ސަލްޓަންޕާކުފައި ބޮންގޮއްވާލި ހިސާބުން ފެށިގެން ރާއްޖެ އަށް ޓެރަރިޒަމްގެ ބިރު އޮތްކަން އެނގިގެން ގޮސްފައިވާ ކަމަށް އެޓާނީ ޖެނެރަލް އައިޝަތު ބިސާމް ވިދާޅުވެއްޖެ އެވެ.

ފުލުހުންނަށް އަމާޒުކޮށްގެން ކުރިއަށްގެން ދިޔަ ޕޮލިސް ލީޑާސް ރޯލްއިން ކޮމްބެޓިން ޓެރަރިޒަމް ވޯކްޝޮޕް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވުމަށް ވަޑައިގެން އޭޖީ ވިދާޅުވީ 2007 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސަލްޓަން ޕާކްގައި ބޮން ގޮއްވާލި ހަބަރާ އެކު ރާއްޖޭގައި ވެސް ޓެރަރިޒަމްގެ ބިރު އޮތްކަން އެނގިގެން ހިނގައްޖެ ކަމަށެވެ. އަދި އެކަމަކީ ރާއްޖޭގައި ވެސް ޓެރަރިޒަމްގެ ބިރު ފުޅާވެގެންދާ ކަމުގެ ހެއްކެއް ކަމަށް އޭޖީ ފާހަގަކުރެއްވި އެވެ.

މިމަހުގެ 12 ވަނަ ދުވަހު ފެއްޓި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭޖީ ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގައި ބާރު ސްޕީޑެއްގައި ޓެރަރިޒަމްގެ އަމަލުތައް ފެތުރެމުންދާ ކަމަށާއި އެ މީހުންގެ އަމަލުތައް ރާއްޖެއާ ހަމައަށް އައިސް ރާއްޖޭގައި ވެސް އެފަދަ އަމަލުތައް ހިންގައިފައިވާތީ ލޯ ހުޅުވައިގެން ތިބެން ޖެހިފައިވާ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެން ދިޔަ ސެމިނާގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް ޓެރަރިޒަމާ ގުޅޭ ގޮތުން ދެއްކެވި ވާހަކައަށް އަލިއަޅުވާލައްވައި ބިޝާމް ވިދާޅުވީ ސެމިނާތަކާއި ވޯކްޝޮޕްތައް ބާއްވައިގެން ޓެރަރިޒަމާ ދެކޮޅަށް މިހާރު ތެދުވަންޖެހިފައިވާ ކަމަށެވެ.