ ހުރިހާ ނުރައްކަލަކުން ސަލާމަތް ވުމަށްޓަކައި ގައުމުގެ އިގްތިސޯދީ ސިނާއަތްތަކާއި އިޖުތިމާއީ ނިޒާމްތައް ރައްކާތެރި ކުރާން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ގާނޫނު އަސާސީ އާއި ދައުލަތް ރައްކާތެރިކޮށް ބެލެހެއްޓުމާއި، ގައުމުގެ މިނިވަން ކަމާއި އިސްތިގްލާލާއި، ސިޔާދަތު ހިމާޔަތްކޮށް ދިފާއު ކުރުމުގެ އިތުރުން ގާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ ފަދަ ގާނޫނާއި ޚިލާފު ކޮންމެ ކަމަކަމުން ގާނޫނީ ވެރިކަން ހިމާޔަތް ކުރުމަކީ އެއްމެ ބޮޑު އިސްކަމެއް ދީގެން ސިފައި އަދާކުރާން ޖެހޭ ގައުމީ އަދި ގާނޫނީ ވާޖިބުތައް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޒަމާނާ އެކު ސަލާމަތީ މަސްރަހު ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށާއި ހަމައެކަނި ކަނޑިއާ ބަޑި ހިފައިގެން މިހާރު މި ގައުމުގެ ސަލާމަތެއް ނުބެލެހެއްޓޭނެ ކަމަށެވެ. އަދި ޅަފަތުގައި އޮތް ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ހިމާޔަތް ކޮށްދިނުމަކީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ސިފައިންގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ޒަމާނަކީ ހަމަ އެކަނި ކަނޑިއާ ބަޑި ހިފައިގެން ގައުމެއްގެ ސަލާމަތާއި، ރައްކާތެރިކަން ޔަގީން ކުރެވޭނެ ޒަމާނެއް ނޫން. އެއްވެސް ޝައްކެއް ނެތް ގޮތުގައި ކޮންމެ ގައުމެއްގައި ވެސް ގައުމީ ސަލާމަތަކީ ޚާރިޖީ ގުޅުން ތަކާއި، ދިފާއީ ނިޒާމާއި، ގައުމުގެ އިގްތިސޯދީ އަދި މާލީ ހާލަތާއި، އިޖްތިމާއީ ހާލަތާއި، ގައުމުގެ ތައުލީމީ ނިޒާމު ތަކާއި، ހާލު އެކުލެވިގެން ކަށަވަރު ކުރެވޭ އެއްޗެއް. ދިވެހި ރާއްޖެއަށް ބަލާއިރުވެސް މި ހަގީގަތް ވަރަށް ސާފު. އެހެންކަމުން ރާއްޖޭގެ ގައުމީ ސަލާމަތީ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ހަރުދަނާ ޚާރިޖީ ސިޔާސަތެއް ގެންގުޅެން ޖެހޭ. އެ ސިޔާސަތަކީ ގައުމުގެ އަމިއްލަ ވަންތަކަން ގެއްލި އެހެން ބަޔަކަށް އަޅުގަނޑުމެންގެ ކަންކަން ހިންގުމުގެ ފުރުސަތު ތަނަވަސް ކޮށްދޭ ސިޔާސަތަކަށް ވެގެން ނުވާނެ،" ރައީސް ވިދާޅުވިއެވެ.