27 Oct 2010, 10:14
ޖޫނިއާ ޗެމްބާ އިންޓަނޭޝަނަލްގެ ޓެން އަޓް ސްޓޭންޑިން ޔަންގް ޕާސަން އެވޯޑަށް (ޓީއޯވައިޕީ) ހޮވުމަށް ރާއްޖޭން ނަގާ 10 ޒުވާނުންނަށް ދޭ އެވޯޑް ޑީއާރްޕީގެ ޒުވާނުން ގޮފީގެ ރައީސް އަދި ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު މަހުލޫފު ކާމިޔާބު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މަހުލޫފަކީ މީގެ ކުރިން ވެސް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ޒުވާނެއްގެ ގޮތުން ކާމިޔާބީތައް ހޯއްދަވާފައިވާ ބޭފުޅެކެވެ.
ކޮމަންވެލް އޭޝިޔާ ސަރަހައްދުގެ ޒުވާނުންގެ ޑިޕިއުޓީ ޗެއާޕާސަން ކަމާއި ޗެއާޕާސަންގެ މަގާމު ވެސް ކުރިން ފުރުއްވާފައިވާ ދިވެއްސަކީ މަހުލޫފެވެ.
އަދި 2007 ވަނަ އަހަރު ސިއެރެލިއޯންގައި ބޭއްވި ރިޔާސީ އިންތިހާބުގައި ކޮމަންވެލްތު އިލެކްޝަން އޮބާޒާވަރެއްގެ ގޮތުން ހަރަކާތްތެރިވެ ވަޑައިގެންނެވި މަހުލޫފަކީ ކުރިން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްލް ޖުމްހޫރިއްޔާގެ މެންބަރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސުލް ޖުމްހޫރިއްޔާގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެވެ.
ޒުވާނުންގެ އިނާމު 2006 ގައި ހޯއްދަވާފައިވާ މަހުލޫފު ސަންއެފްއެމް މަޖިލީހުގެ ޝަހުސިއްޔަތު އެވޯޑްވެސް ލިބިވަޑައިގެންފައިވެ އެވެ.