25 May 2013, 13:20
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯ އިން މާލޭގައި މަލްޓި ސްޓޯރީ ވެއާހައުސްއެއް އެޅުމަށް ނިންމައިފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ މިއަދު "ސަން" އަށް ވިދާޅުވީ އެކުންފުންޏަށް ލިބިފައިވާ ބިންތައް ހެޔޮގޮތުގައި ބޭނުން ކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ފަންގިފިލާތައް ހިމެނޭ ގުދަނެއް އެޅުމުގެ މަސައްކަތްތައް ގެންދާނެ ގޮތަކާ ބެހޭ ގޮތުން ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
ޝާހިދު ވިދާޅުވީ އެގުދަން އެޅުމަށް ވިސްނަމުން ދަނީ އެކުންފުނީގެ ކާޑު ގުދަންތައް ހުންނަ 40،000 އަކަފޫޓުގެ ބިމުގައި ކަމަށާއި ވިސްނުން ހުރީ އެތަނުގައި މަލްޓި ސްޓޯރީ ވެއާހައުސްއެއް އެޅުމަށް ފަހު އެސްޓީއޯގެ ހުރިހާ ގުދަނެއް އެތަނަށް ބަދަލުކުރުމާއި އަމިއްލަ ފަރާތްތަކަށް ގުދަންތައް ކުއްޔަށް ދިނުމުގެ އިތުރުން އެތަނުގައި ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.
"މިހާރު ވެސް އަޅުގަނޑުމެންގެ އެއްވެސް ގުދަނެއް ކުއްޔަށް ނުގެންގުޅެން. ނަމަވެސް މިހާރު އެބަހުރި ވަރަށް ކުދިކުދި ގުދަންތައް އެކިތަންތަނުގައި. މިސާލަކަށް ހޯމް އިމްޕުރޫވްމަންޓް ކައިރީގައި ހަވީރީހިނގުމުގަޔާއި އަމީމަގުގަޔާއި އެތަންތަން އެއް ލޮކޭޝަނަކަށް ބަދަލުކޮށްލެވުނީމާ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ މެނޭޖުކުރަން އަދި ހަރަދުތައް ވެސް ކުޑަވާނެ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މިހާރު ވިސްނުން ހުރީ އަށް ފްލޯގެ ވެއާހައުސްއެއް ހެދުން ކަމަށާއި ނަމަވެސް އެ މަސައްކަތް ސްޓަޑީ ކުރަމުންދާތީ އެއީ ކިހާވަރެއްގެ ޕްރޮޖެކްޓެއްކަން ބުނަން ނޭނގޭ ކަމަށެވެ. އަދި އެމަސައްކަތް އަމަލީގޮތުން ފެށޭނެ ދުވަހެއް އަދި ވިދާޅުވުމަށް ނޭނގޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.