25 May 2013, 11:27
ފުރިގެން ތޮއްޖެހިފައިވާ ކުނި ގޮނޑު ހުސްކުރަން މާލޭ ސިޓީ ކައުންސިލަށް 4.5 މިލިއަން ރުފިޔާ މިދިޔަ ހަފުތާގައި ސަރުކާރުން ދީފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު އަބްދުލް ކަރީމް (ރުކުމާ) "ސަން"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ، ގޮނޑު ހުސްކުރަން މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ދިން ފައިސާ އަކީ އަންނަ މަހުގެ 15ވަނަ ދުވަހާ ހަމަޔަށް ދިން ފައިސާ ކަމަށެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން ޓުވިޓާގައި އިއްޔެ ވިދާޅުވެފައި ވަނީ މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމެއްގައި ސިޓީ ކައުންސިލުން ބޭނުންވި 4.5 މިލިއަން ރުފިޔާ ދެވުނު ކަމަށެވެ.
"އޭގެ ތެރެއިން ބޮޑުބައެއް ހަރަދުވެގެން ދާނީ ކުރިން ނުދެއްކި ހުރި ބިލްތައް ދެއްކުމަށާއި މަރާމާތުކުރުމަށް. އެއީ މުޅި މައްސަލަ ހައްލުކުރުމަށް ދިން ފައިސާއެއް ނޫން. އެ މައްސަލަ ހައްލުކުރަން އިތުރު އިކުއިޕްމަންޓް ހޯދަން އަޅުގަނޑުމެން ބޭނުންވޭ،" ރުކުމާ ވިދާޅުވި އެވެ.
ރުކުމާ ވިދާޅުވީ މިވަގުތު ކުނި ގޮނޑު ހުސްނުވެ، މުޅި ސަރަހައްދަށް ނުބައި ވަސް ފެތުރެމުން ދަނީ އެންމެ ބާޖަކުން ކުނި އުފުލަމުންދާތީ ކަމަށެވެ.
"މި މައްސަލަ މިހާ ބޮޑަށް ގޯސްވީ ކައުންސިލްގެ ބާޖު ހަލާކުވެގެން ކުނި އުފުލުން މަދުވުން. ނަމަވެސް އަޅުގަނޑުމެން ކުއްޔަށް ހިފާފައިވާ ބާޖު ބޭނުންކޮށްގެން މިވަގުތު ވެސް މިދަނީ ކުނި ހުސްކުރަން މަސައްކަތްކުރަމުން. އަދި ވަސް ފިލުވުމަށް ބޭސް ވެސް ޖަހަން،" އޭނާ ވިދާޅުވި އެވެ.
ރުކުމާ ވިދާޅުވީ ކުނި ގެންދާއިރު ވަހުން އާއްމުންނަށް އުނދަގޫވާތީ މިވަގުތު ކުނި އުފުލަނީ ހަމައެކަނި ރޭގަނޑު ކަމަށެވެ. އަދި ރޭ އެކަނި ވެސް 29 ލޮރީގެ ކުނި އުކާލާފައިވާ ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިގެންދަނީ ސަރުކާރާ ގުޅިގެން އެމްޓީސީސީގެ ބާޖެއް ހޯދައިގެން ކުނި އުފުލަން މަސައްކަތްކުރަމުން. އެކަމަކު އެ ފަރާތަށް ބޮޑު އެޑްވާންސް ޕޭމަންޓެއް ދައްކަން ޖެހޭ. އެކަން ހަމަޖައްސައިދޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ވިދާޅުވި،" ރުކުމާ ވިދާޅުވި އެވެ. "އޭރުން އަޅުގަނޑުމެންނަށް ދެތިން ބުރުން ވެސް ގޮނޑު ހުސްކޮށްލެވޭނެ."
ރުކުމާ ވިދާޅުވީ ފައިސާ ލިބުން ލަސްވާތީ ބައެއް ފަރާތްތަކުން ސިޓީ ކައުންސިލަށް ތަކެތި ކުއްޔަށްދިނުމަށް ފަސްޖެހޭ ކަމަށެވެ.
ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ކުނި އުފުލާ ބާޖު ބާއްވާފައި އޮތުމުން ދަތުރުކުރާ މީހުންނަށް އުނދަގޫވަމުންދާތީ އެކަމާ ދެކޮޅަށް އެ ރަށުގައި ދިރިއުޅޭ މީހުން ވަނީ އިއްޔެ މެންދުރު މުޒާހަރާކޮށްފަ އެވެ.