ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ގ. ސައުތުބްރީޒް މުހައްމަދު ތައުފީގު (ސައުތު ތައުފީގު) ޖަލަށްލައި، އަނިޔާކޮށްގެން އޭނާގެ އަތުން ދައުލަތަށް ނެގި މިލިއަނެއްހާ ރުފިޔާ ހޯދަން ކުރި ދައުވާ ސައުތު ތައުފީގާ ދެކޮޅަށް ސިވިލް ކޯޓުން މައްސަލަ ނިންމައިފި އެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ޖަލުގައި އަނިޔާކޮށްގެން އިއުތިރާފުގެ ބަޔާނަކަށް އެއްބާސްކުރުވައިގެން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނެގި ކަމަށް ބުނެ، ސައުތު އެންޓަޕްރައިޒަސްގެ ޗެއާމަން ސައުތު ތައުފީގަށް ދައުވާ އުފުލާފައި ވަނީ ޑިފެންސް މިނިސްޓްރީއަށް ރައްދުވާ ގޮތަށެވެ.

ދައުލަތާ ދެކޮޅަށް ސައުތު ތައުފީގު އުފުލި ދައުވާގައި ބުނެފައި ވަނީ ސެޕްޓެންބަރު 1، 1998 އިން ފެށިގެން އޮގަސްޓް 31، 2000 ހަމަޔަށް ކުރީގެ އެންއެސްއެސް އަދި މިހާރުގެ އެމްއެންޑީއެފް ބަންޑާރަ ކޮށި ތެރޭގައި ތިބޭ ސިފައިންނަށް ކެއުމުގެ ކަންތައްތައް ހަމަޖައްސައިދިނުމަށްޓަކައި ޑިފެންސް މިނިސްޓްރީއާމެދު ހަދާފައިވާ އެއްބާސްވުމާ ހިލާފަށް "އޮޅުވާލުގެ ކަންތައްތަކެއް" ހިންގި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރި ކަމަށެވެ. އެގޮތުން ބަންޑާރަ ކޮށިން ކެއި މީހުންނަށް ވުރެ އިތުރަށް ބިލްހަދައިގެން އޮޅުވާލި ކަމަށް އިއުތިރާފު ކުރުވައި 5،300،969ރ. ޑިފެންސް މިނިސްޓްރީއަށް ދޭންޖެހޭނެ ކަަމަށް ބަޔާނެއް ނަގާފައިވާ ކަމަށެވެ. އަދި އެފައިސާގެ ތެރެއިން 1،196،426.40ރ. ޑިފެންސް މިނިސްޓްރީއަށް ދެއްކި ފަހުން ބާކީ ނުދެއްކި އޮތް ފައިސާ އޭރުގެ ރައީސް މައާފުކޮށްދެއްވާފައިވާ ކަމަށް ތައުފީގުގެ ދައުވާގައި ބުނެފައިވެ އެވެ.

ނަމަވެސް އޭނާ ދައުލަތަށް ދެއްކި ފައިސާއަކީ އެއްވެސް އަސާސެއް ނެތި ގަދަކަމުން ނަގާފައިވާ ފައިސާއެއް ކަމަށްވާތީ އެ ފައިސާ ހޯދުމަށް ސައުތު ތައުފީގުގެ ދައުވާގައި އެދިފައިވެ އެވެ. "ދައުލަތަށް ދެއްކި ފައިސާއަކީ އެއްވެސް އަސާސެއްނެތި، ގަދަކަމުން ހޯދާފައިވާ ފައިސާ ކަމަށް ކަނޑައަޅައި ދިނުމަށާއި މި ބުނެވިދިޔަ ފައިސާ އާއި އެ ފައިސާ ވިޔަފާރީގައި ބޭނުންކުރަން ނުލިބި ގިނަ ދުވަސްވުމުން ލިބުނު ގެއްލުމުގެ ބަދަލާއި ވަކީލުންގެ ފީ ޑިފެންސް މިނިސްޓްރީ ހޯދައިދިނުމަށް ތައުފީގުގެ މި ދައުވާގައި އެދިފައިވާ،" ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.

ތައުފީގުގެ ދައުވާއަށް ޝަރީއަތް ހިންގުމަށްފަހު ގާޒީ އަލީ ރަޝީދު ހުސައިން އިއްވެވި ހުކުމްގައި ބުނެފައި ވަނީ ބަންޑާރަ ކޮށިން ކޭ މީހުންނަށް ވުރެ އިތުރަށް ބިލްހަދައިގެން އިތުރަށް ފައިސާ ނަގާފައިވާ ކަމަށް ތައުފީހު އެއްބަސްކުރުވުމުގައި އޭނާއަށް އަނިޔާކޮށް މަޖުބޫރު ކުރިވިކަމެއް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އެކަން ސާބިތު ކުރުމަށްޓަކައި ތައުފީގު ޖަލުގައި ހުރި އިރު އޭނާ ބެލި ޑޮކްޓަރާއި ޖަލު ބެލެހެއްޓި މީހާގެ ހެކިބަހުން ވެސް ތައުފީގަށް އަނިޔާކޮށްފައިވާ ކަމެއް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ހުކުމްގައިވެ އެވެ.

ބަންޑާރަ ކޮށިން ކޭ މީހުންނަށް ވުރެ އިތުރަށް ބިލްހަދައިގެން ޑިފެންސް މިނިސްޓްރީއަށް ހުށަހެޅި ކަމަށާއި ސައުތު ތައުފީގުގެ ފަރާތުން ބަޔަކަށް ފައިސާގެ އެހީދީގެން ގިނަ އަދަދަކަށް އިތުރު ބިލް ހަދައިގެން ހުށަހެޅިކަން ދައުލަތުން ހުށަހެޅި ހެކިބަހުން ސާބިތުވާ ކަމަށް ހުކުމްގައިވެ އެވެ.

ސައުތު ތައުފީގު ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ބޮޑުބައެއް ރައީސުލްޖުމްހޫރިއްޔާ މައާފު ކުރުމަކީ ކުރިން ދެއްކި ފައިސާ ދައުލަތުން އޭނާއަށް ދޭންޖެހޭނެ ސަބަކަށް ނުވާ ކަމަށް ހުކުމްގައިވެ އެވެ.

"މުހައްމަދު ތައުފީގު ޑިފެންސް މިނިސްޓްރީއަށް ދެއްކި 1،196،426.40ރ. މުހައްމަދު ތައިފީހަށް އަލުން އަނބުރާ ދިނުމަށް ޑިފެންސް މިނިސްޓްރީއަށް އަންގާނެ ތަނެއްކަމަށް ކަނޑައަޅައި ހުކުމްކޮށްފީމެވެ،"