ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ނެތިގެން އެ ރަށުގެ އަންހެނުންތަކެއް އެރަށު ހޮސްޕިޓަލް ކައިރިއަށް އެއްވެއްޖެ އެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ އެރަށުގެ ހޮސްޕިޓަލްގައި ކުރިން ހިދުމަތް ދެމުން ގެންދިޔަ އަންހެނުންގެ ހާއްސަ ޑޮކްޓަރު 10 ދުވަހުގެ ޗުއްޓީއެއް ނަގައިގެން ދިޔަތާ މަސް ދުވަސްވާން ކައިރިވެފައިވާތީ އެކަމާ ހިތްހަމަ ނުޖެހިގެން އަންހެނުންތަކެއް ހޮސްޕިޓަލް ކައިރިއަށް އެއްވެ ޝުއޫރު ފާޅުކުރަމުން ގެންދާ ކަމަށެވެ. އަންހެނުންގެ ހައްގުއްތައް ހޯދައިދިނުމަށް ގޮވާލާ ބޯޑުތަކާއި ބެނާތައް ހިފައިގެން ނުކުމެ ތިބި އަންހެނުންތައް ގެންދަނީ އެ މީހުންގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.

"އެމީހުން ބޭނުން ވަނީ ވީހާވެސް އަވަހަކަށް އަންހެނުންގެ ޑޮކްޓަރެއް ހޮސްޕިޓަލަށް ހަމަޖައްސައިދޭން، ޑޮކްޓަރަކު ނެތީމަ އެކަމުގެ ދަތިކަން މުޅި އަތޮޅަށް މިވަނީ ކުރިމަތިވެފައި،" އެރަށުން ވަހަކަދެއްކި މީހާ ބުންޏެވެ.

އަތޮޅުގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލްގައި އަންހެނުންގެ ޙާއްސަ ޑޮކްޓަރަކު ނެތުމުން އާދައިގެ ޑިލިވަރީއެއްގައި ހޮސްޕިޓަލްގައި ވިއްސޭނެ އިންތިޒާމްތައް ހަމަޖެހިފައި އޮތް ނަމަވެސް ސިޖޭރިއަނެއް ހަދަން ޖެހިއްޖެ ނަމަ ދާން އެެރަށު މީހުން އަންނަން ޖެހެނީ މާލެ އަށް ކަމަށް ވެސް އޭނާ ބުންޏެވެެ.

ގަމުގެ ރީޖަނަލް ހޮސްޕިޓަލް ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އެތަނުގެ މެނޭޖަރު މުހައްމަދު އަބްދުލް ސަމަދު މިއަދު ވިދާޅުވީ އެ ރަށު ހޮސްޕިޓަލްގައި ހުރި އަންހެންގެ ހާއްސަ ޑޮކްޓަރު ޗުއްޓީއަށް ދިޔައީ އިމަޖެންސީ 10 ދުވަސް ނަގައިގެން ކަމަށެވެ. ނަމަވެސް ޗުއްޓީ ހަމަވިިއިރު ވެސް ޑޮކްޓަރު ޑިއުޓީއަށް ނުވެގެން ބެލިއިރު ދެން އެ ޑޮކްޓަރު އެނބުރި ނާންނާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.

އަޑު އުފުލަމުން ގެންދާ އަންހެންވެރިން ވަނީ 15 ދުވަސް ތެރޭގައި ޑޮކްޓަރަކު ހަމަޖަައްސައި ނުދީފި ނަމަ ހޮސްޕިޓާ ބަންދު ކުރާނެ ކަމަށް ވެސް ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިނިސްޓްރީން ބުނަނީ މިދުވަސް ކޮޅު ޑޮކްޓަރުން ހޯދަން ވަރަށް ދައްޗޭ، ތިއަށްވުރެ [ގަމަށްވުރެ] މާ ގިނަ ދުވަސް ވަންދެން ޑޮކްޓަރަކު ނެތި ހުރި ރަށްރަށް ވެސް އެބަހުއްޓޭ، ނަމަވެސް ޑޮކްޓަރު ހޯދުމުގެ ކަންތައްތައް ބަލަމުން އަންނަ ކަމަށް ވެސް ބުނި، އެ ވާހަކަ ރައްޔިތުންނާ ވެސް ވާނީ ހިއްސާކޮށްފައި،" މެނޭޖަރު ވިދާޅުވި އެވެ.