27 Oct 2010, 09:28
މާލިއްޔަތު ކޮމެޓީން އެދުމުން ފިނޭންސް މިނިސްޓްރީން މާލީ ތަފުސީލުތައް ނުދިން މައްސަލަ މަޖިލީހުގެ ތަޅުމަށް ގެންދިއުމަށް މާލިއްޔަތު ކޮމެޓީން މިއަދު ނިންމައިފި އެވެ.
މާލިއްޔަތު ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވީ ފިނޭންސުން މައުލޫމާތު ހިއްސާ ނުކުރި މައްސަލައިގައި މިއަދު ކޮމެޓީ ބައްދަލުވުމަށް ފަހު ނިންމާފައި ވަނީ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވައި މަޖިލީހުން އެކަމަށް ގޮތެއް ނިންމުމަށް ކަމަށެވެ.
"ކޮމެޓީގެ އަމުރާ އެއްގޮތަށް އެކަން ނުދިޔައިމާ އަޅުގަނޑުމެން މިއަދު ނިންމީ އެކަން މަޖިލީހުގެ ފްލޯއަށް ފޮނުވަން،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 10 މެންބަރުން ހިމެނިވަޑައިގަންނަވާ ކޮމެޓީއަށް މިއަދު ހާޒިރުވެވަޑައިގަތީ ހަ މެންބަރުން ކަމަށާއި މަޖިލީހުގެ ތަޅުމަށް މައްސަލަ ފޮނުވަން ފާސްވީ ފަސް މެންބަރުންގެ ތެރެއިން ތިން މެންބަރުން ވޯޓު ދެއްވައިގެން ކަމަށެވެ.
މި މައްސަލައިގައި ކޮމެޓީ ބައްދަލުވުން އިއްޔެ ވެސް ތާވަލު ކުރި އެވެ. ނަމަވެސް އެ ބައްދަލުވުން މިއަދަށް ފަސް ކުރެއްވެވީ އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބެރުންނަށް ކޮމެޓީ ޖަލްސާއަށް ވަޑައިގެންނެވޭ ގޮތް ނުވުމުންނެވެ. ރިޔާޒު ވިދާޅުވީ ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ އެމްޑީޕީގެ ބޭފުޅުންގެ ތެރެއިން މިއަދު ކޮމެޓީއަށް ވަޑައިގެންނެވީ ނޮޅަވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެކަނި ކަމަށެވެ.
މާލިއްޔަތު ކޮމެޓީން ބައްދަލުވުމެއް ބޭއްވީ ދައުލަތުގެ މާލީ މެޝިނަރީ ހިނގަމުންދާ ގޮތް ބެލުމަށް މާލީ 17 ކަމެއް ފާހަގަކޮށް ތަފުސީލަށް އެދިފައިވާ 17 ސިޓީއެއް ފިނޭންސަށް ފޮނުވުމުން ފިނޭންސުން މައުލުމާތު ނުދިނުމުން ދެން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށެވެ.
މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައި ގަންނަވަނީ 10 މެންބަރުންގެ ތެރޭގައި އެމްޑީޕީ މެންބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝިދާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ އާއި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
ކޮމެޓީގައި ދެން ހިމެނިވަޑައިގަންނަވަނީ މުގައްރިރު އަހުމަދު ނާޒިމާއި ނައިބު މުގައްރިގު މުހައްމަދު ނާޝިޒް އާއި އަބްދުﷲ އަބްދުއްރަހީމާއި އަބްދުﷲ މަސީހު މުހައްމަދާއި އަހުމަދު ސަލީމާއި ރިޔާޒު ރަޝީދާއި އަބްދުﷲ ޔާމީނެވެ.