24 May 2013, 18:48
މާލެ އިން ތިލަފުއްޓަށް ކުނިގެންދާ ބާޖުން ދުވާ ކުނި ވަސްގަނޑު މާލޭގައި ހުންނަ ވިލިމާލޭ ފެރީ ޓާމިނަލް ސަރައްދާއެކު ބޮޑު ބަޔަކަށް ފެތުރިފައި ވާތީ އެކަން ހައްލު ކޮށްދިނުމަށް ގޮވާލައި ވިލިމާލޭ ރައްޔިތުންގެ ތެރެއިން ބަޔަކު މުޒާހަރާ ކޮށްފި އެވެ.
މުޒާހަރާ ފަށާފައި ވަނީ މިއަދު މެންދުރުފަހު ގާތްގަނޑަކަށް 3:00 ޖަހާ އެހައިކަންހާއިރު ކުނިބާޖު ކުރިމަތިންނެވެ.
ކުނިބާޖު އެ ސަރަހައްދުގައި ބޭއްވުމުގެ ސަބަބުން ވިލިމާލޭ ފެރީ ޓާމިނަލް ސަރައްދާއެކު މާލޭގެ ބޮޑު ބަޔަކަށް ފެތުރިފައިވާ ކުނިވަހުގެ ސަބަބުން ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާތީ އެކަން ހައްލުކޮށްދިނުމަށް މުޒާހަރާގެ ބައިވެރިން ވަނީ މާލޭ ސިޓީ ކައުންސިލަށާއި ސަރުކާރަށް ގޮވާލާފަ އެވެ.
ކުނިބާޖުން ދުވާ ނުބައިވަހުގެ ސަބަބުން ގިނަ ބަޔަކަށް ސިއްހީ ގޮތުން ނުރައްކަލާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، އެހެން ކަމުން އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މުޒާހަރާގެ ބައިވެރިން ވަނީ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފަ އެވެ.
މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާނު ހަސަން މަނިކު ވިދާޅުވީ ކުނިބާޖުން ދުވާ ނުބައި ވަހުގެ ސަބަބުން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި އުނދަގުލާއި ނުރައްކަލާއި ކުރިމަތިލާން ޖެހިފައިވާތީ އެކަން ހައްލުކޮށްދިނުމަށް އެދި ތަކުރާރުކޮށް ކަމާ ބެހޭ ފަރާތްތަކުގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެކަން ހައްލުކޮށްދީފައި ނުވާކަމަށާއި ދެން އެކަން ހައްލު ކުރެވިދާނެ ކަމަށް ގަބޫލު ކުރެވެނީ މުޒާހަރާކޮށްގެން ކަމަށް ވާތީ މިއަދު މުޒާހަރާ ފެށީ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
"މިކަން ފެންނަ އެއްވެސް ގާނޫނީ ލޮލެއް މި ގައުމަކު ނެތް. އަޅުގަނޑުމެން ހަތަރު އަހަރުގެ ބަޖެޓަށް ވޯޓު ދިނީ. އޭގަ ހިމެނޭ ކުނި ނައްތާލުމަށް ބޭނުންވާ ފައިސާ ވެސް. ދެން ފިނޭންސުން ސިޓީ ކައުންސިލަށް އެ ފައިސާ ނުދޭން ޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ. މި ކަމުގެ ސަބަބުން މީހުންގެ ނޭވާލާ ނިޒާމަށް ގެއްލުންވެ، ސިއްހީ ބޮޑެތި މައްސަލަތައް ޖެހުނީމަ އެ މީހުން ހައްގު ކޮބައިތޯ،" ނިހާނު ވިދާޅުވި އެވެ.
ނިހާނު ވިދާޅުވީ ކުނިވަހުގެ ސަބަބުން ފާއިތުވި ހަތަރުމަސް ދުވަސް ވިލިމާލޭ ރައްޔިތުން ތަހައްމަލް ކޮށްފައި ވަނީ ވަރަށް އުނދަގުލާއި، ދަތި ހާލުގައި ކަމަށެވެ. އަދި އެކަމަށް ސަރުކާރާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން ދާއިމީ ހައްލެއް ހޯދައިދޭން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުޒާހަރާގައި ހަރަކާތްތެރިވި އަންހެނުންގެ ފަރާތުން ސަން އާ ވާހަކަދެއްކި މީހަކު ބުނީ ކުނި ބާޖުން ދުވާ ކުނި ވަހުގެ ސަބަބުން އޭނާގެ ދެ ދަރީން ހޮޑުލާ ބޭރަށް ހިންގުން ޖެހިގެން ސިއްހީ ފަރުވާ ދީފައިވާ ކަމަށެވެ. އަދި އޭގެ އިތުރުންވެސް އެ ރަށުގައި ދިރިއުޅޭ ގިނަ ބަޔަކަށް ބަލިތައް ޖެހެމުންދާ ކަމަށް ވެސް އެ މީހާ ބުންޏެވެ.
"އަޅުގަނޑުގެ ދެ ދަރިން ހޮޑުލާ ބޭރަށް ހިންގާތީ ޑޮކްޓަރަށް ދެއްކީމަ ޓެސްޓު ހަދާފަ ބުނީ ނޭވާލާ ނިޒާމުން އަރައިގެން އުޅޭ ބައްޔެކޭ. ދެން ވީ ގޮތެއް ނޭނގިގެން އުޅެނިކޮށް މާ ފަހުން މި އެނގުނީ މި އުފުލިން އަރާ ކުނި ވަހުގެ ސަބަބުން ވައިގެ ޒަރިއްޔާއިން އެރި ބައްޔެއްކަން. މިކަން ވަރަށް ބޮޑު އުނދަގުލަކަށް ވެއްޖެ. މިހާރު ނެތް އެ ކޮޅަށް ދަތުރު ކުރެވޭކަށް. ނުކޮށް ވާކަށްވެސް ނެތް،" އޭނާ ކިޔައިދިނެވެ.
ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މާލެއިން ކުނި ނައްތާލުމަށް އިންޑިއާގެ ޓަޓްވާ ގްލޯބަލް ރިނިއުބަލް އެނާޖީ އާއެކު 20 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި މާލޭ ސިޓީ ކައުންސިލާއި ފިނޭންސް މިނިސްޓްރީން ވަނީ 2011 ވަނަ އަހަރު ސޮއިކޮށްފަ އެވެ.
ޓަޓުވާއާ އެކު ވެވުނު އެއްބަސްވުމުގައިވާ ގޮތުން މިދިޔަ އަހަރުގެ މެދު ތެރޭގައި ކުނިނައްތާލުމުގެ އަމަލީ މަސައްކަތް ފަށަން ޖެހެ އެވެ. ނަމަވެސް ޓަޓުވާއާއި ސަރުކާރާއި ސިޓީ ކައުންސިލާ މެދު ޚިޔާލުތަފާތުވެ އެ މަސައްކަތް މިހާތަނަށް ވެސް ފެށިފައެއް ނުވެއެވެ.
އެކަމާ ގުޅޭގޮތުން ނިހާނު ވިދާޅުވީ ޓަޓުވާ ކުންފުނިން ކުނި ނައްތާލުމުގެ އަމަލީ މަސައްކަތް މިހާނަތަށް ފަށާފައި ނުވާއިރު އެކަމުގައި ސަރުކާރާއި ސިޓީކައުންސިލުން އެއްބަޔަކު އަނެއްބަޔެއްގެ ބޮލުގައި އިލްޒާމް އެޅުވުން ނޫންކަމެއް ކުރާތަން ފެނިގެން ނުދާ ކަމަށެވެ.
"ފެރީން ދަތުރުކުރާ އެންމެން މޫނު މަތީ އަތް އަޅައިގެން މި ދަތުރު ކުރަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރާއި ސިޓީ ކައުންސިލާއި ދެމެދަށް ހައްލެއް ހޯދެން ޖެހޭނެ. ޓަޓުވާ ވީ ތަނެއް ނޭނގެ. ސިޓީ ކައުންސިލުން ވިދާޅުވަނީ ޓަޓުވާގެ އެގްރިމެންޓް ސަރުކާރުން ބާތިލް ކުރަނިއްޔޭ. ސަރުކާރުން ވިދާޅުވަނީ ސިޓީ ކައުންސިލްގައި ގޯސް އެބަ އުޅެޔޭ. އަޅުގަނޑުގެ ސުވާލަކީ މި ކަމުގެ ޒިންމާ އުފުލަން ޖެހެނީ ވިލިމާލޭ ރައްޔިތުން ތޯއޭ،" ނިހާން ވިދާޅުވި އެވެ.
މިއަދުގެ މުޒާހަރާ އާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހީމް ސުޖާއު ވިދާޅުވީ އެ ކަމުގެ ޒިންމާ ނަގަން ޖެހޭ ފަރާތަކީ ސަރުކާރު ކަމަށެވެ.
އޭނާ ވިދާޅުވީ ކުނީގެ ސަބަބުން ކޮންމެ ފަހަރަކުވެސް ބަޔަކު ނުކުމެ މުޒާހަރާ ކުރުމުން ފައިސާ ދެނީ އެއްފަހަރު ކުނި އުކާލެވޭ ވަރަށް ކަމަށާއި، އެ މައްސަލަ މި ގޮތަށް ދިމާވާނެ ވާހަކަ ސަރުކާރުގެ ކަމާއި ގުޅޭ ފަރާތް ތަކުގައި ތަކުރާރުކޮށް ދަންނާވަފައިވާނެ ކަމަށެވެ.