ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ރައީސް އާދަމް މުހައްމަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ހާޒިރުކޮށް ހޫނު ޒުވާބެއްގެ ތެރެއިން ކޮމެޓީ ހުއްޓާލައިފި އެވެ.

ޖޭއެސްސީގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ހާޒިރު ކުރީ އެމްޑީޕީގެ ޕާލެމެންޓްރީ ގްރޫޕްގެ ހަތަރު މެންބަރަކު ސޮއި ކުރައްވައި ޖޭއެސްސީ އާ ދެކޮޅަށް ކޮމެޓީ އަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެމްޑީޕީގެ ހަތަރު މެންބަރުން ސޮއި ކުރައްވައި މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީއާ ދެކޮޅަށް ދިވެހި ރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަށް ޖޭއެސްސީ އިން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޖޭއެސްސީގެ ރައީސް އާއި ނައިބް ރައީސް ސޮއި ކުރައްވައި ރައީސް ނަޝީދު ޖޭއެސްސީއާ ދެކޮޅަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަވަސް ކުރުމަށް އެދި ގާނޫނާއި ގަވާއިދުގެ ބޭރުން ސިޓީ ފޮނުވަމުންދާ ކަމަށާއި ހައިކޯޓުގެ އިސް ފަނޑިޔާރަށް ބިރުދެއްކުމުގެ ގޮތުން އޭނާ ޖޭއެސްސީ އަށް ހާޒިރު ކުރާ ކަމަށް އެމްޑީޕީގެ ޕާލެމެންޓްރީ ގުރޫޕްގެ ހަތަރު މެންބަރުން ސޮއި ކުރައްވައި ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

މިއަދުގެ ކޮމެޓީގެ ރިޔާސަތު ބެލެހެއްޓެވި ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ ދެކުނުދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ކޮމެޓީގެ ފްލޯ އަށް މައްސަލަ އިއްވެވުމަށް ފަހު، ޖޭއެސްސީގެ ރައީސް އަށް ޖަވާންދާރީވުމުގެ ފުރުސަތު ދިނުމުން ޖޭއެސްސީގެ ރައީސް ވިދާޅުވީ ކޮމެޓީ އަށް ހުށަހެޅިފައިވާ މައްސަލައަކީ މިހާރު ދިވެހި ރާއްޖޭގެ ހައިކޯޓަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅާފައިވާ މައްސަލައާ ގުޅުން ހުރި މައްސަލައެއް ކަމަށެވެ. އެހެން ކަމުން ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުންނާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން ޝަރީޢަތަށް ހުށަޅިފައިވާ އެއްވެސް މައްސަލައަކަށް އެއް ވެސް ފަރާތަކުން ނުފޫޒު ފޯރުވައި ނުވަތަ ނުފޫޒް ފޯރާ ފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. އެހެން ކަމުން ކޮމެޓީ އަށް ހުށަހެޅިފައިވާ މައްސަލަ އަކީ ކޮމެޓީ އަށް ބެލިދާނެ ނުވަތަ ކޮމެޓީ އަށް ކުރިއަށް ގެންދެވިދާނެ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެން ކަމުން ކޮމެޓީ އަށް ހުށަހެޅިފައިވާ މައްސަލައަކީ ކޮމެޓީ އަށް ބެލިދާނެ މައްސަލައެއްތޯ ސާފުކޮށްދެއްވުމަށް ކޮމެޓީގެ މުގައްރިރުގެ އަރިހުން އެދިވަޑައިގެންނެވި އެވެ.

