23 May 2013, 17:26
ޖައްވުގައި ހިނގައި ދިޔަ އެކްސިޑެންޓަކަށް ފަހު އިކުއެޑޯގެ ސެޓެލައިޓް "ޕެގަސަސް" އާ މުވާސަލާތީ ގުޅުން ކެނޑިފައިވުމުން، އެސެޓެލައިޓް އެއްކޮށް ހަލާކުވެފައިވާ ކަމުގެ ބިރު ހީވެފައިވާ ކަމަށް އިކުއެޑޯއިން ބުނެފި އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ޗައިނާގެ ޖިއުކުއާން ޖައްވީ ސެންޓަރުން ލޯންޗުކުރި ނެނޯސެޓެލައިޓް "ޕެގަސަސް" އަކީ ޖައްވުގައި އެނބުރެމުންދާ ސެޓެލައިޓްތަކުގެ ތެރެއިން އިކުއެޑޯއަށް ނިސްބަތްވާ ހަމައެކަނި ސެޓަލައިޓެވެ.
މިއެކްސިޑެންޓް ހިނގާފައި ވަނީ ޖައްވުގައި އެނބުރޭ ކުނި ބުނި ނުވަތަ "ސްޕޭސް ޑެބްރީ"ގެ ތެރެއިން ކުނިބުނި ގަނޑެއްގައި "ޕެގަސަސް" ޖެހުމުން ކަމަށް މައުލޫމާތު ލިބެ އެވެ. "ޕެގަސަސް" ދަތުރުކުރަމުންދިޔައީ އެކްސިޑެންޓެއް ހިނގާނެ މަގަކުން ކަން ތަޖުރިބާކާރުންނަށް ލަފާކުރެވިފައި ވަނީ ޖީއެމްޓީ ގަޑިން ފަސް ގަޑި ބައި ހާއިރު އެވެ.
"ޕެގަސަސް" އާ އެކްސިޑެންޓްވި ކުނިބުނީގެ މައިގަނޑު ބަޔަކީ 1985 ވަނަ އަހަރު ސޯވިއެޓް ޔޫނިއަނުން ލޯންޗުކުރި ރޮކެޓެއްގެ ފިއުލް ޓޭންކުގެ ބައެއް ކަމަށް މައުލޫމާތު ލިބެ އެވެ.
އިކުއެޑޯގެ ޖައްވީ އިދާރާ އިން ބުނީ އެކްސިޑެންޓުވިތާ މިހާރު 48 ގަޑިއިރު ވެފައިވާ އިރު، ސެޓެލައިޓާ އެކު މުވާސަލާތީ ގުޅުން ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމަށެވެ.
އިކުއެޑޯ އިން ބުނީ މިރޭގެ ވަގުތެއްގައި ރާޑަރުގެ އެހީގައި "ޕެގަސަސް" ހޯދުމުގެ މަސައްކަތްކުރާނެ ކަމަށެވެ.
މިއެކްސިޑެންޓް ހިނގާނެ ކަން ހޯދާފައި ވަނީ އެމެރިކާގެ ޖޮއިންޓް ސްޕޭސް އޮޕަރޭޝަންސް ސެންޓަރުން ނެވެ. ޖޮއިންޓް ސްޕޭސް އޮޕަރޭޝަންސްއިން ބުނެފައި ވަނީ ސޯވިއެޓް ރޮކެޓެއްގެ ފިއުލް ޓޭންކަކާއި ޕެގަސަސް ސެޓެލައިޓް ދަތުރުކުރަމުންދަނީ އެމަގަކުން، އެކަކު އަނެކަކާއި ދިމާލަށް ކަމަށާއި އިންޑިއާ ކަނޑުގެ މަތިން މަޑަގަސްކަރައާއި 1500 ކިލޯމީޓަރު އިރުމަތިން މިދޭތި ޖެހި އެކްސިޑެންޓެއް ހިނގާނެ ކަމަށެވެ.
ޖޮއިންޓް ސްޕޭސް އޮޕަރޭޝަންސް ސެންޓަރަކީ ޖައްވުގައި އެނބުރޭ 22،000 އޮބްޖެކްޓެއް ޓްރެކްކޮށް މޮނިޓާކުރަމުންދާ ސެންޓަރެކެވެ. މިސެންޓަރުން މޮނިޓާކުރަމުންދާ އޮބްޖެކްޓުތަކުގެ ތެރެއިން 87 އިންސައްތައަކީ "ސްޕޭސް ޑެބްރީ" އެވެ.