ވޮޝިންޓަން (މޭ 24): ޓެރަރިޒަމާ އިދިކޮޅު ނަމުގައި އެމެރިކާ ކުރަމުން ގެންދާ ހަނގުރާމައިގާ ގުއަންޓެނާމޯ ޖަލުގައި ލާއިންސާނީ ޢަމަލުތައް ހިންގާފައިވާ ކަމަށާ މިއީ ހުއްޓުމެއްނެތި ތާއަބަދަށް ކުރެވޭނެ ހަނގުރާމައެއް ނޫންކަމަށް އެމެރިކާގެ ރައީސް އެއްބަސްވެ ވަޑައިގެންފި އެވެ.

ޓެރަރިޒަމާ ދެކޮޅަށް އެމެރިކާ ގެންގުޅޭނެ އައު ސްޓްރެޓެޖީ އިޢްލާން ކުރުމުގެ ގޮތުން ވޮޝިންޓަންގައި ހުންނަ އެމެރިކާގެ ނެޝަނަލް ޑިފެންސް ޔުނިވަސިޓީގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ އަނިޔާވެރިކަމަށް ނަން މަޝްހޫރު އެމެރިކާގެ ގުއަންޓެނާމޯ ޖަލު ބަންދުކުރަން ޖެހޭ ކަމަށާއި އެޖަލުގެ ސަބަބުން އެމެރިކާގެ ނަން ހުތުރުވެފައިވާ ކަމުގައެވެ. ގުއަންޓެނާމޯ ޖަލުގައި އަސީރުންނާ ދެކޮޅަށް އެމެރިކާ ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޢަމަލުތައް ހިންގައިގެން ނުވާނެ ކަމަށާއި އެފަދަ ޢަމަލުތަކުގެ ސަބަބުން އެމެރިކާގެ އަގު ވެއްޓި އެމެރިކާގެ ނަން ހުތުރުވެފައިވާ ކަމަށް ވެސް އޮބާމާ އިއްތިރާފްވެ ވަޑައިގެންނެވި އެވެ.

އެމެރިކާގެ ކުރީގެ ހަރުކަށި ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި ގުއަންޓެނާމޯ ޖަލުގައި އެމެރިކާ ސިފައިން ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކުގެ ތެރޭގައި އެޖަލުގައި ހައްޔަރުކޮށްފައިވާ މީހުންގެ ކިބައިން އިޢްތިރާފްތައް ހޯދުމަށްޓަކައި އެމީހުންނަށް ޖިސްމާނީ އަނިޔާތައް ކުރުމާއި ފެނުއަޑީގައި ގަންބައި ހާސްކުރުންފަދަ ހަރުކަށި ޢަމަލުތައް ހިމެނޭއިރު މިފަދަ ޢަމަލުތައް ހިންގުން އެމެރިކާ މިހާރު ހުއްޓާލާފައިވާ ކަމަށް އޮބާމާ ވިދާޅުވި އެވެ. އެމެރިކާގެ މި އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން އިންސާނީ ހައްޤުތަކަށް އިޙްތިރާމް ނުކުރާ ގައުމެއްގެ ގޮތުގައި އެމެރިކާ ސިފަވެގެންދިޔަކަމަށް ވެސް އޮބާމާ އިޝާރާތް ކުރެއްވި އެވެ.

ޓެރަރިޒަމާ އިދިކޮޅު ހަނގުރާމައަށް މިހާތަނަށް އެމެރިކާގެ ޚާޒާނާއިން އެއްހާސް ބިލިޔަން (އެއް ޓްރިލިޔަން) ޑޮލަރު ޚަރަދުވެ އެމެރިކާ ސިފައިންގެ 7000 މީހެއްގެ ފުރާނަ ގުރްބާން ކޮށްލެވިފައިވާ ކަމަށްވެސް އޮބާމާ ވިދާޅުވި އެވެ. އޮބާމާގެ ވާހަކާގައި ޑްރޯން މަތިންދާބޯޓުތައް ބޭނުންކޮށްގެން އެމެރިކާ ދެމުންގެންދާ ހަމަލާތައް ދިފާއު ކުރެއްވި އެވެ. ނަމަވެސް މިޙަމަލާތައް ދޭންޖެހޭނީ މިހާރަށް ވުރެ ބޮޑަށް ބަލައިގެން ޢާންމުން މަރުނުވާނެ ގޮތެއްގެ މަތިން ކަމަށްވެސް އޮބާމާ ވިދާޅުވި އެވެ.

