ގއ. ކަނޑުހުޅުދޫގައި މިއަދު ހިނގި މާރާމާރީއެއްގައި ދެ ޒުވާނަކު ޒަހަމަކޮށްލައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ރިފާއު ރަޝީދު ވިދާޅުވީ މާރާމާރީ ހިނގާފައި ވަނީ މިއަދު ތިނެއް ޖަހާ އެހާކަންހާއިރު ކަމަށާއި އެކަމެއް ހިނގާފައި ވަނީ އެއާ އާއިލާއެއްގެ ދެކުދިންގެ މެދުގައި ކަމަށެވެ.

މާރާމާރީގައި ޒަހަމްވެފައިވާ އެއް ކުއްޖަކީ 18 އަހަރު ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމަށާއި އަނެއް ކުއްޖަކީ 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށް މައުލޫމާތު ލިބެ އެވެ.

ރިފާއު ވިދާޅުވީ އެ ހާދިސާ ހިނގައި ދިޔަ ގޮތުގެ މައުލޫމާތު ލިބިފައިނުވާ ނަމަވެސް، ދެކުދިންގެ ގައިގާ ވެސް ތޫނު އެއްޗަކުން ހަމަލާދީފައިވާ ޒަހަމްތައް ފެންނަން ހުރި ކަމަށެވެ. އެގޮތުން 18 އަހަރުން ދަށުގެ ކުއްޖާގެ އަތުގައި ދެއިންޗި ދިގު ޒަހަމެއް ހުރި އިރު، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖާގެ ބުރަކަށީގައި އަށް އިންޗި ހާ ތަނެއް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމަކޮށްލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނޭނގެ ވީ ގޮތެއް. ދެ ކުދިންނަށް ވެސް އަނިޔާވެގެން މިހާރު ސިއްހީ މަރުކަޒަށް ވަނީ ގެންގޮސްފައި. އެތަނުން އެއް ކުއްޖަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް،" ރިފާއު ސަން އަށް ކިޔައިދިނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ކުދިންނަކީ ދެބެންގެ ދެދަރި ދެކުދިންނެވެ. އަދި މީގެ ތެރެއިން އެއް ކުއްޖެއްގެ ބައްޕައަކީ އެ ރަށު ކައުންސިލަރެއް ކަމަށް ވެސް ރިފާއު ވިދާޅުވި އެވެ.

ރިފާއު ވިދާޅުވީ އެ މައްސަލަ މިހާރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާނެ ކަމަށާއި ވަރަށް އަވަހަށް ފުލުހުންގެ ޓީމެއް އެ ރަށަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލްގެ ކޮމެންޓެއް އަދި ލިބިފައެއް ނުވެ އެވެ.