25 May 2013, 11:07
ޔޫރަޕުގެ ދެވަނައަށް އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތް، ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދާ ކުލަބު ޖެހިގެން އަންނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައި ވާގޮތަށް ޔުއެފާ ކޮންގްރެސްގައި ނިންމައިފިއެވެ.
ޔުއެފާގެ އެ ނިންމުމަށް އަމަލު ކުރަން ފަށާނީ 16/2015ގެ ސީޒަންއިން ފެށިގެން ކަމަށް ވެސް ޔުއެފާ ކޮންގްރެސްގައި ވަނީ ނިންމާފަ އެވެ.
ޔުއެފާގެ ޖެނެރަލް ސެކްރެޓަރީ ޖިއާނީ އިންފެންޓިނޯ ވިދާޅުވީ ޔުއެފާގެ ގަވާއިދަށް އެ ބަދަލު ގެނައުމަށް ކޮންގްރެސްއިން ނިންމީ ވިލާތުގެ ދެވަނައަށް އެންމެ ޝަރަފު ވެރި މުބާރާތް އިތުރަށް ޝައުގުވެރި ކުރުވުމުގެ ބޭނުމުގައި ކަމަށެވެ.
ގަވާއިދަށް ގެނެވުނު ބަދަލު ތަކުގެ ފުރިހަމަ ތަފުސީލެއް ޖިއާނީ ދެއްވާފައި ނުވާއިރު މީޑިޔާ ރިޕޯޓުތައް ބުނަނީ ޔުއެފާގެ ގަވާއިދަށް އަލަށް ގެނެވުނު ބަދަލާ ގުޅިގެން އެ ގަވާއިދަށް އަމަލު ކުރަން ފެށުމާއެކު، ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުން އަދި ޔޫރޮޕާ ލީގުގެ ޗެމްޕިއަނުންނަށް އެގައުމެއްގެ ޑޮމެސްޓިކް ލީގުގައި ޗެމްޕިއަންސް ލީގުގެ ޖާގައަކާ ހަމައަށް ނުދެވުނު ނަމަވެސް ޖެހިގެން އަންނަ އަހަރު ޗެމްޕިއަންސް ލީގަށް ކޮލިފައި ވާނޭ ކަމަށެވެ.