25 May 2013, 10:39
ދިރުވާލައިގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި މީހަކު 100،000ރ. އިން ޖޫރިމަނާ ކުރުމަށް ފަހު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ހުޅުމާލޭ ފްލެޓް ނަންބަރު 7-ޖީ-4 މުހައްމަދު ހާޒިމްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން ބުދަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ 7:57 އެހާކަންހާއިރު އައިލެންޑް އޭވިއޭޝަންގެ ފްލައިޓަކުން ހާޒިމް ރާއްޖެ އައުމުން އޭނާއާ މެދު ޝައްކު ކުރެވިގެން އޭނާގެ ހަށިގަނޑު އެކްސްރޭ ކުރި އިރު ބްލެޓް ސައިޒްގެ ތަކެތި ހުރިކަމަށް ދައްކާ ކަމަށެވެ.
ހާޒިމްގެ ހަށިގަނޑުގެ ތެރޭގައި ބްލެޓް ސައިޒުގެ ތަކެތި ހުރިކަމަށް އެކްސްރޭ އިން ދައްކާތީ ކަސްޓަމްސްގެ އޮފިސަރުން ދެން އޭނާ ހަވާލު ކުރީ ފުލުހުންނާ އެވެ.
ހާޒިމްގެ ހަށިގަނޑުގައި ހުރި ތަކެތި ބޭރުކުރުމަށް ފުލުހުން ކުރި މަސައްކަތުން އޭނާގެ ފުރަގަސްފަރާތުން ދެ ބްލެޓް ފެނިފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އޭނާ ބޮޑުކަމު ދިއުމާއި ހޮޑުލުމުގެ ތެރޭގައި ހަށިގަނޑުން 12 ބްލެޓް ބޭރުވެފައިވާ ކަމަށް ވެސް އެ ހުކުމް ގައި ވަނީ ބުނެފަ އެވެ.
އެތަކެއްޗަކީ އެ ދުވަސްކޮޅު މާލެއިން މަސްތުވާތަކެތި ނުލިބޭތީ އިންޑިއާއަށް ގޮސް އިންޑީއާގެ ރައްޓެއްސަކާ އެކު މަސްތުވާތަކެތި ބޭނުންކުރުމަށް ފަހު މާލެ ގެނައުމަށްޓަކައި ރައްޓެހި މީހާގެ އަތުން ގަނެގެން ގެނައި މަސްތުވާތަކެތި ކަމަށް ބުނެ ޝަރީއަތުގައި ހާޒިމް ދައުވާ އަށް އިއުތިރާފުވެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އޭނާ ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނުގައި 72.5284 ގްރާމް ހެރޮއިން ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން އެގެން އޮންނަ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
"... މުހައްމަދު ހާޒިމްގެ އަމިއްލަ އިއުތިރާފުންނާއި ގުޅިފައިވާ ގަރީނާތަކުގެ މައްޗަށް ރިއާޔަތްކޮށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 110 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެ އަށް އެތެރެކުރުމުގެ ކުށުން މުހައްމަދު ހާޒިމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މި ކުށުގެ އުގޫބާތެއްގެ ގޮތުން ބުނެވިދިޔަ ގާނޫނުގެ 110 ވަނަ މާއްދާގެ (ނ)ގެ ދަށުން މުހައްމަދު ހާޒިމް އުމުރަށް ޖަލަށް ލުމާ އެކު 100،000ރ. އިން ޖޫރިމަނާ ކޮށް މި ފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް މުހައްމަދު ހާޒިމް އަށް އަންގައި މިގޮތުމުގެމަތިން ހުކުމް ކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.