25 May 2013, 13:36
އދ. މާމިގިލީ ހަނދުވަރުދޭގޭ ހަސަން ރަޝީދު، 39، އާއި އޭނާގެ އެކުވެރި ލ. މާވަށް ހިޔަލީގޭ، އުމުރުން 32 އަހަރުގެ އަބްދުﷲ ވަހީދު މާވަށަށް ދިއުމަށް މ. މުލަކުން ފުރިއިރު ވެސް ކޮޅިގަނޑެއް ބޯމަތިވަމުން އަންނަކަން އެނގެ އެވެ. މި މަހުގެ ފަސް ވަނަ ދުވަހު ދަތުރު ފެށީ އެއް ދުވަހުގެ ދަތުރަކަށެވެ. ސަލާމަތުން މާވަށަށް ދެވޭނެ ކަމުގެ އުންމީދު ގައެވެ. ދެ ދުވަހަށް ދަތުރު ކުރެވޭ ވަރަށް ތެލާ އެކު ފެށި ދަތުރު ދިގު ދެމިގެންދިޔައީ 19 ދުވަހަށެވެ. ކޮޅިގަނޑުގައި ޖެހި ދެވޭ ނުދެވޭ ހިސާބެއް ނޭނގި އޮޔާލީ އެވެ.
ދިރިތިބުމަށް ޓަކައި ދެ މީހުން އަޒުމް ދޯނީގައި ހޭދަ ކުރީ ސަލާމަތުގެ އައްސޭރިއަކަށް ދެވޭނެ ކަމުގެ އަޒުމުގަ އެވެ. ދެ މީހުން ކަނޑުމަތީގައި ހޭދަ ކުރި ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ތަހައްމަލް ކުރަންޖެހުނު ހިތި ތަޖުރިބާ އެ މީހުން ސަލާމަތްކުރި ބޯޓުގައި ތިބިގެން މިއަދު ސަންއާ ހިއްސާ ކުރި އެވެ.
މާމިގިލީ ހަސަން ބުނި ގޮތުގައި ދަތުރުގެ މިސްރާބު ގެއްލުނު އިރު، ދޯނި އޮތް ކަމަށް ބެލެވެނީ ތ. އަތޮޅާ ހިސާބުގަ އެވެ. އޭގެ ފަހުން ދެވޭ ނުދެވޭ ހިސާބެއް ނޭނގެ އެވެ. އަދި ކޮޅިގަނޑުން ސަލާމަތްވި އިރު ދޯނި އޮތީ ކޮން ހިސާބެއްގައި ކަން ވެސް ނޭނގޭ ހިސާބެއްގަ އެވެ. ކޮޅިގަނޑުގައި ޖެހުނު ވަގުތު އެކި މީހުންނަށް ގުޅަން ކުރި މަސައްކަތުން ނުގުޅި ދެ މީހުންގެ ފޯނަށް ވެސް ފެން އެޅި ދޯނިތެރެއަށް ފޯނު ވެއްޓި ދެ ފޯނު ވެސް "އަވަދިވީ" އެވެ.
އުމުރު ދުވަހު ދޯނި ދުއްވުމުގައި ހޭދަކުރާ ހަސަން އޭނާގެ 44 ފޫޓުގެ އަޒުމް ދޯނި މަސް ދޯންޏަކަށް ހެޔޮވަރު ނަމަވެސް ބޮޑު ކަނޑުގެ ބިޔަރާޅުތަކަކަށް އެ ދޯންޏަށް ކެތް ކުރުންވީ އުނދަގޫ ކަމަށެވެ. އަބަދުވެސް ތިބެން ޖެހުނީ ދޯންޏަށް ޖަހާ ރާޅުން ދޯނި އަޑިއަށް ހިނގައިދާނެ ކަމުގެ ބިރަށް ބާލިދީ ޖަހައިގެން ދިޔަ ހިއްކާލަ ހިއްކާލަ އެވެ.
"އެކަކު ވަރުބަލިވީމާ އަނެކަކު ފަށަނީ. އެހެން ގޮސް ބައެއް ފަހަރަށް އަނބުރައިގަނެގެން ވެސް ވެއްޓޭ،" ހަސަން ރަޝީދު ބުންޏެވެ.
ހަސަން ބުނީ އެ މީހުން ހާލުގައި ޖެހުނު އިރު ދޯނީގައި ހުރީ ގޭސްފުޅިއަކާއި ގޭސް އުނދުނަކާއި ތެއްޔެއް އެކަނި ކަމަށެވެ. އަދި އަލިފާން ރޯކުރުމަށް ބޭނުން ކުރީ އެ މީހުން އަތުގައި އޮތް ތިން ގޭސް ލައިޓަރެވެ. ދޯނީގައި އެއްވެސް ވަރަކަށް ފެނެއް ނެތެވެ. ބޯފެނުގެ ގޮތުގައި ބޮނީ އަތްގޮއްޓެއްގެ ލޮނު ފެނެ އެވެ. އެއީ ކަރުހިއްކައިގަތީމަ އެވެ.
