ހަމައެކަނި ދިވެހި ރައްޔިތަކަށް ނުވަތަ ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީގެ ފިހާރަތައް ކުއްޔަށް ދޫކުރާ ގޮތަށް ހަމަޖައްސައިފި އެވެ.


މި މަހު 24 ގައި ފިނޭންސް މިނިސްޓްރީން ގެޒެޓުގައި ކޮށްފައިވާ އިލާނެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީން ކުއްޔަށް ދޫކުރާ ތަންތަން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލަށް 15 ބަދަލެއް ގެނެސްފައިވާ ކަމަށެވެ.


ކުއްޔަށް ދޫކުރުމުގެ އުސޫލަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ފިހާރަ އަށް ބިޑް ހުށަހެޅީ އެންމެ ފަރާތަކުން ނަމަ އެ ބިޑު ބާތިލުކޮށް އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރަށް ބިޑު ހުށަހަޅާއިރު ބިޑު ސެކިއުރިޓީގެ ގޮތުގައި 50،000 ރުފިޔާ ބަހައްޓަން ޖެހޭނެ ކަމަށާއި ބިޑް ސެކިއުރިޓީ ފައިސާ ދޫކުރެވޭނީ ކުއްޔަށް ދޫކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށް އެ މިނިސްޓްރީ އަށް ދައްކަން ޖެހޭ ކުލި ހަމައަށް ދެއްކުމުން ކަމަށެވެ.


ކޮންމެ ފަރާތަކަށް ވެސް އެއް ބިޑު ހުށަހެޅޭއިރު ކުއްޔަށް ހިފުމަށް ހުށަހަޅާ އަގުތައް ހާމަކުރުމަށް ފަހު ބީލަން ކާމިޔާބުކުރާ ފަރާތާ އެކު އެގްރީމަންޓް ކުރުމުގެ ކުރިން ބިޑަށް ކުރިމަތިލީ އެއްވެސް ފަރާތަކުން އެ ބިޑު ބާތިލުކުރުމަށް ނުވަތަ ދޫކޮށްލުމަށް އެދެފި ނަމަ އެފަރާތަކުން ހުށަހަޅާފައިވާ ބިޑް ސެކިއުރިޓީ އަނބުރާ ނުދެވޭނެ ކަމަސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.


ބިޑު ކާމިޔާބު ކުރާ ފަރާތުން ފިހާރަ ކުއްޔަށް ހިފުމާ ބެހޭ އެއްބަސްވުމުގައި ސޮއި ކުރުމުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 10 އަހަރަށް ހުށަހަޅާފައިވާ ކުލީގެ ނިސްބަތުން މަހަކަށް އެވަރެޖްކޮށް ޖެހޭ ކުލީގެ ރޭޓުން ދެ މަސް ދުވަހުގެ ކުއްޔަށްވާ ފައިސާ އެ މިނިސްޓްރީގައި ބަހައްޓަން ވާނެކަމަށް އެ އިއުލާނުގައިވެ އެވެ. ދެ މަސްދުވަހުގެ ކުލި އެއްފަހަރާ ދެއްކުމަށް ދަތިވާ ފަރާތްތަކުން އެއް މަހުގެ ކުއްޔަށްވާ ފައިސާ އެއްފަހަރާ ދެއްކުމަށް ފަހު ދެވަނަ މަހުގެ ޑިޕޮސިޓް ފައިސާ ހަ މަސް ދުވަހަށް އެއްވަރަށް ބަހާލައިގެން ދެއްކިދާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.


ކުލި ދެއްކުމަށް ހަމަޖެހިފައި ވަނީ ކޮންމެ މަހެއްގެ ވެސް 10 ވަނަ ދުވަހުގެ ކުރިންނެވެ. ފިހާރަ ކުއްޔަށް ހިފާފަރާތުން އެހެން ފަރާތަކަށް ފިހާރަ ކުއްޔަށް ނުދެވޭނެ ކަމަށާއި އެހެން ފަރާތެއްގެ މުދާ އެ ފިހަރައެއްގައި ހުރިކަން އެނގިއްޖެ ނަމަ އެގްރިމަންޓް ބާތިލުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އަދި ތަން ކުއްޔަށް ހިފާއިރު ކުރަން ޖެހޭ މަރާމާތުތައް ކުރަން ޖެހޭނީ އެފަރާތަކުން އަމިއްލަ އަށް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.