ޏ. ފުވައްމުލަކު ގެއެއްގެ ކޮޓަރީގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެ ކޮޓަރީގައި ހުރި ހުރިހާ އެއްޗެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

ފުވައްމުލަކު ކައުންސިލް އިދާރާގެ ރައީސް އަލީ ފަޒާލް ސަން އަށް މިއަދު ވިދާޅުވީ އަލިފާން ރޯވެގެން އުޅެނީ އެ ރަށު މާދަނޑު އަވަށު ޖަރީ ކިޔާ ގޭގެ ކޮޓަރިއެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ އެ ކޮޓަރީގައި ރޯވި އަލިފާން ގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އެ ހާދިސާގައި އެ ކޮޓަރި އާ އަދި އެ ކޮޓަރީގައި ގެންގުޅޭ ހުރިހާ އެއްޗެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައި ކަމަށެވެ.

"......އެ ކޮޓަރީގައި އަލިފާން ހިފުމުގެ ސަބަބުން މުޅި ސީލިންގައި، ހިފާ ގެންގުޅޭ ހުރިހާ ސާމާނު މި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި. އެކަމަކު އެ ގޭގެ އެހެން ތަނެއްގައި އަލިފާން ނުހިފަނީސް މި ވަނީ ކޮންޓްރޯލް ކުރެވިފައި،" ފަޒާލް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނާއި އެމްއެންޑީއެފް، އަދި އެ ރަށު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން މިއަދު ހަވީރު 4:25 ހާއިރު އެ އަލިފާންގަނޑު ނިއްވާ ލެވިފައިވާ ކަމަށާއި، އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވީ ސަބަބު މިހާރު ފުލުހުން ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ.