14:30


ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިންގެ ހާއްސަ ރަސްމިއްޔާތެއް ރޭ ބާއްވައިފި އެވެ.


ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ބޭއްވި އެރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ފަޟީލަތުއްޝައިޚް އިބްރާހިމް ޒަކަރިއްޔާ މޫސާ ދެއްކެވި ވާހަކަފުޅު ޤައުމެއްގެ މުޅި އާބާދީ، ޤައުމެއްގެ އެންމެހާ ފަރުދުން ޝާމިލްވާގޮތަށް ދީނެއް ޤަބޫލުކުރުމަކީ އެހާދިސާއިން އިބްރަތްތަކެއް ހާސިލްވާނެ ހާދިސާއެއް ކަމަށާއި، އަޅުގަނޑުމެންގެ ކާބަފައިން ނިންމި މިވަރުގަދަ ނިންމުމަކީ އެއާމެދު ވިސްނާނުލާ ދޫކޮށްލެވޭވަރުގެ ނިންމުމެއް ނޫން ކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖޭގެ ތާރީޚްގައި މިވީ 186 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 12 ހަނގުރާމަ އަޅުގަނޑުމެންގެ ކާބަފައިން ކޮށްފައިވާ ކަމަށާއި، މިހުރިހާ ހަނގުރާމައެއްގައިވެސް ކާބަފައިން ޖިހާދުކޮށްފައިވަނީ އިސްލާމްދީން މިޤައުމުގައި ދެމެހެއްޓުމުގެ މަތިވެރި އަޤީދާ ހިތުތެރޭގައި އޮވެގެން ކަމަށް ޒަކަރިއްޔާ މޫސާ ވިދާޅުވި އެވެ.


ރޭގެ ރަސްމިއްޔާތުގައި ކޯސްޓްގާޑުގެ ކޮމަޑާންޓް ބްރިގޭޑިއާރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިންގެ މިނިވަންކަން ގެއްލި، އަޅުވެތިކަމާއި ބިރުވެރިކަމުގެ ތެރެއަށް ގެއްލިދާ ކޮންމެ ފަހަރަކު ދިވެހި ދަރިން އެއްބައިކުރުވާފައި ވަނީ މަތިވެރި އިސްލާމްދީން ކަމަށް ވިދާޅުވި އެވެ. އަދި ރަސްމީ ސިފައެއްގައި ރާއްޖެ އިސްލާމްވީ ދުވަސް ސިފައިން ފާހަގަކުރަނީ، ދިވެހި ސިފައިންގެ މަސްދަރަކީ ޤާނޫނު އަސާސީ ކަމަށް ވީހިނދު ދީނީ މުނާޞަބަތުތައް ފާހަގަކުރުމާއި، ދީން ހިމާޔަތްކުރުމާއި، ދީނީ ރޫޚް އާލާކުރުމަކީ ދިވެހި ސިފައިންގެ މައްޗަށް ލާޒިމް ކަމެއް ކަމުގައިވާތީ ކަމަށްވެސް ކޮމަޑާންޓްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. މީގެ އިތުރުން، ޤައުމީ މަސްލަހަތަށާއި، ޤައުމީ އެއްބައިވަންތަކަމަށް ނުރައްކާވާފަދަ ލާދީނީ ކަންކަމާއި، ދީނީ ބައިބައިވުންތަކާއި، ހަރުކަށި އުސޫލުތަކުން މިލޮބުވެތި ވަޠަން ރައްކާތެރިކުރުމަށް ޓަކައި ބަލަންޖެހޭ ބެލުންތައް ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، އެތެރެއިންނާއި ބޭރުން އަންނަ ލާދީނީ އޮއިވަރުތަކުގައިޖެހި ދީނީ އަޤީދާ ބަލިކަށިވެ ނިކަމެތިކުރާކަށް އެއްވެސް ފުރުޞަތެއް ނުދޭނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށްވެސް ކޮމަޑާންޓް ވިދާޅުވި އެވެ.


ރޭގެ އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލްއާ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާރ ޖެނެރަލް ފަރުޚަތު ޝަހީރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.