ދިރާގު ދިވެހި ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ދޭއް ސުމަކުން މޮޅުވެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ތާވަލުގެ ކުރީގައި 12 ޕޮއިންޓަށް ލީޑު ފުޅާ ކޮށްފި އެވެ.

މިއަދުގެ މެޗުން މޮޅުވުމުން ތާވަލުގެ އެއްވަނައިގައި މިހާރު ނިއު އޮތީ 24 ޕޮއިންޓާ އެކުގަ އެވެ. އަދި ތާވަލުގެ ދެވައިނައިގައި މާޒިޔާ، ވެލެންސިޔާ އަދި ބީޖީ، ކޮންމެ ޓީމަކަށް 12 ޕޮއިންޓް ލިބިފައިވާއިރު މާޒިޔާއަށް ދެވަނަ ލިބެނީ ފައިދާ ދެ ލަނޑުގެ ތަފާތުންނެވެ.

މިއަދުގެ މެޗުގައި ނިއުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ ހަތް ވަނަ މިނިޓުގައި އަލީ ފާސިރު (ސެންޓޭ) އެވެ. އަދި މެޗުގެ 83 ވަނަ މިނިޓުގައި ނިއުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

މިއަދުގެ މެޗުގައި ދެ ޓީމުންވެސް ވަނީ ލަނޑުޖަހާނޭ ފުރުސަތުތައް ތަނަވަސް ކޮށްފަ އެވެ. އަދި ހާއްސަކޮށް ފަހު ހާފުގައި ނިއުގެ އަހްމަދު ނިޔާޒު (ނިޔާ) މާޒިޔާގެ ގޯލަށް ފޮނުވާލި ނުރައްކާތެރި ދެހަމަލާއެއް ފާހަގަ ކޮށްލެވެ އެވެ.

މިއަދުގެ މެޗާ ބެހޭގޮތުން ނިއުގެ ކޯޗު ވެލިޒާ ޕޮޕޯފް ބުނީ މިއަދުގެ މެޗުގައި އޭނާގެ ކުޅުންތެރިން ކުރި ހިތްވަރާއި ދެއްކި މޮޅު ކުޅުމަށް ތައުރީފް ކުރާ ކަމަށެވެ. އަދި މާޒިޔާއިންވެސް އެ ދެއްކި ރީތި ފުޓްބޯޅައަށް ތައުރީފު ކުރާ ކަމަށާއި މިއަދު އޭނާގެ ޓީމުގެ މޮޅުވި މޮޅުވުން ހަދިޔާ ކުރަނީ ނިއުގެ ކުރީގެ މެނޭޖަރު ޝާޒު ހަބީބަށް ކަމަށެވެ.

"ފުރަތަމަ ކަމަކަށް އަހަރެން ފާހަގަ ކޮށްލާނީ، މިއަދު އަހަރެންގެ ކުޅުންތެރިން ސާބިތުކޮށްދީފި ޝަހުސިއްޔަތާއި އެއީ ކިހާވަރެއްގެ ބައެއްކަން. އެކަމަށްޓަކައި ކުޅުންތެރިންނަށް ވަރަށް ބޮޑަށް މަރުހަބާ ކިޔަން. އަދި ދެވަނަ ކަމެއްގެ ގޮތުގައި އަހަރެން ބޭނުން މިއަދުގެ މެޗު އަހަރެންގެ ކުރީގެ މެނޭޖަރު ޝާޒުއަށް ހަދިޔާކުރަން. ތިންވަނަ ކަމެއްގެ ގޮތުގައި އަހަރެން މާޒިޔާއިން އެދެއްކި ރީތި ކުޅުމަށް ތައުރީފު ކުރަން،" ޕޮޕޯފް ބުންޏެވެ.

