މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލުމަށް ފަންޑު ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ "އައުވާނުން" ކަމަށް ސިފަކޮށް އެކަމަކީ މިއަދު މިގައުމުގެ ހުރިހާ ރައްޔިތުން ކަންބޮޑުވާން ޖެހޭނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ގައުމީ އިއްތިހާދު ޕާޓީ އާއި ގައުމީ ޕާޓީ އާއި ޑީއާރްޕީ އަދި އަދާލަތު ޕާޓީ ގުޅިގެން ހަދާފައިވާ ކޯލިޝަން އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މިފަހަކުން ރާއްޖޭގައި ހިނގި އެންމެ ބޮޑު ޖަރީމާއަކީ ކޮންޓްރެކްޓްގެ އުސޫލުން ބަޔަކަށް ގިނަ އަދަދެއްގެ ފައިސާ ދީގެން، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފުރާޝިމް އަލީ އަވަހާރަކޮށްލުން ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ އަފްރާޝީމް ގަތުލުކޮށްލި މީހާ ފަނޑިޔާރު ކުރިމަތީގައި އެކަމަށް އިއުތިރާފު ވެފައިވާ އިރު ފައިސާ ދީގެން އޭނާ ލައްވައި އެކަންކުރުވި މީހުން އަދިވެސް ތިބީ މިނިވަންކޮށް ކަމަށެވެ.

އެމްޑީޕީ އަށް ރައްދުވާގޮތަށް އެމަނިކުފާނު ވިދާޅުވީ އެކަންކުރުވީ "ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށް ދައުވާކުރާ" ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ "އައުވާނުން" ކަމަށްވީ ކަމީ މިގައުމުގެ ހުރިހާ ރައްޔިތުން އެކަމާ ކަންބޮޑުވާންޖެހޭނެ ކަމެއް ކަމަށެވެ.

"މިގައުމުގައި ފަހަކަށްއައިސް ހިންގި އެންމެ ނުރައްކާތެރި އެންމެ ރަހުމުކުޑަ އެންމެ ބިރުވެރި ޖަރީމާއަކީ ކޮންޓްރެކްޓުގެ އުސޫލުން ބަޔަކަށް ގިނަ އަދަދެއްގެ ފައިސާ ދީގެން މިރާއްޖޭގައި ހުރި އެންމެ ފުންނާބު އުސް ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލުން. މިއީ އާދައިގެ ކަމެއް ނޫން. މިއަކީ އަފުޣާނިސްތާން، ޕާކިސްތާން ފަދަ ގައުމުތަކުގައި ހައްދު ފަހަނައަޅަފައިވާ ސިޔާސީ މުޖުތަމައުތަކުގައި ނޫނީ ނުހިނގާ ފަދަ ބޮޑު ޖަރީމާއެއް. އެމަނިކުފާނު ގަތުލްކޮށްލި މީހާ ވަނީ ފަނޑިޔާރުގެ ކުރިމަތީގައި އިއުތިރާފްވެފައި. އެކަމަކު އެމީހާ ލައްވައި ފައިސާ ދީގެން އެކަން ކުރުވި ކަމަށް ބުނާ މީހުން އަދި ވެސް ތިބީ މިނިވަންކޮށް. އެމީހުންނަކީ މިގައުމުގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށް ދައުވާކުރާ ޕާޓީ އަށް ނިސްބަތްވާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ އައުވާނުން ކަމަށް ވީކަމީ މިއަދު މިގައުމުގެ ހުރިހާ ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއް،" ރައީސް ވަހީދު ވިދާޅުވި އެވެ.

ޑރ. އަފުރާޝީމް އަވަހާރަކޮށްލުމުގެ ޖަރީމާ ރާވައި އެކަމުގެ އެންމެ އަޑީގައި ތިބި ފަރާތްތައް ހޯދަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި ސަރުކާރުން ސާބިތުކަމާ އެކު މަސައްކަތް ކުރާނެ ކަމަށާއި އެފަދަ ޖަރީމާތައް ހިންގާ ފަރާތްތައް ހޯދުމުގައި ނުފުރޮޅާ އެންމެ ގާކޮޅެއް ވެސް ނުބާއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި "އެމުޖުރިމުނަށް" ދޭން ޖެހޭ އަދަބު ތަންފީޒުކުރުމުގައި ފަސްނުޖެހޭނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.

"ޑރ. އަފުރާޝީމްގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ދިވެހި ފުލުހުން ދެއްކެވި ސާބިތުކަމާއި ކެތްތެރިކަމާއި ކުޅަދާނަކަން އަޅުގަނޑު އުފަލާ އެކު ފާހަގަކުރަން. އަޅުގަނޑުގެ އުންމީދަކީ އަވަސް މުސްތަގުބަލެއްގައި އެ ޖަރީމާ ހިންގި އަދި ރާވައި ހިންގި ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނައުން" ރައީސް ވަހީދު ވިދާޅުވި އެވެ.

ހ. ލޮބީ ހުސައިން ހުމާމް އަހްމަދު ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވީ އޭނާގެ މަންމައާއި ބައްޕަގެ ވެސް ހާޒިރުގަ އެވެ.

ފަނޑިޔާރު ކުރިމަތީގައި ހުމާމް ބުނެފައި ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް އޭނާގާތު ފުރަތަމަ ބުނީ ކޯޕްރަލް އަޒުލިފް ރައޫފް ކަމަށެވެ. އޭގެ ފަހުން އަޒުލިފް އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ދަނބި ދަރިފުޅު އަބްދުﷲ ޖާވިދު (ޖާ) އާއި އޭނާގެ ބޭބެ ޖަނާއާ އެކު ޖަލަޕީނޯގައި ކޮފީއެއްގައި ތިބެ އަފްރާޝީމް މަރާލުމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތާ މެދު މަޝްވަރާކޮށްފައިވާ ކަމަށް ވެސް ފަނޑިޔާރު ކުރިމަތީގައި ހުމާމް ވަނީ ބުނެފަ އެވެ.

ހުމާމް ބުނެފައި ވަނީ އަފްރާޝީމް ގަތުލުކޮށްލުމުން ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ދީފައި ވަނީ ޖާގެ ބޭބެ ޖަނާ ކަމަށެވެ.

އަފްރާޝީމް މަރާލުމުން އޭނާ އަށް ފައިސާ ނުލިބޭ ކަމަށާއި ނަމަވެސް އަފްރާޝީމް މަރާލުމުގެ ކުރިން އެއް މިލިއަން ރުފިޔާ ލިބުނު ކަމަށް އަޒްލީފް އޭނާގާތު ބުނި ކަމަށް ވެސް ހުމާމް ވަނީ ފަނޑިޔާރު ކުރިމަތީގައި ކިޔައިދީފަ އެވެ.