23 May 2013, 18:29
ތ. ފުނައްޑޫގައި ހިންގި މަސްފެކްޓްރީއާއި އެ ރަށާއި މަސްވެރިކަމުގެ ޒޯން3 އަދި 4 އަކަށް ދީފައިވާ މަސް ގަތުމުގެ ހުއްދައަށް ޝައުގުވެރިވާ ބަޔަކު ހޯދަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު އިއުލާންކޮށްފި އެވެ.
ފުނައްޑޫއަށް ޝައުގުވެރިވާ ބަޔަކު ހޯދަން ބޭންކުން އިއުލާންކުރީ، ފުނައްޑޫ އިންވެސްޓްމަންޓުން ނެގި ލޯނު، ކޯޓުން ކުރި ހުކުމާ އެއްގޮތަށް ނުދައްކައިގެން ރަހުނުކުރި ތަކެތި ބޭންކާ ހަވާލުކުރުމުންނެވެ.
ބޭންކުން ނެރުނު އިއުލާނުގައި ބުނެފައި ވަނީ ފުނައްޑޫ މަސް ފެކްޓްރީއާއި ކުއްޔަށްދީފައިވާ އެ ރަށާއި މަސްވެރިކަމުގެ ޒޯން 3 އަދި 4އަށް ދީފައިވާ މަސްގަތުމުގެ ލައިސަންސްއަށް ޝައުގުވެރިވާ ދިވެހި އަދި ބޭރުގެ ފަރާތްތަކުގެ މާލީ ގާބިލްކަން ހުރި މިންވަރު އަންގައިދިނުމަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) އަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ބޭންކުން ބުނީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާއިރު އެ ކުންފުންޏެއްގެ ޕްރޮފައިލާއި ކުންފުނީގެ އިސްވެރިންގެ ތަފުސީލް އަދި ފާއިތުވި ތިން އަހަރުގެ އޮޑިޓް ބަޔާނާއި މާލީ ގާބިލްކަން ހުރި މިންވަރު ވެސް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ބީއެމްއެލް އިން ނެރުނު އިއުލާނުގައި ބުނެފައި ވަނީ އެކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ފުނައްޑޫން ބީއެމްއެލް އިން ނެގި ލޯނު ދައްކާފައި ނުވާތީ ރަހުނުގެ ގޮތުގައި ހުށަހެޅި ރީތި ބީޗް ރިސޯޓް (ބ. ފޮނިމަގޫދޫ) އާއި ގއ. މަހައްދޫ ތ. ފުނައްޑޫގެ ވެރިފަރާތް ބީއެމްއެލް އިން އުފެއްދި ދެ ކުންފުންޏަށް ވަނީ މީގެ ހަފުތާއެއްހާ ދުވަސްކުރިން ބަދަލުކޮށްދީފަ އެވެ.
ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީންގެ ހިއްސާ ކުރިން އޮތް ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބޭންކުން ލޯނު ނަގާފައި ވަނީ ތ. ފުނައްޑޫގައިވާ ހުރިހާ އިމާރާތަކާއި އިންވެސްޓްމަންޓާއި ކަނބާލިފަރު އިންވެސްޓްމަންޓްސްގެ "މަޑިވަރު 3" ޔޮޓާއި ރީތި ބީޗް ރިސޯޓާއި ރިސޯޓުގެ އެންމެހާ މުދަލާއި ރިސޯޓާ ގުޅުން ހުރި އެ ތަނުގައި ބޭނުންކުރާ އެންމެހާ ތަކެއްޗާއި ލިބެން ޖެހޭ ފައިސާ ވެސް ރަހުނުކުރުމަށް ފަހު އެވެ. ލޯނުތަކަށް ފައިސާ ދައްކަމުން ނުދާތީ އިންޓްރަސްޓާ އެކު ދައްކަން ޖެހޭ އަދަދު 206 މިލިއަން ރުފިޔާ އަށް އަރައިފައިވެ އެވެ.