މެންޗެސްޓާ ޔުނައިޓެޑްގެ ވެޓަރަން ޑިފެންޑަރު ރިއޯ ފާޑިނަންޑް އެކުލަބާ އެކު އެއް އަހަރު ދުވަހުގެ އާ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި ސީޒަނަށްފަހު ގައުމީޓީމަށް ކުޅުން ހުއްޓަލާފައިވާކަން ހުސްވި ހަފުތާގައި އިއުލާނުކުރި އުމުރުން 34 އަހަރުގެ ފާޑީނަންޑުގެ ކޮންޓްރެކްޓް އާކޮށްފައި ވަނީ ކުލަބުގެ އާ ކޯޗު ޑޭވިޑް މޮއެސްގެ މަޝްވަރާގެ މަތިންނެވެ.

"އަހަރެން މިހިރީ ވަރަށް ހިތްހަމަޖެހިފައި. މިއީ އާދަޔާ ހިލާފު ދަތުރެއް އަދި މި ކުލަބާއެކީ ކުރިއަށް ދިމުގެ ފުރުސަތު ލިބުމުން އަހަރެން ވަރަށް އުފާކުރަން،" ފާޑިނަންޑު ބުންޏެވެ.

މި މަހުގެ ކުރީކޮޅު ކޯޗު ކަމުން ރިޓަޔާކުރަން ނިންމާފައިވާ ޔުނައިޓެޑްގެ ކޯޗު ސާ އެލެކްސް ފާގަސަން ވަނީ މި ސީޒަނަކީ ފާޑިނަންޑު އެކުލަބުގައި ހޭދަކުރި އެންމެ ކާމިޔާބު އެއް ސީޒަންކަމާއި އޭނާއަށް ކުލަބުން އިތުރަށް ފުރުސަތު ލިބޭނޭ ކަމަށް ބުނެ ފާޑިނަންޑަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކާފަ އެވެ.

ފާޑިނަންޑު ވަނީ ޔުނައިޓެޑަށް މިސީޒަންގައި 34 މެޗު ކުޅެދީފަ އެވެ. އޭގެ ތެރޭގައި ލީގުގައި އޭނާ ކުޅުނު 28 މެޗު ހިމެނެއެވެ. އަދި އެ އަދަދަކީ ކުލަބުގެ އެހެން ސެންޓްރަލް ޑިފެންޑަރުން ކުލަބަށް ކުޅުނު އަދަދަށްވުރެ ގިނަ އަދަދެކެވެ.

"ކޮންމެ ހަފުތާއަކު 76000 ސަޕޯޓަރުންގެ ކުރިމަތީގައި މިފަދަ ބޮޑު ޓީމަކަށް ކުޅެން ބޭނުން ނުވާނީ ކާކު؟ މިހާރު އަހަރެންނަށް ހުރިހާ ވަގުތެއް ކުލަބަށް ހުސްކުރެވޭނެ،" ފާޑިނަންޑު ބުންޏެވެ. "މި ވަރުގަދަ ކުލަބާއެކު މިހާރު އަހަރެމެން ފަށާފައި މިވަނީ މުޅިން އާ ދައުރެއް. އަހަރެން ކުލަބުގެ އައު ކޯޗު ޑޭވިޑް މޮއިސްއާ ބައްދަލުކުރިން. އަހަރެން މިހާރު އުއްމީދު ކުރަމުން މިގެންދަނީ އޭނާއާއެކު މި ކުލަބުގައި އިތުރު ޓްރޮފީތަކެއް ހޯދުމުގެ މަސައްކަތް ފަށަން،"

އިނގިރޭސި ގައުމީ ޓީމަށް 81 މެޗު ކުޅެފައިވާ، ކުރިން ވެސްޓްހެމް ޔުނައިޓެޑާއި އަދި ލީޑްސް ޔުނައިޓެޑަށް ކުޅުނު ޑިފެންޑަރު މެންޗެސްޓާ ޔުނައިޓެޑާ ގުޅުނީ 2002 ވަނަ އަހަރުގެ ޖުލައިމަހު ގާތްގަނޑަކަށް 31 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އެއީ އޭރު މުޅި ދުނިޔޭގައިވެސް ހުރި އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގަ އެވެ.

ފާޑިނަންޑު ވަނީ މިހާތަނަށް ޔުނައިޓެޑަށް 432 މެޗު ކުޅެ ދީފައެވެ. އެގޮތުން އޭނާވަނީ އެކުލަބާއި ގުޅުނުފަހުން ހޯދާފައިވާ ކާމިޔާބީ ތަކުގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގު އެއްފަހަރު، ލީގު ކަޕު ދެ ފަހަރު އަދި ޕްރިމިއާ ލީގު ހަ ފަހަރު ހޯދާފައިވެ އެވެ.