މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 7:15 އެހައިކަންހާއިރު ހިތައްފިނިވާމަގުގައި ހުންނަ “ހޯމް އެކްސް” ފިހާރަތެރެއަށް އިތުރު ބަޔަކާއެކު ތޫނު ހަތިޔާރު ހިފައިގެން ވަދެ އެފިހާރަތެރޭގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލި ކަމުގެ ތުހުމަތުގައި މީހަކު ހޯދަން އިއުލާން ކޮށްފި އެވެ.

ވަޅި ހެރިކަމުގެ ތުހުމަތުގައި ހޯދުމަށް ފުލުހުން އިއުލާން ކޮށްފައިވާ މީހަކީ ގއ. ކޮނޑޭ، ދާރުލްގަރާރު، އަބްދުﷲ ނާސިހު، 18، އެވެ.

ފުލުހުން ކުރި އިއުލާންގައި އަބްދުﷲ ނާސިހު އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ލަސްނުކޮށް އެ މައުލޫމާތު ފުލުހުންނަށް ހިއްސާ ކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

"އަބްދުﷲ ނާސިހްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ އެކަން މޯލްޑިވްސް ޕޮލިސް ސާވިސްގެ 3322111 ނުވަތަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުން އެދެމެވެ،" ފުލުހުންގެ އިއުލާންގައި ބުނެފައި ވެއެވެ.

އަބްދުﷲ ނާސިހު އާ ބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މިފަހަކަށް އައިސް މާލޭގައި ހިންގި ވަޅިހެރުމުގެ ހާދިސާތަކާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ ވަޅިހެރިކަމަށް ތުހުމަތު ކުރެވޭ މީހުންނާއި ވަޅިހެރުމުން އަނިޔާ ލިބުނު މީހުންނަކީ ވެސް ވައްކަމާއި ފޭރުމާއި މާރާމާރީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮތް ބައެއް ކަމަށެވެ.