"މި ސިޓީގައި އެބަ އޮތް ކޯޓަށް ހުށަހެޅިފައި އޮތް ގަޒީއްޔާއެއްގެ ވާހަކަ ދައްކާފައި. ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ ނ. ގައި އެބަ އޮތް ބުނެފައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ބަޔާން ކޮށްފައި އެބަވޭ. އަދި ދިވެހި ރާއްޖޭގެ ކޯޓްތަކުގެ ގާނޫނުގެ 20 ވަނަ މާއްދާގެ ށ. ގައި ރައްޔިތުންގެ މަޖިލީސް ހިމެނޭ ގޮތަށް މުޅި ދައުލަތުގެ އެންމެހައި ރައްޔިތުންގެ މައްޗަށް ސުޕްރީމް ކޯޓްގެ ނިންމުންތަކަށް ތަބާވުން ލާޒިމް ކޮށްފައި އެބަ އޮތް. މިގޮތުން 28 ނޮވެންބަރު 2012ގައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި އެބަވޭ ޝަރީޢަތަށް ހުށަހެޅިފައިވާ އެއް މައްސަލައެއްގައި ޝަރީޢަތުން ވަކި ގޮތެއް ކަނޑައެލުމުގެ ކުރިން އެ މައްސަލަޔަކަށް އަސަރުފޯރާ ފަދަ ގޮތަކަށް އެ މައްސަލައިގެ ހަސްމުންގެ ތެރޭގައި ނުހިމެނޭ ދައުލަތުގެ އެއްވެސް މުއްސަސާއަކުން ނުވަތަ އެ ނޫން ވެސް ފަރާތަކުން ކުރާ އަމަލަކީ ނުވަތަ ނިންމުމަކީ އޭގެ ޒާތުގައި ބާތިލުކަމެއް ކަމަށާއި މިބާވަތުގެ އެއްވެސް ކަމެއް އެއް ވެސް ފަރާތަކުން ނުކުރުމަަށް އަމުރުކޮށްފަ އޮތްކަން ވަރަށް ސާފްކޮށް އެގެން އެބަ އޮތް،" ޖޭއެސްސީގެ ރައީސް ވިދާޅުވި އެވެ.

ޖޭއެސްސީގެ ރައީސްގެ ވާހަކަފުޅަށް ޖަވާބު ދެއްވަމުން ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ މިހާރު ކޮމެޓީ އަށް ހުށަހަޅާފައިވާ މައްސަލަ އަކީ ކުރީގެ ރައީސް ނަޝީދު ހައިކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅުން ހުރި މައްސަލައެއް ނޫން ކަމަށެވެ. އަދި ކޮމެޓީ އަށް ހުށަހެޅިފައިވާ މައްސަލަ އަކީ ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ އަމުރާ ގުޅޭ ގޮތުން އަޅުގަނޑު ދަންނަވަން އޮތީ އަޅުގަނޑަށް ވިސްނު ގޮތުގައި އަޅުގަނޑުމެން މިތާ ދައްކަން މި އޮތީ ޝަރާޢަތަށް ހުށަހެޅިފަވާ މައްސަލައެއް ނޫން. މިތާނގައި މިހާރު އޮތް މައްސަލައަކީ ޝަރީއްތާ ގުޅުން ހުރި ޝަރީޢަތުގައި އޮތް މައްސަލައެއް ނޫން. މިތާނގައި މިހާރު އޮތް މައްސަލައަކީ ހައިކޯޓްގެ އިސްފަނޑިޔާރު ޖުޑިޝަލްސް ސާވިސް ކޮމިޝަނަށް ގެންދަވައިގެން ޖުޑަޝަލް ސާވިސް ކޮމިޝަނުން ރަނގަޅު އަމަލުތަކެއް ނޫން އަމަލުތަކެއް ކުރައްވާ ކަމަށް ކުރެވޭ ތުހުމަތު ތަކަކާ ގުޅިގެން ޖޭއެސްސީއާ ދެކެވޭ ވާހަކަތަކެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަފުޅަށް ފަހު ނިޒާމީ މައްސަލައެއް ނަންގަވައި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވީ އޭނާ ޖޭއެސްސީގެ ރައީސްގެ ވާހަކަފުޅަށް ފުރިހަމަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި ކޮމެޓީ އަށް ހުށަހެޅިފައިވާ މައްސަލައަކީ ކޮމެޓީ އަށް ބެލޭނެ މައްސަލައެއް ނޫން ކަމަށާއި ކޮމެޓީގެ މުގައްރިރު އެމްޑީޕީގެ ޕާލެމެންޓްރީ ގްރޫޕްގެ މެންބަރުންނާ ގުޅިގެން ކޮމެޓީ ކުރިއަށް ގެންދަވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި ނަޝީދަށް ފާޑުވިދާޅުވަމުން ރިޔާޒް ވިދާޅުވީ ނަޝީދު މަސައްކަތްޕުޅު ކުރައްވަނީ ރާއްޖޭގެ ކޯޓްތައް ފުނޑާލަން ކަމަށެވެ.

