މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހާއި އަޅާބަލާއިރު މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތައް އިތުރުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުން އާންމު ކުރި ތަފާސްހިސާބުތަކުގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ނިޔަލަށް އެ ކޯޓަށް ހުށަހަޅާފައި ވަނީ 241 މައްސަލައެވެ. ނަމަވެސް މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 537 މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެ ކޯޓަށްހުށަހެޅި މައްސަލަތަކުގެތެރޭގައި މަރުގެ ތިން މައްސަލަހިމެނޭއިރު އެންމެގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އެ ކޯޓަށް ދެވަނައަށް އެންމެގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް މަސްތުވާތަކެތީގެ 88 މައްސަލައަކާއި ވައްކަމުގެ 54 މައްސަލައެއްގެ އިތުރުން ފޭރުމުގެ 14 މައްސަލައަކާއި މަކަރާތް ހީލަތްހެދުމުގެ 14 މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މިއަހަރުގެ މިހާތަނަށް އެ ކޯޓުން 567 މައްސަލަ ނިންމާފައިވާއިރު އެންމެގިނައިން ނިންމާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ތާފާސް ހިސާބުތަކުން ދައްކަ އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އެ ކޯޓުން މަރުގެ ތިން މައްސަލައަކާއި މަސްތުވާތަކެތީގެ 253 މައްސަލައަކާއި ވައްކަމުގެ 46 މައްސަލައެއް ވަނީ ނިންމާފަ އެވެ.