މީގެ ތިން ހަފްތާ ކުރިން ދެ މީހުންނާ އެކު މ. އަތޮޅުން ދަތުރު ކުރި އަޒުމު ދޯނި ފެނިއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުން ނަގާފައި ވަނީ ސިންގަޕޫރުގެ ބޯޓަކަށެވެ. ދެ މީހުންގެ ވެސް ހާލު ރަނގަޅު ކަމަށް އެނގިފައިވެ އެވެ. އެ މީހުން ވަނީ އެ މީހުންގެ އާއިލާ އާ މިއަދު ހެނދުނު ގުޅައި ހަބަރުދީފައި ކަމަށް ވެސް ސަން އަށް ވަނީ އެނގިފަ އެވެ. އަދި އެ މީހުންނަށް ސިންގަޕޫރަށް ދެވޭނީ ހަތަރު ދުވަސް ފަހުން ކަމަށް އެނގިފައިވެ އެވެ.

އެ ދޯނިން ދަތުރުކޮށްފައިވާ ދެ މީހުންނަކީ، އދ. މާމިގިލީ ހަނދުވަރުދޭގޭ ހަސަން ރަޝީދު،39، އަދި ލ. މާވަށް ހިޔަލީގޭ އުމުރުން 32 އަހަރުގެ އަބްދުﷲ ވަހީދު އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އަބްދުއްރަހީމް މިއަދު ވިދާޅުވީ ރާއްޖެ އާއި 1000 މޭލު ދުރުން، ސުމަޓްރާ އާ 300 މޭލު ބޭރުގައި އޮތް "އަޒުމް" ދޯނި ފެނިފައިވަނީ ޗައިނާއަށް ދަތުރުކުރަމުން ދިޔަ ތެޔޮ ޓޭންކަރަކަށް ކަމަށެވެ. އަދި އަޒުމް ދޯނީގައި ތިބި ދެ މީހުން ވެސް އެ ދޯންޏަށް ނަގާފައިވާއިރު ދެ މީހުންގެ ވެސް ހާލު މިހާރު ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" އެ ދެމީހުންގެ ތެރެއިން އެކެއްގެ ހާލު ތޮޔޮ ޓޭންކަރަށް އެމީހުން ނެގިއިރު ދަށް، ނަމަވެސް މިހާރު ދެ މީހުންގެ ހާލު ވެސް ރަނގަޅު، އަޅަނޑުގަނޑުމެން މިގެންދަނީ ބޯޓާ ވާހަކަ ދައްކަމުން، އަޒުމް ދޯނިން ދަތުރު ކުރި ދެމީހުންގެ ތެރެއިން ހަސަން ރަޝީދާ ވެސް ކޯސްޓްގާޑުން ވަނީ ވާހަކަދައްކައިފައި، ބޯޓުން ބުނީ އެމީހުން ދަތުރު ކުރަމުން މިގެންދަނީ ޗައިނާގެ ބަނދަރަށް ކަމަށް، ނަމަވެސް އޭގެ ކުރިން ސިންގަޕޫރުގެ ހައުޓާ ހާބަރުގައި ބަނދަރުކޮށްފާނެ ކަމަށް ވެސް އެމީހުން ބުނޭ،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

ޗައިނާއަށް ދަތުރު ކުރަމުން ދިޔަ އެ ތެޔޮ ޓޭންކަ މާޝަލް އައިލެންޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެކެވެ.