24 May 2013, 15:58
އިނގިރޭސިވިލާތުގެ ގައުމީ އެއާލައިން ބްރިޓިޝް އެއާވޭސް (ބީއޭ) ގެ މަތިންދާބޯޓެއް ހީތުރޯއިން ނައްޓާލުމަށް ފަހު، ވައިގެ ތެރޭގައި "ރޯވުމުން" ކުއްލި ހާލަތުގައި ބޯޓު އަނބުރާ ހީތުރޯއަށް ޖެއްސުމުގެ ސަބަބުން އިނގިރޭސިވިލާތުގެ އެންމެ ކާރޫބާރޫ ބޮޑު ވައިގެ ބަނދަރު ދޮޅު ގަޑިއިރަށް ބަންދުކޮށްފި އެވެ.
ބީބީސީ އިން ބުނީ ހީތުރޯގެ ދެ ރަންވޭ ވެސް ބަންދުކުރުމަށް ފަހު، ހީތުރޯއިން ނޯވޭގެ އޮސްލޯއަށް ދަތުރުކުރަމުންދިޔަ ބީއޭގެ ބޯޓު ކުއްލި ހާލަތުގައި ހީތުރޯއަށް ޖައްސާފައި ވަނީ ބޯޓުގެ އިންޖީނުން ކަޅު ކުލައިގެ ދުން ނުކުންނަށް ފެށުމުން ކަމަށެވެ.
ބޯޓި ޖެއްސުމަށް ފަހު އެމަޖެންސީ ޝޫޓްތަކުން ޕަސިންޖަރުން ހުސްކުރި އިރު، ހީތުރޯގެ އެމަޖެންސީ ރެސްޕޯންސް ޓީމުތައް އޮތީ ކުއްލި ހާލަތުގަ އެވެ. ނަމަވެސް އެއްވެސް ޕަސިންޖަރަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ.
ލަންޑަން އެމްބިއުލަންސް ސާވިސް އިން ބުނީ އާދައިގެ ކުދިކުދި ޒަހަމްތައް ލިބިފައިވާ ތިން މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ.
ބޯޓު ޖެއްސުމަށް ފަހު ބޯޓުގެ ކަނާތު އިންޖީނުގައި ރޯވި އަލިފާންގަނޑު ލަންޑަން ފަޔާ ބްރިގޭޑުން ވަނީ ކޮންޓްރޯލްކޮށްފަ އެވެ.
ބީއޭއިން ބުނީ އޮސްލޯ އަށް ދަތުރުކުރި އެއެއާލައިންގެ އެއާބަސް އޭ319ގައި ދަތުރުކުރީ 75 ޕަސިންޖަރުން ކަމަށާއި ހުރިހާ އެންމެން ވެސް ތިބީ ހެޔޮ ހާލުގައި ކަމަށެވެ.
ޔޫރަޕުގެ ވެސް އެންމެ ކާރޫބާރޫ އެއާޕޯޓް ކަމަށްވާ ހީތުރޯ އެއާޕޯޓުން ބުނީ ކުއްލި ހާލަތުގައި ރަންވޭތައް ބަންދުކުރުމުގެ ސަބަބުން 23 މަތިންދާބޯޓެއް ޑައިވާޓްކުރަން ޖެހުނު ކަމަށެވެ. އަދި މިއަދުގެ ހުރިހާ ދަތުރެއްގައި ވެސް ކުރިން ޝެޑިއުލްކޮށްފައިވާ ވަގުތުތަކަށް ގަޑިއެއް ހާއިރުގެ ޑިލޭއެއް އަންނާނެ ކަމަށް ހީތުރޯއިން ބުނެ އެވެ.