ހުއްދަ ނެތި މާލެ، ހުޅުމާލެ، ވިލިމާލެ އަދި އަތޮޅުތަކުގެ ގޭގޭގައި ޓޫރިސްޓުން ބައިތިއްބާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް ގެސްޓްހައުސް އަދި ހޮޓާ ފަދަ ތަންތަން ފިޔަވައި މާލެ، ހުޅުމާލެ، ވިލިނގިލި އަދި އަތޮޅުތަކުގެ ގޭގޭގައި ޓޫރިސްޓުން ބައިތިއްބައި އަދި އެ ފަދަ ތަންތަން ވިއްކުމަށް އިޝްތިހާރު ކުރަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖޭގައި އެއްވެސް ޓޫރިސްޓް ހޮޓަލެއް ނުވަތަ އެއްވެސް ގެސްޓް ހައުސްއެއް ހިންގަންވާނީ، އެ ތަނެއް އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށް އެފަދަ ތަންތަން ހިންގުމަށް އެ މިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށް ފަހު ކަމަށެވެ.

"މި ގޮތުން ޓޫރިޒަމާބެހޭ ޤާނޫނު 99/2 ގެ 20ވަނަ މާއްދާގައިވާ ގޮތުން ހުއްދަ ލިބިފައިވާ ތަނެއް ނޫން ތަނެއްގައި އެއްވެސް ޓޫރިސްޓަކު އަގަށް ބަހައްޓައިގެން ނުވާނެ. އަދި ޓޫރިސްޓް ވިސާގައި އަންނަ ޓޫރިސްޓުން ބައިތިއްބާ ނަމަ، މި މިނިސްޓްރީ އިން ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ވެސް އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ." ޓޫރިޒަމް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.

މާލެ އާއި ބައެއް އަތޮޅުތަކުގެ ރަށްރަށުގެ ގޭގައި ކުއްޔަށްދޭ ކޮޓަރިތައް ހެދުމަށް ފަހު އެތަންތަން އޮންލައިންކޮށް ބުކިން ހަދައިގެން ވިއްކަމުން ގެންދެ އެވެ. އަދި އެފަދަ ތަންތަނުގައި ހޮޓާ ނުވަތަ ގެސްޓް ހައުސް ހިންގުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ފުރިހަމަވެފައި ނުހުންނަކަން ފާހަގަ ކުރެވިފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް ހަސަން ޒަމީލް މިއަދު ވިދާޅުވީ ރަށްރަށުގެ ގޭގައި ހުއްދަ ނުނަގައި ޓޫރިސްޓުން ބައިތިއްބާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

"ޓޫރިސްޓުން ބައިތިއްބަން ގެސްޓް ހައުސްގެ ގޮތުގައި ހިންގާ ނަމަ މިނިސްޓްރީގައި ރަޖިސްޓްރީކުރަން އަޅުގަނޑުމެން އަންގާފައިވާނީ. އެ ގޮތަށް ރަޖިސްޓްރީ ނުކޮށް ހިންގުމުން ދައުލަތަށް ލިބެން ޖެހޭ ޓެކްސްއެއް ވެސް ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ.