ރާއްޖޭގައި ބޮޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމަށް މެލޭޝިޔާގެ ނެކްސްބިޒް ލިމިޓެޑާ ހަވާލު ކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެ ކުންފުންޏަށް ނާޖާއިޒް ފައިދާ ހޯއްދަވައި ދެއްވި ކަމަށް ބުނެ ދައުލަތުން ކުރި ދައުވާ އަށް ފިނޭންސް މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް އިންކާރު ކުރައްވައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން ސާމީ ވިދާޅުވީ ދައުވާ އަށް އިންކާރު ކުރާ ކަމަށާއި އެ މައްސަލައިގައި ކުރިއަށްދާން ބޭނުންވަނީ ގާނޫނީ ވަކީލަކާ އެކު ކަމަށެވެ.

ސާމީ އެގޮތަށް އެދިވަޑައިގަތުމުން އިސް ގާޒީ އަބްދުﷲ މުހައްމަދު ވަނީ ގާނޫނީ ވަކީލަކު އައްޔަން ކުރެއްވުމަށް ތިން ދުވަހުގެ މުހުލަތެއް އޭނާ އަށް ދެއްވާފަ އެވެ.

ސާމީގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ އުސޫލުތަކާ ޚިލާފަށް ތިން ކަމެއް ކުރެއްވި ކަމަށް ތުހުމަތު ކޮށެވެ.

އެގޮތުން ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެހާސް ނުވަ ވަނަ އަހަރު ފިނޭންސް މިނިސްޓްރީން ކުރި އިއުލާނާ ގުޅިގެން ނެކްސް ބިޒުން ކުރިމަތިލާފައި ވަނިކޮށް އެ ކުންފުނި ޝޯޓު ލިސްޓް ކޮށް ބިޑު ހުށަހެޅުމަށް ފިނޭންސުން އެންގުމުން އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނަވައި، ޓެންޑާ ބޯޑުގެ ސެކްރެޓޭރިއަޓްގެ މަސައްކަތާ ހަވާލުވެ، ކޮންސޯޓިއަމް އެއްގެގޮތުގައި ނެކްސްބިޒް ބަލައިގަނެ، ސާމީ އެ ކުންފުނި އިވެލުއޭޓް ކޮށްފައިވާ ކަމަށް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ އާމިނަތު ރާޔާ އަލީ ވިދާޅުވި އެވެ.

ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ރާޔާ ވިދާޅުވީ ޓެކްނިކަލް ބިޑު އިވެލުއޭޝަނަށް ކަނޑައެޅިފައި އޮތް 60 މާކްސްގެ ތެރެއިން 20 މާކްސްގެ ބައި ސާމީ އަމިއްލައަށް ފުރިހަމަ ކުރުމަށް ފަހު ފައިނޭންޝަލް ބިޑު އިވެލުއޭޓް ކޮށްފައި ވަނީ ނެކްސްބިޒުން ހުށަހެޅި ލެޓާ އޮފް ޓެކްނިކަލް ބިޑާއި، ފައިނޭންޝަލް ބިޑުގެ ސައްޚަކަން ދެމި އޮންނާނެ ކަމަށް ބުނެފައިވާ މުއްދަތު ހަމަވެ، ބިޑުގެ ސައްޚަކަން ގެއްލިފައި ވަނިކޮށް ކަމަށެވެ.

ފައިނޭންޝަލް ބިޑުގެ ޕްރައިސް ޕްރޮޕޯސަލް އިވެލުއޭޓް ކުރުމަށް ވަކިގޮތެއް ކަނޑައަޅާފައި ވަނިކޮށް ނެކްސްބިޒަށް ފަހިވާގޮތަށް މާކްސް ދިނުމުގެ އުސޫލު ބަދަލުކޮށްގެން ސާމީ އަމިއްލައަށް އެ ބިޑަށް މާކްސް ދީފައިވާ ކަމަށް ވެސް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ރާޔާ ވިދާޅުވި އެވެ.

ސާމީގެ މައްޗަށް އެ ދައުވާ ކޮށްފައި ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ.

އެ މައްސަލައިގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް ވެސް ދައުލަތުން ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާއެއް ހޯއްދަވައި ދެއްވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އޭނާ ވެސް ވަނީ ދައުވާ އަށް އިންކާރު ކުރައްވާފަ އެވެ.