ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް ހުށަހެޅޭ މައްސަލަތައް ލަސްނުކޮށް ޝަރީއަތަށް ހުށަހަޅުއްވައި ދެއްވުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕްރޮސެކިއުޓާ ޖެނެރަލް އަށް ގޮވާލައްވައިފި އެވެ.

ޔާމީން އެކަމަށް ގޮވާލެއްވީ ޕީޕީއެމް އިން ރޭ އާޓިފިޝަލްބީޗްގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ތަހުގީގު ކުރުމަށް ފަހު ފުލުސް އޮފީހުން ޕީޖީއަށް މައްސަލަ ފޮނުވުމުން ލަސްނުކޮށް އެ މައްސަލައެއް ޝަރީއަތަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ޕީޖީ ދައުވާ އުފުލުމުން ކޯޓުތަކުން ވެސް ލަސްނުކޮށް އެ މައްސަލަ ނިންމަން ޖެހޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

މިހާރު ފެނިގެން މިދަނީ ބައެއް ފަނޑިޔާރުން ރާއްޖެ އިން ބޭރުގެ ތަފާތު އެކި ސެމިނާތަކަށް ދާތަން ކަމަށާއި އެއަށް ވުރެ ބޮޑަށް ފަނޑިޔާރުން ކުރައްވަން ޖެހޭ ކަމަކީ ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަ އަވަހަށް ނިންމަވައި ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޭގެ އެއްވުމުގައި ޔާމީން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލިފައިވާ ދައުވާގެ ޝަރީއަތް ލަސްވާތީ އެކަމުގެ މައްޗަށް ވެސް އަލިއަޅުވާލައްވައި ވާހަކަދައްކަވާފަ އެވެ.

އޭނާ ވިދާޅުވީ އިޖުރާއީ ނުކުތާތައް އެއްފަރާތް ކޮށްފައި ކޯޓަށް ހުށަހެޅިފައިވާ އަސްލު މައްސަލަ އަވަސް މުއްދަތެއްގައި ނިންމަން ޖެހޭ ކަމަށާއި "ގޯހެއް ހަދައިފި ނަމަ" އިޖުރާއީ ނުކުތާތައް އެއްފަރާތް ކޮށްފައި ކޮންމެ މީހަކަށް ވެސް އަދަބު ލިބެންޖެހޭނެ ކަމަށެވެ.

ރޭގެ އެއްވުމުގައި ޕީޕީއެމްގެ ނާއިބް ރައީސް އަހްމަދު އަދީބް އަބްދުލްޣަފޫރު އާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާނަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފްގެ އިތުރުން ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ވެސް ވަނީ ރާއްޖޭގައި ޖިނާއީ ބޮޑެތި ކުށްތައް އިތުރުވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކަވައިފަ އެވެ.