25 May 2013, 17:46
ނޫސްވެރިން ލިޔާ ލިޔުންތަކުގެ މަސްދަރު ހޯދުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް މީޑިޔާ ކައުންސިލުން ކުރިމިނަލް ކޯޓުގައި އެދެފި އެވެ.
ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ކްރިމިނަލް ކޯޓަށް މީޑިޔާ ކައުންސިލުން އެންގީ ސަން އޮންލައިންގައި ލިޔެފައިވާ ހަބަރެއްގެ މަސްދަރު ހާމަކުރުމަށް އަންގާފައިވާ މައްސަލައާ ގުޅިގެން އެ ކޯޓަށް މީޑިޔާ ކައުންސިލުން މިއަދު ފޮނުވި ސިޓީއެއްގަ އެވެ.
މީޑިޔާ ކައުންސިލުން މިއަދު ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ "ޝިފާންގެ މަރުގެ މައްސަލައިގެ ރިޕޯޓަށް އެދިފައި އޮތްކަން ގާޒީއަށް އެނގުނީ މިއަދު" މި ނަމުގައި ސަން އޮންލައިންގައި ލިޔެފައިވާ ހަބަރުގެ މަސްދަރު ހާމަކުރުމަށް ކްރިމިނަލް ކޯޓުން ސަން އޮންލައިނަށް އަންގާފައިވާ މައްސަލަ އެ ކައުންސިލުން ބަލައި ދިރާސާކުރި އިރު އެ ހަބަރުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ރިޕޯޓް ނުލިބި ވަނީ ކްރިމިނަލް ކޯޓުގެ އިދާރީ މައްސަލަ އަކުންކަން ކޯޓުގެ އޮފިޝަލަކާއި ހަވާދީފައިވާކަން އެނގެން އޮތް ކަމަށެވެ.
"މި އަމަލަކީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިނަށް ލިބިދީފައިވާ ހިމާޔަތާއި ރައްކާތެރިކަމަށް ހުރަސްއެޅުމުގެ އިތުރުން މިނިވަން ކަމާއެކީގައި މަސައްކަތްކުރާ ނޫސްވެރިންނަށް އެމީހުންގެ ވާޖިބު އަދާކުރުމަށް އޮތް ހުރަހެއް ކަމަށް މި ކައުންސިލުން ދެކެވެ. މި ކައުންސިލުން އިލްތިމާސްކުރަނީ މި ފަދަ އަމަލެއް އެއްވެސް ފަރާތަކުން ތަކުރާރު ނުކުރުމެވެ."
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދަށް ފޮނުވާ ސިޓީގައި ބުނެފައި ވަނީ ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަކުރުމަށް އަންގާ އެންގުމަކީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅުން ކަމަށް އެ ކައުންސިލުން ދެކޭ ކަމަށެވެ.
"ގާޒީއަށް އެނގުނީ މިއަދު' ސުރުހީގެ ދަށުން ސަން އޮންލައިންގައި ލިޔެފައިވާ ހަބަރު މި ކައުންސިލުން ބަލައި ދިރާސާކުރި އިރު ފާހަގަ ކުރެވުނު ނުކުތާއަކީ އެ ހަބަރުގައި ބަޔާންކުރާ ރިޕޯޓު ނުލިބި ވަނީ ކްރިމިނަލް ކޯޓުގެ އިދާރީ މައްސަލައަކުންކަން ކޯޓުގެ އޮފިޝަލާއި ހަވާލާދީ ސަން ނޫސްވެރިޔާ ރިޕޯޓުކޮށްފައިވާ ކަމަވެ."
އަދި އެ ހަބަރު އެހެން މީޑިޔާތަކުން ވެސް ރިޕޯޓުކޮށްފައިވާ އިރު މަސްދަރު ހަމާކުރުމަށް ހަމަ އެކަނި އަންގާފައި ވަނީ ސަން އޮންލައިނަށް ކަން ވެސް މީޑިޔާ ކައުންސިލްގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
"މި ވާހަތައް ރާއްޖޭގެ އެހެން މީޑިޔާތަކުން ވެސް ރިޕޯޓުކޮށްފައި ވަނީ ހަމަ މި ގޮތައްކަން ކައުންސިލަށް ފާހަގަކުރެވުނެވެ. އެހެން ނަމަވެސް އެއް ހަބަރެއް އެއް މާނައެއް ދޭހަވާ ގޮތަށް އެތައް މީޑިޔާއަކުން ގެނެސްދީފައިވާ އިރު ހަމަ އެކަނި ސަން އޮންލައިނަށް އެ މައުލޫމާތުތައް ލިބުނު ގޮތެއް [މަސްދަރު] ހޯދުމަށް ސިޓީއަކުން ސަން އޮންލައިނަށް ސިޓީއަކުން އެދިފައިވާތީ މި ކައުންސިލުން ނުހަނު ކަންބޮޑުވުން ފާޅުކުރަމެވެ.،"