24 May 2013, 14:09
އިސްތަންބޫލް (މޭ 24) : އަމާން ކަމާއި ސަލާމަތާ އެކު ސޫރިޔާގެ ވެރިކަން ދޫކޮށްލެއްވުމުގެ ފުރްސަތު ރައީސް ބައްޝާރުލް އަސަދަށް އަދިވެސް އެބައޮތް ކަމަށް އޭނާގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ކޯލިޝަންގެ ކުރީގެ ރައީސް މުޢާޛުލްޚަތީބު ވިދާޅުވެއްޖެ އެވެ.
އިސްތަންބޫލްގައި ކުރިޔަށްދާ ސޫރިޔާގެ އިދިކޮޅު ކޯލިޝަންގެ ލީޑަރުންގެ ބައްދަލުވުމުގައި ދެއްވި ބަޔާނެއްގައި އިދިކޮޅު ކޯލިޝަންގައި މިހާރު ވެސް އިސްދައުރެއް އަދާކުރައްވާމުޢާޛުލްޚަތީބު ވިދާޅުވީ ސޫރިޔާގެ ވެރިކަން ދޫކޮށްލައްވައިފި ނަމަ ބައްޝާރާއި އޭނާގެ ޢާއިލާއަށާއި ގާތްމީހުންނަށް އެހެންގައުމެއްގައި އަމާންކަމާ އެކު ދިރިއުޅުއްވުމުގެ ފުރްސަތު ދިނުމަށް އިދިކޮޅު ކޯލިޝަން އޮތީ ތައްޔާރަށެވެ. ވެރިކަން ދޫކޮށްލެއްވުމަށް ބައްޝާރު އެއްބަސްވެ ވަޑައިގެންފި ނަމަ ބައްޝާރަށާއި އޭނާގެ ޢާއިލާއަށާއި ގާތްމީހުންނަށް ރައްކާތެރިކަމާ އެކު ސޫރިޔާއިން ނުކުތުމުގެ ފުރްސަތު ދެވިދާނެ ކަމަށާއި އޭރުން ބައްޝާރަށް ޙިމާޔަތް ދޭންބޭނުންވާ ގައުމަކަށް އެބޭފުޅުންނާ އެކު އޭނާ އަށް ވަޑައިގެންނެވިދާނެ ކަމަށް ވެސް އަލްޚަތީބު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ބައްޝާރާ އެކު އޭނާ ބޭނުންވާ 500 މީހަކަށް ރައްކާތެރިކަމާ އެކު ސޫރިޔާއިން ފުރުމުގެ ފުރްސަތު ލިބިދޭ ސުލްހައިގެ ހުށަހެޅުމެއް ހުށަހަޅުއްވާފައިވާނެ ކަމަށާއި މި ހުށަހެޅުން ތަންފީޒު ކުރުމަށް 20 ދުވަހުގެ މުއްދަތެއް ވެސް ބައްޝާރަށް ދެވިފައިވާނެ ކަމުގަ އެވެ. މިކަމާބެހޭ ގޮތުން ސޫރިޔާ ސަރުކާރުން ވެސް އަދި އެގައުމުގެ ސަރުކާރު މީޑިޔާއިން ވެސް ވަކިއެއްޗެއް އަދި ހާމަކޮށްފައެއްނުވެ އެވެ.
ބައްޝާރަށް ވަފާތެރި ސިފައިން ބަލިކުރުމުގައި އިދިކޮޅު ހަނގުރާމަވެރިންނަށް ކާމިޔާބު ނުލިބުމުގެ އިތުރުން ހަނގުރާމަވެރިންގެ މެދުގައިވެސް ޚިލާފްތައް އުފެދި ބައިބައިވެފައިވާއިރު މިޙާލަތުގައި ސޫރިޔާގެ ވެރިކަން އިދިކޮޅު ފަރާތްތަކަށް ދޫކޮށްލައްވާފައި ވެރިކަމުން ދުރުވެވަޑައިގަތުމަކީ ބައްޝާރު ކުރައްވާނެ ކަމެއްނޫން ކަމަށް މުހައްލިލުން ދެކެއެވެ. (އަލްޖަޒީރާ)