23 May 2013, 15:28
ދަރުބާރުގެ ހިންގުން ދިވެހި ކުންފުންނި، ޑިޒައިން ބިލްޑް ސޮލިއުޝަން އާ ހަވާލުކުރުމަށް ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު "ސަން" އަށް ވިދާޅުވީ އަމިއްލަ ހަރަދުގައި ދަރުބާރުގެ ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރުމުން ހަތަރު ފަރާތަކުން ކުރިމަތިލާފައިވާ ކަމަށާއި އެފަރާތްތަކުގެ ތެރެއިން ޑިޒައިން ބިލްޑް ސޮލިއުޝަން އަށް ދިނުމަށް ނިންމީ އެ ކުންފުނިން ދަރުބާރުގެ ހިންގައިގެން ލިބޭ އާމްމުދަނީގެ 50 ޕަސެންޓް ދައުލަތަށް ދޭގޮތަށް އެއްބަސް ވުމުން ކަމަށެވެ.
"ދަރުބާރުގޭ މިހާރު މިހަވާލުކުރާ ގޮތުން އެއްވެސް ހަރަދަކާ ނުލައި ދަރުބާރުގެ ހިންގައިގެން ސަރުކާރަށް ބޮޑު އާމްމުދަނީއެއް ލިބޭނެ. އެތަން ހިނގުން އަމިއްލަ ބަޔަކާ ހަވާލުކުރި ނަމަވެސް ސަރުކާރުގެ ހާއްސަ ޖަލްސާ ފަދަ ހަފްލާތައް އެތަނުގައި ބޭއްވޭނެ،" ސުޖާއު ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ 10 އަހަރު ދުވަހަށް ދަރުބާރުގެ ހިންގުމަށް އެ ކުންފުންޏާ ހަވާލުކުރުމުގެ އެގްރިމެންޓުގައި ވަރަށް އަވަހަށް ސޮއިކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މީގެ ކުރިން ދަރުބާރުގެ ހިންގައިގެން ދައުލަތަށް އަހަރެއްގެ މައްޗަށް އެއް ބިލިއަން ރުފިޔާ ލިބޭއިރު އެކިއެކި ބިލްތައް ދެއްކުމުން ދައުލަތަށް މާބޮޑު އެއްޗެއް ނޯންނަ ކަމަށާއި ނަމަވެސް އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމުން ދައުލަތުން ހަރަދެއް ނުގޮސް ތިން ބިލިއަން ރުފިޔާ އަހަރެއްގެ މައްޗަށް ދަރުބާރުގެއިން ލިބޭނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.
ދަރުބާރުގެ ހިންގުން އަމިއްލަ ބަޔަކާ ހަވާލުކުރާ އިރު އެ ތަނަކީ ސަރުކާރުގެ ބޮޑެތި ޖަލްސާތަކާއި ތަފާތު ޕާޓީތަކާއި ތަފާތު އިވެންޓްތައް ބޭއްވުމަށް މިހާރު ވެސް ބޭނުންކުރަމުން އަންނަ ތަނެކެވެ.