25 May 2013, 10:30
ޓެލްއަވީވް ( މޭ 25): ސުލްޙައަށް ޓަކައި އިސްރާއީލާއި ފަލަސްތީނުން "ހިއްވަރުގަދަ" ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް ވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވާހަކަ ދައްކަވައިފި އެވެ.
އިސްރާއީލަށާއި ފަލަސްތީނަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު އިސްރާއީލުން ފުރާވަޑައިގަންނަވަމުން ދެއްވި ބަޔާނެއްގައި ކެރީ ވިދާޅުވީ ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށްޓަކައި އިސްރާއީލާއި ފަލަސްތީނުގެ މަސްއޫލުވެރިން އުނދަނގޫ ނިންމުންތަކެއް ނިންމަވަން ޖެހޭ ކަމުގަ އެވެ. ނަމަވެސް 18 އަހަރުވީ ސުލްޙައިގެ ވާހަކަތައް ކޮޅެއްގައި ނުޖެހި ހުއްޓިފައި ވަނީ އަދި އަލުން ސުލްޙައިގެ ވާހަކަތައް ފެށުމަށް ހުރަސްއެޅިފައި ވަނީ އިސްރާއީލުގެ ސަބަބުން ކަމަށް ކެރީ ވިދާޅެއްނުވެ އެވެ. އަދި 1967ގެ ހަނގުރާމައިގާ ހިފާފައިވާ ފަލަސްތީނާއި ޢަރަބި އެހެން ބިންތަކުން ފޭބުމަށާއި މިކަމާބެހޭ އދ.ގެ ޤަރާރުތައް ތަންފީޒު ކުރުމަށް ވެސް ދެކޮޅު ހަދަނީ އިސްރާއީލުންކަން ކެރީ ފާހަގަ ކުރައްވާފައެއް ނުވެ އެވެ.
ކެރީ އިސްރާއީލާއި ފަލަސްތީނަށް ކުރެއްވި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ އސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރާމަﷲ އަށެވެ. ރާމަﷲގައި އޭނާ ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ ބައްދަލުކުރެއްވުމުގެ ތެރޭގައި ސުލްހައިގެ އައު ޕްލޭނެއް ޢައްބާސް އާ ހިއްސާ ކުރެއްވި ކަމަށް ފަލަސްތީނުގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ސާއިބު ޢުރައިޤާތު ވިދާޅުވި އެވެ. އޭއެފްޕީ އަށް ދެއްވި ބަސްދީގަތުމެއްގައި އުރައިޤާތު ވިދާޅުވީސުލްހައިގެ އައު ޕްލޭނެއް ކެރީ ގެންގުޅުއްވާ ކަމަށާއި ނަމަވެސް އެޕްލޭން ރަސްމީ ސިފައެއްގައި އަދި ފަލަސްތީނަށް ހުށަނާޅުއްވާ ކަމުގަ އެވެ.
ފަލަސްތީނުގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙައިގެ ވާހަކަތައް އަލުން ފެށޭނެ ފޯމިއުލާއެއް ވުޖޫދަށް ގެނައުމަށް އެމެރިކާގެ ކެރީ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާ އިން ބުނެ އެވެ. މި މަސައްކަތުގެ ދަށުން އޭނާ ވަނީ އިސްރާއީލަށާއި ފަލަސްތީނުގެ ހިފާފައިވާ ބިންތަކަށް ހަތަރު މަސް ދުވަހުގެ ތެރޭގައި ހަތަރު ފަހަރެއްގެ މަތިން ދަތުރުފުޅު ކުރައްވާފަ އެވެ. (އޭއެފްޕީ)