ދެހާސް ދިހަ ވަނަ އަހަރު ދިމާވި ފަދަ ބޮޑު ގޮވުންތައް ގޮވުމުގެ ކުރިން ދެނެގަތުމަށް ޓަކައި އައިސްލެންޑުގެ އަލިފާން ފަރުބަދަތައް މޮނިޓާކުރުމުގެ ބޮޑު މަޝްރޫއެއް އެގައުމުން ފަށައިފި އެވެ.

"ފިއުޗާވޮލްކް"ގެ ނަން ދެވިފައިވާ މިޕްރޮޖެކްޓުގެ ދަށުން އައިސްލެންޑުގެ ބޮޑެތި އަލިފާން ފަރުބަދަތަކުގައި މޮނިޓަރިންގް ސެންސާސް ހަރުކޮށް، "ރިއަލް ޓައިމް" ނުވަތަ ވަގުތުން ވަގުތަށް ލިބޭ ޑޭޓާ މޮނިޓާކުރަމުންދާނެ ކަމަށް އައިސްލެންޑުން ބުނެ އެވެ. މިމަޝްރޫއަކީ ޔޫރަޕުގެ އިއްތިހާދުގެ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މީގެ ތިން އަހަރު ކުރިން 2010ގައި އައިސްލެންޑުގެ ބޮޑު އަލިފާން ފަރުބަދައެއް ކަމަށްވާ "އޭވަލޭވަކަލް" ގޮވުމުގެ ސަބަބުން ޔޫރަޕުގެ ވައިގެ ސަރަހައްދުގައި ދުމުގެ ވިލާތައް އުފެދުމުގެ ސަބަބުން ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވަންދެން ޔޫރަޕުގެ ބޮޑު ބައެއްގެ ވައިގެ ސަރަހައްދު ބަންދުކުރަން މަޖުބޫރުވި އެވެ.

ޔޫރަޕުގެ ބޮޑު ބައެއްގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމުގެ ސަބަބުން ރާއްޖެއަށް ވެސް އެކަމުގެ އަސަރު ވަނީ ކޮށްފަ އެވެ. ޔޫރަޕުގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން މާޗު އަދި މޭ މަހު ރާއްޖެ އަށް އަންނަށް އުޅުނު ފަތުރުވެރިންނަށް ރާއްޖެ ނާދެވި، ޔޫރަޕުގެ އެއާޕޯޓުތަކުގައި ވަނީ ތާށިވެފަ އެވެ.

އައިސްލެންޑުގެ އޮފިޝަލުން ބުނީ ރަނގަޅަށް މޮނިޓާކުރެވެމުންދާ ނަމަ، އަލިފާން ފަރުބަދައެއް ގޮވުމުގެ އެތައް ގަޑިއިރެއް ކުރިން އެކަން ދެނެގަނެވޭނެ ކަމަށެވެ.