ޑްރޯން މަތިންދާބޯޓުތައް ބޭނުންކޮށްގެން ޕާކިސްތާނާއި ޔަމަން ފަދަ ގައުމުތަކަށް އެމެރިކާ ދެމުންގެންދާ ޙަމަލާތައް ދިފާޢުކުރައްވައި އެއީ އިންސާފުވެރި ޙަމަލާތަކެއް ކަމަށް ވިދާޅުވެ އޮބާމާ ވާހަކަ ދައްކަވާފައި މިވަނީ މިޙަމަލާތަކަކީ ގަސްދުގައި މީހުން މެރުމުގެ ނިޔަތުގައި އެމެރިކާ ދޭ ޙަމަލާތަކެއް ކަމަށްވާތީ ހަނގުރާމައިގެ ޙާލަތުގައި ވެސް މީހުން މެރުމުގެ ނިޔަތުގައި މީހުން މީހުން މެރުމަކީ ބައިނަލްއަޤްވާމީ ޤާނޫނު ހުއްދަ ކުރާކަމެއް ނޫންކަމާއި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާއި އެކަމަށް ހުއްދަދޭ ފަރާތްތައް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ޙާޒިރުކޮށް ޝަރީޢަތް ހިންގަންޖެހޭނެ ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނަމުންދާ ދުވަސްވަރެއްގަ އެވެ.

ދެ ހާސް ހަތަރު ވަނަ އަހަރުން ފެށިގެން ޑްރޯން މަތިންދާ ބޯޓުތައް ބޭނުންކޮށްގެން އެމެރިކާ ޕާކިސްތާނަށް ދީފައިވާ ޙަމަލާތަކުގައި ވެސް 3575 އަށްވުރެ ގިނަ މީހުން މަރާލާފައިވާ އިރު މީގެތެރޭގައި 850 އަށްވުރެ ގިނަ ޕާކިސްތާނުގެ އާންމު ރައްޔިތުން ހިމެނެ އެވެ. އެމެރިކާ މަރާލާފައިވާ ޢާންމުންގެ ތެރޭގައި ގިނައީ އަންހެނުންނާ ކުޑަކުދިން ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

އޮބާމާގެ ވާހަކާގައި ޓެރަރިސްޓު ޖަމާއަތްތައް ރޫޅާލައި އެފަދަ ޖަމާއަތްތައް ފުނޑުފުނޑުކޮށްލަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި އެމެރިކާ ކުރިމަތިލާން ޖެހިފައި ވަނީ ސިޔާސީ މަޤްސަދްތައް ޙާސިލް ކުރުމަށްޓަކައި ޓެރަރިޒަމްގެ ޢަމަލުތައް ހިންގަމުންގެންދާ ހަތިޔާރުއެޅި ޖަމާއަތްތަކަކާ ކަމަށް ސިފަކުރައްވައި މިފަދަ ޖަމާޢަތްތަކާ ކުރިމަތިލުމުގައި އެމެރިކާ ފަހަތައް ނުޖެހޭނެ ކަމަށްވެސް އޮބާމާ ވިދާޅުވި އެވެ.

އޮބާމާ މިހެން ވިދާޅުވެފައިވާ އިރު ޚުދު އެމެރިކާއަކީ ވެސް ސްޓޭޓް ޓެރިޒަމް ފުޅާދާއިރާއެއްގައި ހިންގައި ކުށެއްނެތް މީހުން މަރައި ގައުމުތަކަށް އަރައިގަނެ ބައިނަލްއަޤްވާމީ ޤާނޫނަށް ގޮންޖަހަމުން ގެންދާ ހަރުކަށި ގައުމެއްކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ސިފަކުރެ އެވެ. (ނޫސްއެޖެންސީތައް)