ދިރާގު ދިވެހި ލީގުގެ ދެ ވަނަ ބުރުގައި މިއަދު ހަވީރު ބީޖީ ސްޕޯޓްސް ކުލަބު އަތުން ފަހަތުން އަރައި 2-1 ލަނޑުން މެޗު ކާމިޔާބުކޮށްގެން ލީގު ތާވަލްގެ ދެ ވަނަ މަގާމަށް ކުލަބު ވެލެންސިޔާ ޖެހިލައިފި އެވެ.

މިއަދު މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑް ދެ ވަނަ ހާފުގައި ނެގީ ބީޖީއިންނެވެ. އެލަނޑު މެޗުގެ 46 ވަނަ މިނެޓުގައި ބީޖީއަށް ކާމިޔާބު ކޮށްދިނީ ފަރުހާދު އިސްމާއީލެވެ. އެ މެޗުގައި ވެލެންސިއާއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު 66 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަބްދުﷲ ރަޝީދު މާހިރެވެ. އަދި މިއަދުގެ މެޗުން މޮޅުވި ލަނޑު 68 ވަނަ މިނެޓުގައި ވެލެންސިއާއަށް ކާމިޔާބު ކޮށްދިނީ މެޗުގެ ދެ ވަނަ ހާފުގައި ކުޅެން ނުކުތް މުހުތާރު ނަސީރެވެ.

މިއަދުގެ މެޗުން މޮޅުވުމުން ތާވަލްގެ ދެ ވަނަ މަގާމްގައި ވެލެންސިއާ އޮތީ 15 ޕޮއިންޓާއެކު އެވެ. އަދި މެޗުން ބަލިވި ބީޖީ އޮތީ 12 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނަ މަގާމްގައެވެ. ލީގުގެ އެއްވަނަ މަގާމް ގައި އޮތީ 24 ޕޮއިންޓާއެކު އޮތް ނިއުރޭޑިއަންޓެވެ.

މެޗަށްފަހު ވެލެންސިއާގެ ކޯޗް ކަމާ މީގެ ތިން ދުވަސް ކުރިން ހަވާލުވި ނިއުގެ ކުރީގެ ކޯޗް މުހައްމަދު ޝިއާޒް (މޯހަން) ބުނީ، މެޗުން މޮޅުވުމުން އުފާވާ ކަމަށާއި އަދި ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނީ މޮޅު ކުޅުމެއް ކަމަށެވެ.

ލީގުގައި މަދަމާ ހަވީރު ބައްދަލުކުރާނީ އީގަލްސް އާއި ވީބީ އައްޑޫ އެފްސީއެވެ.