ނިއުގެ ކޯޗު ބުނީ ނިއުއާ އެކު ރީތި ފުޓްބޯޅައެއް ކުޅެން މަސައްކަތް ކުރާ ބަޔަކީ މާޒިޔާ ކަމަށެވެ. އަދި މިއަދުގެ މެޗަށް އޭނާގެ ކުޅުންތެރިން ނުކުތްއިރުވެސް ތިބީ ވަރަށް ވަރުބަލި ވެފައި ކަމަށާއި އެހެން ކަމުން ނިއުގެ އަސްލު ކުޅުން މިއަދުގެ މެޗުގައި ދައްކައި ނުލެވުނު ކަމަށެވެ.

މެޗާ ބެހޭގޮތުން މާޒިޔާގެ ކޯޗު އިސްމާއީލް މަހެފޫޒް (އިންމަ) ބުނީ ޓީމުގެ ކުޅުންތެރިން ރަނގަޅަށް ކުޅުނު ނަމަވެސް މެޗުން ބަލިވާން ދިމާވީ ރަނގަޅަށް ކުޅެ ލަނޑެއް ކާމިޔާބު ނުކުރެވި ގިނައިރުތަކެއް ވެގެން ދިއުމުގެ ސަބަބުން ކަމަށެވެ.

"މިއަދުގެ މެޗަށް ބަލާއިރު މާޒިޔާގެ ކުޅުން މުޅިއަކުން ގޯހެއްވެސް ނޫން. އެކަމަކުވެސް އަޅުގަނޑުމެންގެ އެޓޭކިންއާއި ޑިފެންސްގައިވެސް އެބަހުރި ރަނގަޅު ކުރަންޖެހޭ ބައެއް ކަންތައްތައް. ގޭމުގެ ކުޅުންގަނޑު ރަނގަޅު ކަމުގައި ވީނަމަވެސް އަޅުގަނޑުމެންނަށް ފުރުސަތުތަކެއް ލިބި ލަނޑު ނުޖެހި ގިނައިރުވެގެން ދިއުމުގެ ސަބަބުން މިއަދު ގޭމު ގެއްލެން ދިމާވީ،" އިންމަ ބުންޏެވެ. "ދެން އަޅުގަނޑުމެން ކޮޅަށް ދެވަނަ ލަނޑުވަނީ ޑިފެންސިވް މިސްޓޭކެއްގެ ސަބަބުން."

މިއަދުގެ މެޗާއެކު ލީގުގައި މާޒިޔާ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ އިރު އިންމަ ބުނީ މުބާރާތުގެ މިހާ ހިސާބަށް ދިޔައިރު މެޗު ތަކަކުން މާޒިޔާ ބަލިވެފައި އޮތުމާއި އަދި 12 ޕޮއިންޓުގެ ލީޑެއް ނިއުއަށް ލިބިފައި އޮތުމުން މިއަދުގެ މެޗަށް މާޒިޔާއިން ނުކުތީ އެކަން ހުއްޓުވުމުގެ އަޒުމުގައި ކަމަށާއި އެހެން ނަމަވެސް އެކަން ހާސިލު ނުވީ ކަމަށެވެ.

އިންމަ އިތުރަށް ބުނީ މެޗުތަކުން ބަލިވަމުންދާތީ ކުލަބަށް އިތުރު ޕްރެޝަރު ކުރިމަތިވާކަމަށާއި އަދި ސިލްސިލާކޮށް ބަލިވަމުންދާ ބަލިވުން ހުއްޓުވުމަކަށް ގެނެސް ޓީމު ހަމައަކަށް އެޅުވުމަށް ބޭނުންވަނީ މެޗަކުން މޮޅުވުން ކަމަށާއި ކުރިއަށް އޮތްމެޗު ކާމިޔާބުކޮށް އެކަން ހައްލު ކުރެވޭތޯ ބަލާނޭ ކަމަށެވެ.

ދިރާގު ދިވެހި ލީގުގައި މާދަމާ ހަވީރު 4:00ގައި ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ 12 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި އޮތް ކުލަބު ވެލެންސިޔާ އާއި 12 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތް ބީޖީ ސްޕޯޓްސް ކުލަބެވެ.