ތުރުކީގައި ބަނގުރާ ވިއްކުމަށާއި ބަނގުރަލުގެ އިޝްތިހާރު ދެއްކުމަށް ބޮޑެތި ހުރަސްތަކަކާއި ދަތިތަކެއް ކުރިމަތި ކުރުވާ ޤާނޫނެއް އެގައުމުގެ ޕާލަމެންޓުން ފާސްކޮށްފި އެވެ.

ތުރުކީގެ ޕާލަމެންޓުން އިއްޔެ ފާސްކުރި މިޤާނޫނު ތަންފީޒު ކުރެވޭނީ ރައީސް ޢަބްދުﷲ ގުލް މިޤާނޫނު ތަސްދީގު ކުރެއްވުމުންނެވެ. މިޤާނޫނުގައި ބަނގުރާ ވިއްކޭނެ ތަންތަން ކަނޑައަޅައި އާންމު ބައެއް ތަންތަނުގައި ބަނގުރާވިއްކުމާއި އޭގެ އިސްތިހާރު ވެސް ކުރުން މަނާކުރެ އެވެ. ނަމަވެސް ޓޫރިޒަމާ ގުޅުންހުރި ތަންތަނުގައާއި ތުރުކީގައި ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ ބޮޑެތި ރަސްމިއްޔާތުތަކާއި އިޙްތިފާލްތަކުގައި ބަނގުރާ ވިއްކުމަށާއި ބަނގުރަލުގެ އިޝްތިހާރު ދެއްކުމަށާއި އިޝްތިހާރު ކުރުމަށް މިޤާނޫނު ހުރަހެއްނާޅަ އެވެ.

މިޤާނޫނުގެ ދަށުން ޓޫރިޒަމްއާ ގުޅުން ހުރި ތަންތަނުގެ ތެރެއިންވެސް އާންމުން ދިރިއުޅޭ ތަންތަނުގައިވާ ޓޫރިސްޓް ހޮޓާތަކުގައި ވެސް ރޭގަނޑު 10 ން ހެނދުނު 6 އަށް ބަނގުރާ ވިއްކުން މަނާކުރެ އެވެ. އަދި އާންމުން ދިރިއުޅޭތަންތަނުގައި ވެސްބަނގުރާ ވިއްކޭނީ ޝަރުތުތަކަކާ އެކު ހުއްދަދެވޭ ވަކިތަނުގައި ކަމަށް މިޤާނޫނު ބުނެ އެވެ. މީގެއިތުރުން ބަނގުރާ ޕްރޮމޯޓްކުރާ ގޮތަށް ކުޅެފައިވާ ފިލްމުތަކާއި ޓީވީ ޑްރާމާތައް ދެއްކުމަކީ ވެސް މިޤާނޫނުގެ ދަށުން މަނާ ކަމެކެވެ. އަދި ކުޑަކުދިން ބަނގުރަލާ ދުރުކުރުމަށް މިޤާނޫނުގައި ކަންތައްތަކެއް ހިމަނާފައިވާއިރުވެހިކަލްތައް ދުއްވާ ޑްރައިވަރުން ބަނގުރާ ބޯމިންވަރު މަތިވެއްޖެ ނަމަ އެމީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުންވެސް މިޤާނޫނުގައި ހިމަނާފައިވެ އެވެ.

މިޤާނޫނަށް ފާޑުކިޔަމުންދަނީ ތުރުކީގެ ލާދީނީ ވިސްނުމުގެ މީހުންނެވެ. އެމީހުންގެ ދެކެނީ މިއީ ތުރުކީ އަލުން އިސްލާމީ އުސޫލުތައް އާލާކުރުމަށްޓަކައި ބޮޑުވަޒީރު ތައްޔިބު އަރުދުޣާންގެ އިސްލާމީ ޚިޔާލުގެ ޕާޓީން ރާވާފައިވާ އިސްލާމީ އެޖެންޑާގެ ދަށުން ބަނގުރަލާ ދެކޮޅަށް ހިންގާ ޕްރޮގްރާމުގެ ބައެއްގެ ގޮތުގަ އެވެ. އަދި މިއީ ފަރުދީ މިނިވަންކަމަށް ހުރަސްއަޅާ ޤާނޫނެއް ކަމަށްވެސް ސިފަކޮށް މިފަރާތްތަކުން ގެންދަނީ ރުޅިވެރިކަން ފާޅުކުރަމުންނެވެ.