"އެމްޑީޕީގެ މެމްބަރުންނާ އެކުވެގެން ނަޝީދު ބޭނުން ވަނީ ފަނޑިޔާރުގެ ފުނޑާލަން. އަދި ހުޅުމާލޭ ކޯޓު އުވާލުމަށް ނަޝީދު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިރު، ކޮމިޓީގެ މުގައްރިރެއްގެ ގޮތުގައި ނަޝީދަކަށް ނުހުރެވޭނެ. ނަޝީދު މަސައްކަތްޕުޅު ކުރައްވަނީ ރާއްޖޭގެ ކޯޓްތައް ފުނޑާލަން،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ އޭނާ ކުރައްވާ މަސައްކަތަށް އޭނާ "ފަހުރުވެރިވާ" ކަމަށެވެ.

ކޮމިޓީގެ ބައްދަލުވުން ހޫނުވީ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު، ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދާ ކުރެއްވި ސުވާލުތަކަށް ޖަވާބު ނުދެއްވުމުންނެވެ.

އަލީ ވަހީދު ވިދާޅުވީ ހުޅުމާލޭ ކޯޓުގެ ބެންޗުގެ މައްސަލައިގެ އެއް ހަސްމަކީ ޖޭއެސްސީ ކަމަށްވާ އިރު، އެ މައްސަލަ ބައްލަވާ އިސް ފަނޑިޔާރު އާދަމް ޝަރީފު ކޮމިޝަނަށް ހާޒިރުކުރެއްވުމަކީ ޝަރީއަތަށް ނުފޫޒު ފޯރުވުން ކަމަށެވެ. ފަނޑިޔާރުންގެ މައްޗަށް ޖޭއެސްސީން ފިޔަވަޅު އެޅޭނެ ކަމަށާއި އެހެންވެ، އާދަމް ޝަރީފު ހާޒިރުކުރުމަކީ ނުފޫޒު ފޯރުވުންތޯ، ނުފޫޒު ފޯރުވުމަކީ ކޮބައިތޯ އަލީ ވަހީދު ސުވާލު ކުރެއްވެވި އެވެ.

"މުޅި ގައުމު ހަމަޖެހި، މުޒާހަރާތައް ނުކޮށް އޮއްވައި އާދަމް މުހައްމަދު ގައުމު ހަލަބޮލި މިކޮށްލަނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

އެންމެ ފަހުން ބައްދަލުވުން ހޫނުވެ މެންބަރުން އެއް މެންބަރަކު އަނެއް މެންބަރަކާ ދިމާލަށް ހަޅުތާލުކުރައްވަން ފެއްޓެވުމުން ކޮމެޓީ ހުއްޓަވާލެއްވި އެވެ. އަދި ދެން ކޮމެޓީ ބާއްވާނެ ވަކި ތާރީހެއް މުގައްރިރު ހާމަކޮށްފއެއް ނުވެ އެވެ. ކޮމެޓި ނިންމަވާ ލެއްވި އިރު ޖޭއެސްސީ އަށް ރައީސުލްޖުމްހޫރީއްޔާ ކަނޑައަޅުއްވާފައިވާ މެންބަރު އަހުމަދު ސަލީމު (ރޭނީސް ސަލީމް) އާއި ކޮމިޝަންގައި އާންމުންގެ ފަރާތުން އިންނަވާ ޝެއިހް ޝުޢައިބް އަބްދުއްރަހްމާނާއި އަދި ދަށު ކޯޓުތަކުގެ ފަރާތުން ޖޭއެސްސީގައި އިންނަވާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ހާޒިރުވެވަޑައިގެންތިއްބެވި އެވެ.