މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާ ސަރުކާރުން ވަގުތީ ގޮތުން ހިންގަން ހަވާލުކުރި ކްލަބްފަރު ރިސޯޓް (ކ. ފަރުކޮޅުފުށި) އޮޕަރޭޝަން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުއްޓާލާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މަތީން މިއަދު ވިދާޅުވީ އެ ރަށުގެ އޮޕަރޭޝަން ހުއްޓާލުމަށް ފަހު ރަށާ ހަވާލުވުމަށް ޓޫރިޒަމް މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށެވެ.

"އެ ރަށުގައި މިވަގުތު އެއްވެސް ގެސްޓަކު ނުހުންނާނެ. އަޅުގަނޑުމެން އެރަށުގެ އޮޕަރޭޝަން ހުއްޓާލުމަށް ފަހު ރަށާ މެދު ވަކި ގޮތެއް ނިންމަންދެން ވަގުތީ ގޮތުން ބަލަހައްޓަމުން މިގެންދަނީ،" އޭނާ ވިދާޅުވި އެވެ.

މަތީން ވިދާޅުވީ ކްލަބްފަރު ހިންގުމަށް އެންމެ ފަހުން ދިން މުއްދަތު ހަމަވުމުގެ ކުރިން އެ ރަށް ހިންގަން އިތުރު މުއްދަތު ދިނުމަށް ޓޫރިޒަމް މިނިސްޓްރީގައި އެދުނު ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވީ ހުޅުމާލެ ހިއްކަން ފަށަން ދެން ރަށް ހިންގަން. އަދި ގެސްޓުން ގެނައި ނަމަވެސް އެއް މަސް ދުވަހުގެ ނޯޓިސްއާ އެކު ރަށް ހުސްކުރުމަށް ފަހު ހަވާލުކުރަން އަޅުގަނޑުމެން މަސައްކަތްކުރީ. އެކަމަކު އަދިވެސް އެތަން ހިއްކަން ފަށާނެ ދުވަހެއް ނޭނގެ. އެހެން ނަމަވެސް ސަރުކާރުން އެ ރަށާ ހަވާލުވަންދެން އަޅުގަނޑުމެން އެބަ ޖެހޭ އެތަނުގައި ބަޔަކު ބައިތިއްބައިގެން ބަލަހައްޓަން،" އޭނާ ވިދާޅުވި އެވެ.

މަތީން ވިދާޅުވީ ކްލަބްފަރުގައި ތިބި މުވައްޒަފުން މަދުވަމުން ގޮސް މިހާރު އެ ރަށުގައި ތިބީ ވިއްސަކަށް މީހުން ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައި ވަނީ ކްލަބްފަރު ހިންގަން އެމްޓީޑީސީއާ ހަވާލުކުރަން ނިންމީ، ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އެ ރަށް ހިއްކަން ފަށަންދެން ކަމަށެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ބިން ހިއްކަން ރާއްޖޭން ބޭރުގެ ދެ ކުންފުންޏަކާ މަޝްވަރާކުރަމުންދާ ކަމަށް ހުޅުމާލެ ތަރައްގީކޮށް ހިންގާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ދާދިފަހުން ބުންޏެވެ. ހުޅުމާލެ ބިން ހިއްކާއިރު އޭގެ ތެރޭގައި ކްލަބްފަރު ވެސް ހިމެނެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ކްލަބްފަރު އެ ކުންފުންޏާ ހަވާލުކުރަން ޓޫރިޒަމް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.