ނަމަވެސް ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާންގެ ޕާޓީން ބުނަނީ ބަނގުރަލުގެ ކަންތައް ތުރުކީގައިވަނީ ހައްދުފަހަނަޅައި ގޮސްފައި ކަމަށާ ތުރުކީގައި ބަނގުރަލާ ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން އެކްސިޑެންޓްތަކުގައި ކޮންމެ އަހަރަކު އެތައް ހާސްބަޔަކު މަރުވެ ތުރުކީގެ ޒުވާނުންނާއި ކުޑަކުދިން ހަލާކުވަމުންދާ ކަމަށެވެ. އެހެންކަމުން މިޤާނޫނަކީ ޔޫރަޕްގެ ގައުމުތަކުގައި ބަނގުރާ ކޮންޓްރޯލް ކުރާ މިންގަނޑުތަކާ އެއްގޮތަށް ތުރުކީގައި ބަނގުރާ ކޮންޓްރޯލް ކުރުމުގެ ޤާނޫނެއް ކަމަށާ މިއީ ފަރުދީ މިނިވަންކަން ނަގާލާ ބޯދާ ޤާނޫނެއް ނޫންކަމަށް ވެސް ތުރުކީގައި ވެރިކަންކުރާ އިސްލާމީ ޚިޔާލުގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ ބުނެ އެވެ.

ތުރުކީއަކީ 95 އިންސައްތަ އިސްލާމީ ޤައުމެއް ނަމަވެސް މުސްތަފާ ކަމާލް އަތާތުރުކު މީގެ 70 ވަރަކަށް އަހަރު ކުރިން އެގައުމަށް ގެންނެވި ލާދީނީ އިންޤިލާބާ ގުޅިގެން ޔޫރަޕްގެ ގައުމުތަކަށްވުރެ ވެސް ބޮޑަށް ތުރުކީ ވަނީ ލާދީނީ ގައުމަކަށް ވެގެންގޮސްފަ އެވެ. މިގޮތުން ބުރުގާ އެޅުން ޔޫރަޕްގެ ޔުނިވަސިޓީ ތަކުގެ ދަރިވަރުންނަށާއި ސަރުކާރުގެ މުވައްޒަފުންނަށް ހުއްދަވާއިރު ދާދިފަހަކާ ޖެހެންދެން ވެސް މިކަން ތުރުކީގައި ވަނީ މަނާކުރެވިފަ އެވެ. މިކަން ތުރުކީގައި ދާދިފަހުން ހުއްދަކުރީ ވެސް އެގައުމުގައި ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ކޮންޓްރޯލް އޮންނަ ޕާލަމެންޓުން ފާސްކުރި ޤާނޫނެއްގެ ދަށުންނެވެ.

މީގެއިތުރުން އަތާތުރުކުގެ ދުވަސްވަރުން ފެށިގެން ތުރުކީގައި ވަނީ އެއްވެސް ކޮންޓްރޯލެއްނެތި އަދި އެއްވެސް މިންގަނޑެއްވެސް ނެތި ބަނގުރަލާއި އެލްކަހޯލް ޢާންމުކޮށްފަ އެވެ. މިކަން ބަދަލުކުރައްވައި މެދުމިނުގެ އިސްލާމީ ގައުމަކަށް ތުރުކީ ބަދަލުކުރުމަށް މަސައްކަތް ކުރައްވަނީ ތުރުކީގެ ލާދީނީ ޚިޔާލުގެ ލީޑަރުންގެ ވެރިކަމުގައި އެގައުމުގެ އިޤްތިސާދީ އަނދަވަޅަކަށް ވެއްޓި އިނދަޖެހިފައިވަނިކޮށް އެގައުމުގެ އިޤްތިސާދު އަލުން ކޮޅަށްޖައްސަވައިތުރުކީ އަށް ސިނާޢަތާއި އުފެއްދުންތެރި ކަމުގެ ޒަމާނީ އިންޤިލާބެއް ގެންނެވި އިސްލާމީ ޚިޔާލުގެ ލީޑަރު ރަޖަބް ތައްޔިބު އުރުދުޣާންއާއި އޭނާގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީންނެވެ. މިކަމުގެ ސަބަބުން އުރުދުޣާންގެ ވެރިކަމުގައި ތުރުކީ މިހާރު ވެފައި ވަނީ ދުނިޔޭގައި އެންމެ ހަލުއިކަމާއެކު ކުރިއަރަމުން އަންނަ 5 ގައުމުގެ ތެރޭގަ އެވެ. (ނޫސްއެޖެންސީތައް)