25 May 2013, 12:56
އަންނަ ރިޔާސީ އިންތިހާބުގައި ފުޅާ ކޯލިޝަނަކަށް ތާއިދުކުރުމަކީ މި ވަގުތު ގައުމުގެ މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތް ކަމަށާއި އަންނަ ރިޔާސީ އިންތިހާބުގައި ތާއިދު ކުރައްވާނީ ރައީސް ވަހީދުގެ ކޯލިޝަނަށް ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މިހާރުގެ ޖެންޑާ މިނިސްޓަރު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.
ބަންޑާރަނައިބުކަމާ ހަވާލުވެވަޑައިގެންނެވުމަށް ޕީޕީއެމް އިން ވަކިވެވަޑައިގަތް އާޒިމާ ސަން އަށް މިއަދު ދެއްވި އިންޓަވިއުގައި ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތަ ނުދެއްވުމަށް "އެންމެ އެއްގަލަކަށް އަރަން ޖެހޭ" ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު މިއަދު ގަބޫލުކުރަނީ ފުޅާކޯލިޝަނަކަށް ތާއިދުކޮށް ފުޅާކޯލިޝަނަކުން ވެރިކަމަށް އައުން ކަމަށް އެއީ އެންމެ މަސްލަހަތު ހުރި ގޮތަކީ. ނަޝީދު ވެރިކަމަށް ގެނެވޭކަށް ނެތް އަޅުގަނޑުމެނަކަށް. އެއްބައިވަންތަކަން މިއަދު ދައްކައިދީގެން އެންމެން އެއްގަލަކަށް އަރައި ބޮޑު ކޯލިޝަނަކުން ވެރިކަން ކާމިޔާބު ކުރެވެން އޮތީ،" އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ ރައީސް ވަހީދުގެ ކޯލިޝަނާ އިތުރު ބައެއް ޕާޓީތައް ގުޅިގެން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބު ކުރެއްވިދާނެ އެވެ.
"މިހާރު މި އޮތް ކޯލިޝަނާއި އިތުރު ބައެއް ޕާޓީތައް ގުޅިގެން ރިޔާސީ އިންތިހާބު ފުރަތަމަ ވެސް ކާމިޔާބު ކުރެވިދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އަޅުގަނޑަށް ގަބޫލު ކުރެވެނީ ވެސް މިއަދު އެންމެ އެބަ ޖެހޭ ކަމަށް ކޯލިޝަނުގައި ބައިވެރިވެ އިންތިހާބު ކާމިޔާބު ކުރަން،
ރައީސް ވަހީދަކީ ކޯލިޝަނަކާ އެކު ވެރިކަމުގައި ކުރިއަށް ވަޑައިގެންނެވޭނެ ބޭފުޅެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަމަނާ ދެއްވި ކޮންމެ ލަފަޔަކަށް ރައީސް ވަހީދު ގަބޫލުކުރައްވާފައިވާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
"ރައީސް ވަހީދަކީ ކޯލިޝަނަކާ އެކު ކުރިއަށް ވަޑައިގެންނެވިދާނެ ބޭފުޅެކަމާ މެދު އަޅުގަނޑު ޝައްކެތް ނުކުރަން. ވަރަށް ބޮޑެތި ހުރަސްތަކާ އެކު ވެސް އެމަނިކުފާނު މިހާ ހިސާބަށް ވަޑައިގަތުމުން އެމަނިކުފާނުގެ ގާބިލުކަން އެބަ ހުރިކަމަށް ގަބޫލުކުރެވޭ،"
މީގެ އިތުރުން އާޒިމާ ވިދާޅުވީ އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅުމަށް ހިޔާލު ނުގެންގުޅުއްވާ ކަމަށާއި ބޭނުންފުޅު ވަނީ ގައުމަށް ހިދުމަތްކުރެއްވުން ކަމަށެވެ.
އާޒިމާ ވަނީ ރައީސް ވަހީދުގެ ކޯލިޝަނުން ރޭ ބޭއްވި ފުރަތަމަ ޖަލްސާ ބައިވެރިވެވަޑައިގެންފަ އެވެ.