25 May 2013, 17:05
ލަންޑަން (މޭ 25): މިހަފްތާ ތެރޭގައި މާކަރީ އާއި ވީނަސް އާއި ޖުޕިޓާ ކައިރިކައިރީގައި އެތުރިފައިވާ ވަރަށް ރީތި އަދި ނާދިރު ގުދްރަތީ މަންޒަރެއް ފެނިގެންދާނެކަން ފަލަކީ ދިރާސާތަކުން ހާމަވެއްޖެ އެވެ.
ފަލަކީ ދިރާސާތައް ބުނާ ގޮތުން މިހާރު ވެސް ރޭގަނޑު ހަމަލޮލަށް ފެންނަގޮތަށް ހަނދާއެކު އެތުރިފައިވާ ދެ ޕްލެނެޓް ކަމަށްވާ ވީނަސް އާއި ޖުޕިޓައާ މިހަފްތާތެރޭގައި މާކަރީ ގުޅި އެކުޑަ ޕްލެނެޓް ވެސް އަނެއް ދެޕްލެނެޓާ އެކު ރީތިކޮށް އެތުރިފައިވާ މަންޒަރު ހަމަލޮލަށް ފެންނާނެ އެވެ. މިތިން ޕްލެނެޓް ދެހަފްތާއެއްހާ ދުވަސްވަންދެން އުޑުމަތިން މިގޮތަށް ފެންނަން ހުންނާނެ ކަމަށް ފަލަކީ ދިރާސާތައް ބުނެ އެވެ.
ސޯލާ ސިސްޓަމްގައި ހިމެނޭ މިތިން ޕްލެނެޓްގެ ތެރެއިން އިރާއެންމެ ގާތް ޕްލެޓަކީ މާކަރީ އެވެ. މާކަރީއާއި އިރާ ދެމެދުގެ އެވްރެޖް ދުރުމިނަކީ ގާތްގަނޑަކަށް 28.5 މިލިޔަން މޭލެވެ. ދެވަނަ އަށް އިރާއެންމެ ގާތްޕްލެނަޓަކީ ވީނަސް އެވެ. ވީނަސް އާއި އިރާދެމެދުގައިވާ އެވްރެޖް ދުރުމިނަކީ 108 މިލިޔަން ކިލޯމީޓަރެވެ. ތިންވަނައަށް އިރާ އެންމެ ދުރު ޕްލެނެޓް ކަމަށްވާ ބިމާއި އިރާ ދެމެދުގެ އެވްރެޖް ދުރުމިނަކީ ގާތްގަނޑަކަށް 149 މިލިޔަން 6 ލައްކަ ކިލޯމީޓަރެވެ.
ޖުޕިޓަރަކީ ބިމާއި މާސް އަށް ފަހު ފަސްވަނައަށް އިރާ ގާތް ޕްލެނެޓް ކަމަށްވާއިރު ޖުޕިޓަރާއި އިރާދެމެދުގައިވާ އެވްރެޖް ދުރުމިނަކީ 778 މިލިޔަން ކިލޯމީޓަރެވެ. ވީނަސް އާއި ޖުޕިޓަރު މިހާރު ހުރި ހިސާބުން އެދެޕްލެނެޓްގެ ދެމެދުގައިވާ އެވްރެޖް ދުރުމިނަކީ ގާތްގަނޑަކަށް 68 މިލިޔަން 9 ލައްކަ ކިލޯމީޓަރު ކަމަށްވެއެވެ.
މިހާ ދުރުގައި މިދެ ޕްލެނެޓް ހުރި ނަމަވެސް މިދެޕްލެނެޓް ވެސް އޭގެ އޯބިޓްތަކުގައި އިރުގެ ވަށައިގެން މިހާރު ދަތުރުކުރަމުން ދަނީ އެއްލެވެލްއެއްގައި ކަމަށް މިދިރާސާ ބުނެ އެވެ. މިތިން ޕްލެނެޓް އުޑުމަތިން ފެންނަ މަންޒަރު އެންމެ ރީތިވާނީ މިހަފްތާގެ ކޮންމެ ރެއަކު ވެސް އިރުއޮއްސުމަށް ފަހު ބައިގަޑީއިރުވަންދެން ކަމަށާއި އެވަގުތުގައި މިތިން ޕްލެނެޓް ފެންނާނީ ތިނެސްކަން ޓްރޭންގަލް އެއްގެ ގޮތުގައި ކައިރިކައިރީގައި ރީތިކޮށް އެތުރިފައިވަނިކޮށް ކަމަށް ވެސް މިދިރާސާ ބުނެ އެވެ.
ފަޒާގެ ދިރާސާތަކާބެހޭ އެމެރިކާގެ އިދާރާ "ނާސާ" ބުނާ ގޮތުން މިގޮތަށް މިތިން ޕްލެނެޓް ޓްރޭންގަލެއްގެ ސިފާގައި ފެނުމަކީ އާންމުގޮތެއްގައި ނާދިރު ކަމެކެވެ. ނަމަވެސް 2011 ވަނަ އަހަރުގެ މޭ މަހުވެސް މިތިން ޕެލެނެޓް އެއްކޮށް ވަރަށްކައިރި ކައިރީގައިވާ މަންޒަރެއްވަނީ އުޑުމަތިން ފެނިފައެވެ. އަދި 2015 ވަނަ އަހަރުވެސް މިތިން ޕްލެނެޓް އެއްކޮށް ވަރަށްކައިރި ކައިރީގައިވާ މަންޒަރެއް އުޑުމަތިން ފެންނާނެ ކަމަށް ނާސާއިން ބުނެ އެވެ. (ރޮއިޓާސް)