ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައިގައި މިއަދު ހައްޔަރު ކުރި ސިފައިންގެ މީހާގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން މިރޭ ޖަހައިދީފި އެވެ.
~
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިރޭ ވިދާޅުވީ ހ. ހިލްޓަން އަޒްލީފް ރައޫފުގެ ބަންދުގެ ޝަރީއަތުގެ މަޖިލީހުގައި ފުލުހުން އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ޓެރަރިޒަމާއި ބިރުދެއްކުމާއި ގޭންގު ކުށްތައް ކުރުމާއި ގޭންގު ހިންގުމާއި އަދި ގޭންގު މެދުވެރިކޮށް ޖިނާއީ އެކިއެކި ކުށް ކުރަން ރޭވި ކަމުގެ ތުހުމަތު ކަމަށެވެ. އަދި ފުލުހުން ކުރި ތުހުމަތުތަކަށް ރިޔާއަތް ކުރުމަށްފަހު އޭނާގެ ބަންދަށް ފަސް ދުވަސް ކޯޓުން ޖަހައިދިނީ މިރޭ އިރާކޮޅު ކަމަށް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

އަފްރާޝީމްގެ މަރުގެ މައްސަލާގައި އިއްޔެ ބޭއްވި ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ ލިބޭ ހ. ލޮބީ ހުސައިން ހުމާން ބުނެފައި ވަނީ އަފްރާޝީމް މަރާލުމުގެ ކަންތައްތައް ރާވާފައިވަނީ އަޒުލީފު ކަމަށެވެ. އަދި އޭނާއަކީ ޒުވާނުން ބޭނުންކޮށްގެން ފައިސާ ދީގެން މާރާމާރީ ހިންގަމުންދާ މީހެއް ކަމަށާއި އަފްރާޝީމް މަރާލައިފިނަމަ ފައިސާގެ ގޮތުގައި ލިބޭ ހަތަރު މިލިއަން ރުފިޔާގެ އެޑުވާސް ފައިސާ ވެސް ލިބިފައި ވަނީ އަޒުލީފަށް ކަމަށް ހުމާން ވަނީ ޝަރީއަތުގައި ބުނެ އެވެ.

ޝަރީއަތުގެ މަޖިލީހުގައި ހުމާން އެވާހަތައް ކިޔައިދީފައިވާއިރު، މީގެ ކުރިން ވެސް އަޒުލީފު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ބަންދުން ވީއްލާފަ އެވެ.