24 May 2013, 19:37
ސަލާހުއްދީން މިސްކިތުގައި ހުތުބާ ވިދާޅުވަން ހަވާލު ކުރި ހަތީބަށް އޮޅިގެން އެހެން މިސްކިތަކަށް ހުކުރު ކުރައްވަން ވަޑައިގެންނެވުމުން، ހުކުރު ވަގުތު ފަހަނަ އަޅައިދަނިކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އެ މިސްކިތުގައި އިމާމުވެ ހުކުރު ކުރައްވައިފި އެވެ.
ހުކުރު ވަގުތު މިއަދު ޖެހުނު އިރު ސަލާހުއްދީން މިސްކިތަށް ހުކުރު ކުރަން ހަމަޖައްސަވާފައިވާ ހަތީބު މުހައްމަދު ބުޝްރީ މިސްކިތަކަށް ވަޑައެއް ނުގަންނަވަ އެވެ. އޭނާގެ ބަދަލުގައި ހަމަޖައްސާފައިވާ ހަތީބު މުހައްމަދު އަހުމަދު ވެސް މިސްކިތަށް ވަޑައިނުގަންނަވަ އެވެ. އެ ދެ ބޭފުޅުން މިސްކިތަށް ވަޑައިނުގެންނެވުމުން ހުކުރު ހުތުބާގެ ލިޔުން ހޯދުމަށް މިސްކިތުގެ އިމާން އާދަމް އިބްރާހިމް މާލޭ ސިޓީ ކައުންސިލުގެ ބޭފުޅަކަށް ގުޅުއްވި އެވެ. މިސްކިތްތަކާ ހަވާލުވެފައިވާ ސިޓީ ކައުންސިލުގެ ސެކްޝަންނުގެ އަންހެން ބޭފުޅަކު އެ ޚުތުބާ ސަލާހުއްދީން މިސްކިތަށް ގެނަ އެވެ. އޭރު ހުކުތުބާ ވިދާޅުވާންޖެހޭ ވަގުތު ފަހަނަ އަޅައިދާން ހަތް ވަރަށް މިނިޓަށްވީ އެވެ. އާންމުކޮށް ހުތުބާ ވިދާޅުވާން ފަށަނީ ހުކުރު ދުވަހު 12:35 އެވެ.
ސިޓީ ކައުންސިލުން ގެނައި ލިޔުން ހިއްޕަވައިގެން ސަލާހުއްދީން މިސްކިތުގެ އިމާމު ހުތުބާ ވިދާޅުވުމަށް ވަޑައިގަންނަވަނިކޮށް، ޑރ. މަޖީދު ފެނިވަޑައިގެން، ޑރ. މަޖީދަށް ހުތުބާ ހަވާލު ކުރެއްވި އެވެ.
"އަޅުގަނޑު އިމާމުވެ ހުކުރު ކުރުމަށްވުރެ ރަނގަޅުވާނީ ޑޮކްޓަރު [ޑރ. މަޖީދާ] އެކަންް ކުރެއްވިއްޔާ. އެހެންވެ އަޑުގަނޑު އިސްވެ އެކަން ކުރެއްވުމުގެ ބަދަލުގައި ޑޮކްޓަރު [ޑރ. މަޖީދާ] އެކަން ހަވާލު ކުރެއްވީ،" ސަލާހުއްދީން މިސްކިތުގައި އިމާމު ސަންއާ ވާހަކަދައްކަވަމުން ވިދާޅުވި އެވެ.
އިމާމު ވިދާޅުވި ގޮތުގައި އެ މިސްކިތުގައި ހުތުބާ ކިޔަން ފެށުނުލެއް ލަސްވި ނަމަވެސް، ހުކުރު ނަމާދު ނިންމަންޖެހޭ ވަގުތަށް ނިންމުނެވެ. އެ މިސްކިތުގައި ހުކުރުކޮށް ނިމުނީ މިއަދު މެންދުރުފަހު 1:05 ގަ އެވެ.
ސަލާހުއްދީން މިސްކިތަށް ހަތީބުން ވަޑައިނުގެންނެވި މައްސަލާގައި ވާހަކަފުޅު ދައްކަވަމުން ސިޓީ ކައުންސިލްގެ އެސިސްޓެންޓު ޑިރެކްޓަރު އަހުމަދުއްﷲ ޖަމީލު ވިދާޅުވީ އެ މައްސަލަ ދިމާވީ އެ މިސްކިތުގައި ހުކުރު ކުރަން ހަމަޖެހިފައިވާ މުހައްމަދު ބުޝްރީއަށް އޮޅިގެން ޖަލާލުއްދީން މިސްކިތަށް ދެވުމުން ކަމަށެވެ. އަދި އޭނާ ޖަލާލުއްދީނަށް ދިޔައިރު، އެ މިސްކިތުގައި ވެސް ހުކުރު ކުރައްވަން ހަތީބެއް ހުންނެވި ކަމަށާއި ނަމަވެސް އެ ބޭފުޅާ ފުރުސަތު ދެއްވީ ބުޝްރީ އިމާމުވެ ހުކުރު ކުރެއްވުމަށް ކަމަށް ވެސް އަހްމަދުﷲ ވިދާޅުވި އެވެ.
"ބުޝްރީ ވިދާޅުވީ ތިމަންނައަށް އޮޅިގެން ދެވުނީ ޖަލާލުއްދީން މިސްކިތަށޭ. ސަލާހުއްދީނަށް ވަޑައިގަންނަވަން ޖެހޭ ބޭފުޅަކު ޖަލާލުއްދީނަށް ވަޑައިގެންނެވުނީ. އެއީ ދޭތެރެ ދޭތެރެއިން އިމާމުންނަށް ދިމާވާ ކަމެއް. އެކަންތައްތަކުގެ ރައްކަލަކަށްޓަކައި ބަދަލުގައި ހަތީބަކު ކޮންމެ މިސްކިތަކަށް ވެސް ލައްވަނީ. ނަމަވެސް ބަދަލުގައި ހުންނަވާ ބޭފުޅާ މިސްކިތަށް ވަޑައިނުގެންނެވި ސަބަބެއް ނޭނގޭ. އޭނާއަށް ނުގުޅިގެން އަޅުގަނޑުމެން މިއުޅެނީ،" އަހުމަދުﷲ ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން 2010 ވަނަ އަހަރުން ފެށިގެން މިސްކިތްތަކާއި އިމާމުންނާއި ހަވާލުވެފައި ވަނީ ކައުންސިލްތަކުންނެވެ. މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ލާމަރުކަޒީ ގާނޫނުން މިސްކިތްތައް ކައުންސިލްތަކާ ހަވާލު ކުރުމުން ގާނޫނީ ޒިންމާ އެބޭފުޅުން އުފުއްލަވަންޖެހޭނެ ކަމަށެވެ. ނަމަވެސް މިސްކިތްތައް ހިންގުމުގައި އެއްވެސް ދައްޗެއް ކުރިމަތި ނުވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިމާމުން އެ މިނިސްޓްރީގެ ދަށަށް ގެނައުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމުގައި ސިވިލް ސާވިސް ކޮމިޝަންގެ އެއްބާރުލުމަށް ޑރ. ޝަހީމް އެދިވަޑައިގެންނެވި އެވެ.