23 May 2013, 22:59
ވިއެނާ (މޭ 23): އީރާނުން އެގައުމުގެ ނިއުކްލިޔާ ޕްރޮގްރާމް ތަރައްގީކޮށް ކުރިއަރުވަމުން ގެންދާކަމަށާ ޔޫރޭނިޔަމް ފައްކާކުރުމުގެ ގާބިލްކަން ވަރަށް ބޮޑަށް އީރާން ހޯދާފައިވާ ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ބުނެފި އެވެ.
އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ ބެހޭ ގޮތުން އެއެޖެންސީން އެންމެ ފަހުން ނެރުނު ރިޕޯޓްގައިވާ ގޮތުން ފާއިތުވި ހައެއްކަ މަސް ދުވަހުގެ ތެރޭގައި ވެސް އީރާނުން ވަނީ ނިއުކްލިޔާ ސެންޓްރިފިއުޖް މެޝިންގެ އިތުރު އެތަށް ސަތޭކަ މެޝިން ނަތަންޒް ނިއުކްލިޔާ ރިއެކްޓަރުގައި ހަރުކޮށް ޚިދްމަތަށް ނެރެގެން ޔޫރޭނިޔަމް ފައްކާކުރުމުގެ ޤާބިލްކަމާއި އެކަމުގެ ކެޕޭސިޓީ އިތުރަށް މައްޗަށް ޖައްސާލާފަ އެވެ. ނަމަވެސް ނިއުކްލިޔާ ހަތިޔާރު އުފައްދަން ބޭނުންކުރާ މިންވަރަށް އީރާނުން ޔޫރޭނިޔަމް ފައްކާކުރާ މިންވަރު މައްޗަށް ޖެއްސިކަމުގެ މަޢްލޫމާތު މިހާތަނަށް ލިބިފައިނުވާ ކަމަށް މިރިޕޯޓް ބުނެ އެވެ.
ދެހާސް ތިން ވަނަ އަހަރު އީރާނުން ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް ފެއްޓީ ނިއުކްލިޔާ ސެންޓްރިފިއުޖް މެޝިންގެ އެންމެ 10 މެޝިން ބޭނުންކޮށްގެން ވަރަށް އާދައިގެ ގޮތަކަށެވެ. އެ 10 މެޝިނަކީ ވެސް ރަޝިޔާގައި އުފައްދާފައިވާ މެޝިންތަކެވެ. ނަމަވެސް މިހާރު އީރާނުންވަނީ ޔޫރޭނިޔަމް ފައްކާކުރުމަށް ޓަކައި އެގައުމުގެ ނިއުކްލިޔާ ރިއެކްޓަރުތަކުގައި ހަތަރު ހާހަށް ވުރެ ގިނަ ސެންޓްރިފިއުޖް މެޝިންތައް ބަހައްޓައި އެތަކެތި ޚިދްމަތަށް ނެރެފައެވެ. އަދި އީރާނުން ވަނީ އަމިއްލަ ޓެކްނޮލޮޖީގައި ސެންޓްރިފިއުޖް މެޝިންގެ އެންމެ ޒަމާނީ ވައްތަރުތައް އުފެއްދުމުގައި ވެސް ކާމިޔާބު ހޯދާފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އައިއޭއީއޭގެ ރިޕޯޓްގައި އީރާނުގައިވާ ޔޫރޭނިޔަމް 235ގެ ސްޓޮކް ވެސް ކުރިޔަށް ވުރެ އިތުރުވެފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އީރާނުގައިވާ ޔޫރޭނިޔަމް ފްލޮރައިޑް ގޭހުގެ ސްޓޮކް ވެސް މަތިވެފައިވާ ކަމަށް ބުނެފައިވެ އެވެ. އީރާނަކީ ވަސީލަތްތަކާއި އިލްމަށް ބަލާއިރު ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ ގައުމެއް ކަމަށާ ނަމަވެސް ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް އެގައުމުން އަދި ނުނިންމާ ކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)