ދޭތެރެ ދޭތެރެއިން "މަހެއް ލައްވާލަ" އެވެ. ފިޔަލަ މަސް ދޯންޏަށް ލިބެނީ ހަތަރުވަރަކަށް ދުވަހުން ކަމަށް ހަސަން ބުންޏެވެ.
"ކަރުހިތްކައި ގަތީމާ އަތްގޮއްޓެއްގެ ފެންބޯލައިގެން ތިބެނީ. ކާނެ މަހެއް އަތުޖެހެނީ ހަތަރު ވަރަކަށް ދުވަސްފަހުން. އެއީ އަޅުގަނޑުމެންގެ ތިން ދުވަހުގެ ކެއުން. އެކަމަކު ހައިވެފައި ތިބި ވަރުން އަޅުގަނޑުމެންނަށް ގިނަ ފަހަރަށް އެ ހުސްކޮށްލެވެނީ. މަސް ރޯފިލުވަނީ ތެލީގައި އަލިފާން ރޯކޮށްގެން އެހެން ނޫނީ ދޯނީގައި ހުރި ހުސް ކަރުދާސް ފޮށިގަނޑުމަތީ ބާއްވައި އަވިން ފިހެގެން،" ދެ ކުދިންގެ ބައްޕަ ހަސަން އެ މީހުން ނެގި މާޝަލް އައިލެންޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބޯޓުގައި ހުރެގެން ސަން އަށް ކިޔައިދިނެވެ.
އޭނަ ކިޔައިދިން ގޮތުގައި ކަނޑުމަތީ ހޭދަ ކުރި ދުވަސްތަކުގައި މަސްބޯޓުތައް ވެސް ފެނެ އެވެ. އަދި އޭގެ ތެރޭގައި ދިވެހި މަސްބޯޓުތައް ވެސް ފެނުނެވެ. ހަން ޖަހައިގެން އިޝާރާތުން އެހީއަށް އެދި ގޮވުމުން ވެސް އެ ބޯޓުތަކުން އަޅާ ނުލާ ކަމަށް ހަސަން ބުންޏެވެ. ހަސަން ބުނި ގޮތުގައި ބައެއް ބޯޓުތަކަކީ ދިވެހި ބޯޓުތަކެއްކަން އިނގެނީ ދިވެހި ނަންތަކެއް އެ ބޯޓުތަކަށް ކިޔައިފައި ހުރުމުންނެވެ. އެ ބޯޓުތައް އެނގޭހާ ކައިރިން ދާއިރު ވެސް އެއްވެސް ބަޔަކު އަޒުމް ދޯންޏަކަށް އަޅައެއް ނުލަ އެވެ. ލައިގެން ތިބި ޓީޝާޓުގައި ނުވަތަ އެނޫން ކޮންމެ ވެސް އެއްޗެއްގައި އަލިފާން ރޯކޮށްގެން އަބަދު ވެސް އަޅުގަނޑުމެން ތިބީ ހަން ޖަހައިގެން ކަމަށް ހަސަން ބުންޏެވެ.
"ދުވާލާއި ރޭގަނޑު ހަތަރުދަމު އަޅުގަނޑުމެން ހޭލާތިބެ އަބަދު ވެސް ދޯންޏެއް ފެނޭތޯ ބަލަން. އެކަމަކު އާދޭސް ކުރާއިރު ވެސް އެއްވެސް ބަޔަކު އަޅާނުލައި ދިވެހި ބޯޓުތައް ވެސް ދަނީ. ރީތިކޮށް ކައިރިން ދިވެހި ބޯޓުގައި ތިބޭ މީހުން އެނގޭ ވަރަށް ވެސް ދޯންޏާ ކައިރިވެފައި ވެސް އަޅާނުލާ،"
ހަސަން ބުނި ގޮތުގައި އެހާ ދުވަސް ވަންދެން ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިބެން ޖެހުނީ ދިވެހި ބޯޓުތައް އަޅާނުލީމަ އެވެ. "އެމީހުން އަޅާލި ނަމަ މިހެން ނުވީސް. އަޅުގަނޑުމެންނަށް އަޅާނުލި މީހުންގެ ވާހަކަ އިރާދަކުރެއްވިޔާ ރާއްޖެ ގޮސް ދައްކާނަން. އަޅުގަނޑުމެން ބޭނުންމެއް ނުވޭ އިތުރު ބަޔަކަށް މިހެންދިމާވާކަށް،"
ހަސަން ބުނި ގޮތުގައި ސިންގަޕޫރުގެ ތެޔޮ ބޯޓަށް އެ މީހުން ރޭ ފަތިހު ފެންނަންދެން ވެސް އެއްވެސް އިރެއްގައި ހެއްދެވި ފަރާތްމަތިން ހަނދާންނައްތާ ނުލަ އެވެ. ކޮންމެ މަސައްކަތެއްގައި އުޅުނު އިރު ވެސް ސަލާމަތްވޭތޯ ﷲ އަށް ދުއާކުރި އެވެ. އިރާދަ ކުރެއްވިއްޔާ ރަނގަޅު ގޮތެއް މެދުވެރިވާނެ ކަމުގެ އުންމީދުގައި ދެމިތިބި ކަމަށް ބުންޏެވެ.
