25 May 2013, 10:56
އަހަރު ނިމޭއިރު ބޭރު ފައިސާގެ ރިޒާވް ހުންނާނީ 1.3 މަސް ދުވަހަށް ބޭނުންވާ ތަކެތި އެތެރެކުރެވޭ މިންވަރަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭ އިން މިދިޔަ ހަފުތާގައި ނެރުނު މިދިޔަ އަހަރުގެ މާލީ އުސްއަލިތައް ހިމެނޭ ރިޕޯޓުގައި ބުނެފައި ވަނީ ދާދިފަހުން ދެއްކި ބޭރުގެ ދަރަނިތަކާއި ކަރަންޓް އެކައުންޓް ދަރަނި ބޮޑުވުމާ ގުޅިގެން، މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު މިއަހަރު ނިމޭއިރު 291.4 މިލިއަން ޑޮލަރަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ ރިޕޯޓްގައި ބުނެފައި ވަނީ މިއަހަރު ވެސް ކަރަންޓް އެކައުންޓް ޑެފިސިޓް (ސީއޭޑީ) ފޫބައްދަން ނިންމާފައި ވަނީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ އިތުރުން ބޭރުގެ ލޯނު އެހީ ހޯދައިގެން ކަމަށެވެ. އަދި އޭގެ ސަބަބުން ބޭރު ފައިސާގެ ރިޒާވަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މަރުކަޒީ ބޭންކުން ނެރުނު މާލީ އުސްއަލިތަކުގައި ކަރަންޓް އެކައުންޓް ޑެފިސިޓް މިއަހަރު ވެސް ހުންނާނީ މިދިޔަ އަހަރު ހުރި 28 ޕަސެންޓްގައި ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެ އެވެ. އޭގެ ސަބަބެއް ކަމަށް ބުނެފައި ވަނީ އިމްޕޯޓްކުރާ މުދަލުގެ އަދަދު އިތުރުވުމާއި ދައުލަތުގެ ހަރަދުތައް ބޮޑުވުމުން ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
މިދިޔަ އޭޕްރިލް މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މާޗްމަހުގެ ނިޔަލަށް ބޭރު ފައިސާގެ ރިޒާވް ހުރީ 338.2 މިލިއަން ޑޮލަރެވެ. މިއީ ގާތްގަނޑަކަށް 2.5 މަހަށް ބޭނުންވާ މިންވަރެވެ.
އެމްއެމްއޭ އިން ބުނެފައި ވަނީ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމާއި ބޭރުގެ ދަރަނިތައް ބޮޑުވަމުން ދިއުމަކީ ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. ނަމަވެސް މިއަހަރު ބަޖެޓް ފާސްކުރިއިރު ފިސްކަލް ޑެފިސިޓް 12.6 ޕަސެންޓުން 3.6 ޕަސެންޓަށް ކުޑަކުރަން ނިންމާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެކަމަކު އެ މިންވަރަށް ފިސްކަލް ދަރަނި ކުޑަކުރެވޭނީ ސަބްސިޑީ ދޭ އުސޫލްތައް ބަދަލުކޮށް ދައުލަތުގެ ހަރަދުތައް ކުޑަކޮށް އަދި އާމްދަނީ އިތުރުކޮށްގެން ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ އޮތޯރިޓީގެ މާލީ އުސްއަލީގައި ބުނެފައި ވަނީ ހަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅައިފި ނަމަ ޑީޖީޕީގެ ހަތަރު ޕަސެންޓްވަރު ސަލާމަތްވާނެ ކަމަށެވެ. އަދި އެކަން އަހަރުގެ ކުރީކޮޅު ނުކޮށްފި ނަމަ އެމިންވަރަށް ސަލާމަތް ނުކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްއެމްއޭ އިން ބުނެފައި ވަނީ މިއަހަރުގެ ދައުލަތުގެ ބަޖެޓްގެ ދަރަނީގެ ބޮޑުބައި ފޫބައްދަން ނިންމާފައި ވަނީ އެތެރޭގެ މާކެޓަށް ޓީ ބީލް ވިއްކައިގެން ކަމަށެވެ. އަދި ޔަގީނުންވާ ހަރަދުތައް ކަނޑާލުމުގެ މާނައަކީ އަހަރު ނިމޭއިރު މާލީގޮތުން އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަން އަންގައިދޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްއެމްއޭ އިން ބުނެފައި ވަނީ ދައުލަތުގެ ދަރަނި ޑީޖީޕީގެ 70 ޕަސެންޓަށް އަރާފައިވާއިރު މިއަހަރު ނިމޭއިރު ވެސް ހުންނާނީ އެ މިންވަރުގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި ދައުލަތުގެ ދަރަނި އެ މިންވަރަށް ވުރެ މައްޗަށް ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެ އެވެ.