24 May 2013, 13:34
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ނ. މިލަދު އަށް ވަޑައިގަތުމުން އެ ރަށުން ބަޔަކު ނުކުމެ އެމަނިކުފާނާ ދެކޮޅަށް ހިންގި ހަމަނުޖެހުމާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 21 އަހަރާއި 27 އަހަރުގެ ދެ މީހުން ކަމަށެވެ. ނަމަވެސް އެ މީހުންގެ އިތުރު ވަނަވަރެއް ފުލުހުން އާންމެއް ނުކުރެ އެވެ.
އިއްޔެ ނަޝީދު މިލަދޫ އަށް ވަޑައިގަތުމުން އެ ރަށުގެ ބަނދަރު ސަރަހައްދަށް ބަޔަކު ނުކުމެ އެ މަނިކުފާނު ރަށަށް އެރިޔަ ނުދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި ނަމަވެސް ފުލުހުން އެކަން ހުއްޓުވައި އެތަނަށް އެއްވެ ތިބި މީހުން ފަހަތަށް ޖެއްސުމަށް ފަހު ސަލާމަތްތެރިކަމާ އެކު ނަޝީދު އެ ރަށަށް އަރާވަޑައިގެންފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ރަށުގައި ހުންނަ އެމްޑީޕީގެ ޖަގަހަ އާ ހަމައަށް ފުލުހުންގެ އެހީތެރިކަމާ އެކު ރައީސް ނަޝީދު ގެންގޮސްދީ އެ ވަގުތު އެ ޖަގަހައިގައި ހިނގަމުންދިޔަ އެ ޕާޓީގެ ޖަލްސާގައި ބައިވެރިވުމަށް ފަހު އެ ރަށުން ފުރައި ވަޑައިގަންނަވަންދެން ފުލުހުން އެ މަނިކުފާނަށް ރައްކާތެރިކަން ދީފައިވާ ކަމަށެވެ.
އިއްޔެ ހަވީރު ފަހެއް ޖެހި އިރު ނަޝީދު އެ ރަށަށް ވަޑައިގަތުމުން ބަޔަކު ހިންގި ހަމަނުޖެހުމުގައި އެ މަނިކުފާނުގެ ގަޔަށް ވެލިޖަހާ ހަދާފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.