ޑިންގީއެއްގައި ވަދާ އަޅަން ނުކުމެ އުޅެނިކޮށް، ދެ ހަފްތާވަންދެން ކަނޑުމަތިވި ގދ. ފަރެސްމާތޮޑާ، ރޯޒީސައިޑް، މުހައްމަދު ފަލާހު 30، މެލޭޝިޔާއަށް ދަތުރު ކުރާ ޖަރުމަނު ބޯޓަށް ނަގާފައިވުމުން އޭނާ މެލޭޝިޔާއަށް ގެންދިއުމަށްފަހު އަންނަ އާދީއްތަ ދުވަހު މާލެ ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުންފި އެވެ.

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ސައީދު މިރޭ ވިދާޅުވީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ފަލާފަށް ގުޅުއްވައި، އޭނާގެ ހާލު ބެއްލެވުމަށްފަހު، އޭނާ ރާއްޖެ ގެނައުމަށް ފޮރިން މިނިސްޓްރީއަށް އިރުޝާދުތަކެއް ދެއްވި ކަމަށެވެ. ރައީސްގެ އެންގެވުމުގެ މަތިން މެލޭޝިޔާގައި ހުރުމާއި އޭނާ މާލެ ގެނައުމުގެ ކަންތައްތައް އެ ގައުމު ހުންނަ ދިވެހި އެމްބަސީން ފުރިހަމަކޮށްފައިވާ ކަމަށާއި އަންނަ އާދީއްޔަ ދުވަހު މެލޭޝިޔާގެ އެއާލައިނުން އޭނާ ރާއްޖެ ގެންނާނެ ކަމަށް ހަސަން ސައީދު ވިދާޅުވި އެވެ.

ދެ ހަފްތާވަންދެން ޑިންގީއެއްގައި ކަނޑުމަތީގައި އުޅެންޖެހުނު ފަލާހު ޖަރުމަނު ބޯޓަކަށް ނަގާފައި ވަނީ ރާއްޖޭގެ އިރުން 900 މޭލު ބޭރުންނެވެ. މި މަހުގެ ހަތް ވަނަ ދުވަހު ފަލާހު ގެއްލުމުން އޭނާ ހޯދުމަށްޓަކައި އިންޑިއާގެ މަތިންދާ ބޯޑެއް ގެނެސްގެން އެމްއެންޑީއެފުން ހުވަދު އަތޮޅުގެ ބޮޑު ސަރަހައްދެއް ބަލާފައިވެ އެވެ.