އެފަދަ އުންމީދެއްގައި އަޒުން ދޫނުކޮށް ތިއްބައި ސިންގަޕޫރު ބޯޓަށް އަޒުމް ދޯނި ފެނުނީ ދޯނި ދިޔަވެ، ތައްޓުމައްޗާ ހިސާބަށް ފެން ގަނޑު ބޮޑުވަމުންދަނިކޮށެވެ. ދޯނި ދިޔަވެ ފެންބޮޑުވި ދަނޑިވަޅަކީ އުންމީދު ގެއްލުނު ވަގުތު ކަމަށް ހަސަން ބުންޏެވެ.
"އަޅުގަނޑުމެން މި ބޯޓަށް ނުފެނުނު ނަމަ ވާނެ ގޮތެއް ވެސް ނޭނގޭ. އޭރު ދޯނި ދިޔަވެ އަޑިއަށް ދާން ފަށައިފި. ކުރެވޭނެ އެއްވެސް ކަމެއް ނެތީމަ. އަތުގައި ހުރި ހުރިހާ އެއްޗެއްގައި އަލިފާން ޖަހާ ދިއްލަން ފެށީ. އޭރު މި ބޯޓު އައީ އަޅުގަނޑުމެންނާ ދިމާލަށް. އެމީހުން ބުނީ އަޅުގަނޑުމެންގެ ދޯނި ކުޑަކަމުން ހަގީގަތުގައި ފުރަތަމަ ނުވެސް ފެނުނޭ. އަލިފާންޖަހާ ހޫރަން ފެށީމަ ފެނުނީ،" ހަސަން ރަޝީދު ބުންޏެވެ.
އޭނާ ބުނީ ބޯޓަށް އެމީހުން ފެނުނު ނަމަވެސް ބޯޓަށް އެމީހުން ނެގުންވީ ބޮޑު ކަމަކަށެވެ. ރޭ ދަންވަރު 2:45ގައި ފެނުނު މީހުން ބޯޓަށް ނެގުނީ ހެނދުނުވީ ފަހުންނެވެ. އަދި އެ މީހުން ބޯޓަށް ނެގުމަށް ފަހު އެ މީހުންގެ ފަރާތުން އަޅާލުން ލިބޭ ކަމަށާއި ރަނގަޅަށް ކާންދީ ހަދާ ކަމަށެވެ.
"އަޅުގަނޑުމެން ނުނެގިގެން އެ މީހުންތިބީ އިރުއަރަންދެން އަޅުގަނޑުމެންނާ އެކު. މިއީ ވަރަށް ރަނގަޅުބައެއް. އަޅުގަނޑުމެން ނެގީ އެންމެ ފަހުން ބޮޑު ދާގަނޑެއް ކަހަލަ އެއްޗެއްވާ ޖަހައި ތިރިކޮށްގެން. އަޅުގަނޑުމެންނަށް އިނގިރޭސި އެނގޭތީ އެ މީހުންކައިރީ ކޮން ގައުމެއްގެ ބައެއްކަން ބުނީމަ ރާއްޖެ އަށް ގުޅައިދިނީ. މިމީހުން ބުނީ ހަތަރު ވަރަކަށް ދުވަސްތެރޭ ސިންގަޕޫރަށް ދެވޭނެ ކަމަށް،" ހަސަން ރަޝީދު ބުންޏެވެ.
ހަސަން ރަޝީދު ބުނީ އުންމީދު ގެއްލި އެންމެފަހު ވަގުތު ވެސް ސަލާމަތް ކުރެވޭތޯ ކުރި މަސައްކަތުން އެމީހުން ނެގި ބޯޓުގެ މީހުން ވަރަށް ރަނގަޅު ކަމަށެވެ. އަދި އުންމީދު ކުރަނީ ވީހާ ވެސް އަވަހަށް ރާއްޖެއާދެވޭނެ ދުވަހަކަށެވެ.