ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ލޯނު ދައްކާފައި ނުވާތީ، ރަހުނުގެ ގޮތުގައި ހުށަހެޅި "މަޑިވަރު 3" ސަފާރީ ވިއްކާލަން އިއުލާންކޮށްފި އެވެ.

ބޭންކުން ނެރުނު އިއުލާނުގައި ބުނެފައި ވަނީ މިހާރު ބީއެމްއެލް އިންވެސްޓްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ މަޑިވަރު 3 ސަފާރީ ގަތުމަށް އެކްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުން މިދިޔަ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ ސަފާރީ ގަތުމަށް ޝައުގުވެރިކަން ހުށަހަޅާއިރު ނީލަން ފެށުމުގެ ގޮތުން މަދުވެގެން ހަ މިލިއަން ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ޝައުގުވެރިކަން ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް ހުޅުވާނީ ޖޫން ހަވަނަ ދުވަަހު ހުރިހާ ފަރާތްތަކުގެ ހާޒިރުގައި ކަމަށެވެ.

ބީއެމްއެލް އިން ބުނީ ޝައުގުވެރިކަން ހުށަހަޅާ ފަރާތްތަކުގެ އަގުތައް ބޭންކްގެ ވެބްސައިޓުގަ އާއި ނޯޓިސް ބޯޑުގައި ބަހައްޓާނެ ކަމަށެވެ. އަދި އޭގެ ފަހުން އިތުރަށް އަގު ހުށަހަޅާ ނަމަ މަދުވެގެން 200،000ރ. ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ބޭންކުން ބުނީ މަޑިވަރު 3، ގަންނަން ހުށަހަޅާ ފަރާތްތަކުން ޖެހިގެން ފަސް ދުވަސް ވަންދެން އެއް އަގެއްގައި އޮވެއްޖެ ނަމަ އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެ ކަމަށެވެ.

ބީއެމްއެލް އިން ވަނީ ތ. ފުނައްޑޫގައި ހިންގި މަސްފެކްޓްރީއާއި އެ ރަށާއި މަސްވެރިކަމުގެ ޒޯން3 އަދި 4 އަކަށް ދީފައިވާ މަސް ގަތުމުގެ ހުއްދައަށް ޝައުގުވެރިވާ ބަޔަކު ހޯދަން ބުރާސްފަތި ދުވަހު އިއުލާންކޮށްފަ އެވެ.

ފުނައްޑޫއަށް ޝައުގުވެރިވާ ބަޔަކު ހޯދަން ބޭންކުން އިއުލާންކުރީ، ފުނައްޑޫ އިންވެސްޓްމަންޓުން ނެގި ލޯނު، ކޯޓުން ކުރި ހުކުމާ އެއްގޮތަށް ނުދައްކައިގެން ރަހުނުކުރި ތަކެތި ބޭންކާ ހަވާލުކުރުމުންނެވެ.

ފުނައްޑޫން ބީއެމްއެލް އިން ނެގި ލޯނު ދައްކާފައި ނުވާތީ ރަހުނުގެ ގޮތުގައި ހުށަހެޅި ތަކެތީގެ ތެރޭގައި ހިމެނޭ ރީތި ބީޗް ރިސޯޓް (ބ. ފޮނިމަގޫދޫ) އާއި ގއ. މަހައްދޫ ތ. ފުނައްޑޫގެ ވެރިފަރާތް ބީއެމްއެލް އިން އުފެއްދި ދެ ކުންފުންޏަށް ވަނީ މީގެ ހަފުތާއެއްހާ ދުވަސްކުރިން ބަދަލުކޮށްދީފަ އެވެ.

ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީންގެ ހިއްސާ ކުރިން އޮތް ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް އިން ބޭންކުން ލޯނު ނަގާފައި ވަނީ ފުނައްޑޫގައި ހުރި ހުރިހާ އިމާރާތަކާއި އިންވެސްޓްމަންޓާއި ކަނބާލިފަރު އިންވެސްޓްމަންޓުގެ "މަޑިވަރު 3" ޔޮޓާއި ރީތި ބީޗް ރިސޯޓާއި ރިސޯޓުގެ އެންމެހާ މުދަލާއި ރިސޯޓާ ގުޅުން ހުރި، އެ ތަނުގައި ބޭނުންކުރާ އެންމެހާ ތަކެއްޗާއި ލިބެން ޖެހޭ ފައިސާ ވެސް ރަހުނުކުރުމަށް ފަހު އެވެ. ލޯނުތަކަށް ފައިސާ ދައްކަމުން ނުދާތީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް އިން އިންޓްރަސްޓާ އެކު ބީއެމްއެލްއަށް ދައްކަން ޖެހޭ އަދަދު 206 މިލިއަން ރުފިޔާ އަށް އަރައިފައިވެ އެވެ.